ދުނިޔެ

ލަންކާ މުސްލިމުންނަށްދޭ ހަމަލާތަކުގައި 60 މީހުން ހައްޔަރުކޮށްފި

May 15, 2019

ކޮލޮމްބޯ (މެއި 14) - މިދިއަ ހޯމަ ދުވަހުން ފެށިގެން ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް އެކި ހިސާބުތަކުގައި ދެމުންދާ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 60 މީހުން ހައްޔަރުކޮށްފައިވާއިރު، މުޅި ގައުމުގައި ރޭ ވެސް ވަނީ ކާފިއު ހިންގައިފަ އެވެ.

އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން މިދިއަ މަހު ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ގިނަ ބައެއްގެ ރުޅިވެރިކަން ވަނީ އަމާޒުވެފަ އެވެ.

އެގޮތުން، އެކި ހިސާބުތަކުގައި މިސްކިތްތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް ގުރޫޕުތަކުން ނުކުމެ ގެއްލުންދީ ލޫޓުވަމުންދާއިރު، އެ ހަމަނުޖެހުންތަކުގައި މިހާތަނަށް މުސްލިމު ފިރިހެނެއް ވަނީ މަރާލައިފަ އެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 60 މީހުން ހައްޔަރުކޮށްފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ކަނާތުފިޔައިގެ ބުޑިސްޓް ގުރޫޕެއްގެ ލީޑަރުވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގުރޫޕުތަކުން ނުކުމެ ދެމުންދާ ހަމަލާތަކުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާނީ މުސްލިމުންގެ އާބާދީ ބޮޑު ހުޅަނގު ދެކުނު ސަރަހައްދަށެވެ. ހޯމަ ދުވަހުގެ ހަމަލާތައް ހުއްޓުވަން ފުލުހުން ވަނީ ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ.

ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ގައުމާ މުހާތަބުކުރައްވައި، އަމަން ނަގާލަން މަސައްނުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން، ބޮމުގެ ހަމަލާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ކުރަމުންދާ ތަހުގީގަށް ހުރަސް އެޅޭނެކަމަށް ރަނިލް ވަނީ ވިދާޅުވެފަ އެވެ.

ހާލަތު އިތުރަށް ގޯސްވިއަ ނުދޭން ހަމަލާތަކުގެ ފަހަތުގައި ތިބި މީހުންނަށް ހައްގު އަދަބުދޭން އދ. އިން ވަނީ ލަންކާ ސަރުކާރަށް ގޮވާލައިފަ އެވެ.

ލަންކާގެ 22 މިލިއަން މީހުންގެ އާބާދީގެ 10 ޕަސަންޓަކީ މުސްލިމުންނެވެ. އަދި މިދިއަ މާޗު މަހު ވެސް ބުޑިސްޓުން އިސްވެ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ސަރުކާރުން ވަނީ ކުއްލި ހާލަތުވެސް އިއުލާނުކުރަންޖެހިފަ އެވެ.

ހަމަލާތައް އަމާޒުވެފައިވަނީ ކޮލޮމްބޯގެ ދެކުނުން އޮންނަ ސަރަހައްދުތަކަށް

  • ލަންކާގެ ހުޅަނގު ދެކުނުން އޮންނަ ކިނިޔާމާ ނަމަކަށް ކިޔާ ސަހަރެއްގައި ހުރި މިސްކިތަށް ބަޔަކު ވަދެ ގެއްލުން ދިނުމަށްފަހު، މިސްކިތް ތެރޭގައިހުރި ހަތިމުތައް ވެސް ވަނީ އުކާލާފައި.
  • ކްރިސްޓިއަނުން ގިނަ ޗިލައުގައި ފޭސްބުކްގައި ހިނގި ދެބަސްވުމެއްގައި މުސްލިމުންގެ ފިހާރަތަކާއި މިސްކިތްތަކަށް ވަނީ ހަމަލާދީފައި.
  • ޕުއްތަލަމް ޑިސްޓްރިކްޓުގައި ގުރޫޕަކުން ތޫނު އެއްޗަކުން ހަމަލާދީ މުސްލިމު ފިރިހެނެއް ވަނީ މަރާލާފައި.
  • ހެއްޓިޕޮލާގައި މުސްލިމުންގެ ތިން ފިހާރައެއްގައި ވަނީ ރޯކޮށް އަންދާލާފައި.
  • މިނުވަންގޮޑާގައި ހުރި ޕާސްޓާ ފެކްޓަރީއެއްގައި ވަނީ ރޯކޮށްލާފައި.

މިނުވަންގޮޑާގައި ހުރި މުސްލިމު ވިޔަފާރިވެރިއެއްގެ ޕާސްޓާ ފެކްޓަރީއަށް ބޮޑު ގުރޫޕަކުން ވަދެ ގެއްލުންދެމުންދިއަ އިރު ފުލުހުން އަޅާނުލައި ބަލަންތިބި ކަމުގެ ތުހުމަތުވަނީކޮށްފަ އެވެ. މުވައްޒަފުން އެތެރޭގައި ތިއްބާ، އެ ގުރޫޕުން ފަހުން ވަނީ އެ ފެކްޓަރީގައި ރޯކޮށްލައިފަ އެވެ. ނަމަވެސް، އެ ހާދިސާގައި މީހަކަށް މާބޮޑު ގެއްލުމެއް ނުލިބޭކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ހަމަނުޖެހުން ހިންގާ މީހުންނާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނުބައި މައުލޫމާތު ފެތުރުން ހުއްޓުވުމަށް ބައެއް ސޯޝަލް މިޑިއާ އެޕުތައް ސަރުކާރުން ވަނީ އަލުން ބްލޮކުކޮށްފަ އެވެ.