(13 މެއި 2019 އާ ގުޅޭ)
"އަދި އަންނާނެ މަންހާ މިގެއަށް، އެއީ އަހަރުމެން ދެމީހުންގެ ފްރެންޑެއް...........ޒާރާއަށް އެންމެ ރަނގަޅުތަ މަންހާ މިގެއަށް ގެނެޔަސް..........ޒާޔާ އެއްކޮށް މިގޭގަ އުޅެން އަޔަސް.........." ދާއިންގެ އެބަސްތަކުގައިވަނީ ތަފާތު މާނައެއްކަން ދުރުނޫން ހިސާބެއްގައި މަޑުކޮއްލައިގެން ހުރި މޫމިނާއަށް އެނގުނެވެ. އަދި މޭޒުމަތީގައި ހުރި ތަށިތައްނަގަމުންދިޔަ އިމީގެ ނަޒަރު މަންހާ އާއި ވަކިނުވެއެވެ. ޒާރާ މަންހާ އާއިގެން އުޅުނުވަރުން އޭނަގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.
"ދެން ދަނީ އިނގޭ، މަންހާ އޮފީހަށް ދާންޖެހޭނެއެއްނު ދޯ، އެހެން ދުވަހަކުން އަންނާނަން، ޒާއަށް މިކަހަލަ ހެދުމެއް ހިފައިގެން..................." މަންހާ ހިނިތުންވެލަމުން ބުނެލިއެވެ. މަންހާ ޒާރާގެ އަތުގައި އޮތް ބުދުގައި ފިރުމާލިގޮތުންވެސް އޭނައަށް މަންހާ ކަމުދިޔައެވެ. އެގޮތަށް އެހާ ގާތްކޮށް އޭނަ އާއި ވާހަކަދައްކާލި ރަޙުމަތްތެރިއަކު ނެތެވެ. ކޮންމެ މީހަކުވެސް ބުނަނީ އޭނައަކީ ބަލިމީހެއްކަމެވެ. އެއީ އޭނަ އަޑުއަހަން ބޭނުންނުވާ ޖުމްލައެވެ. އޭނައަކަށް އޭނަ ބައްޔެއްނޫނެވެ. އޭނަށް އޭނަގެ އަތުގައި އޮތް ބުދުފެންނަނީ ކުޑަ ކުއްޖެއް ފަދައިންނެވެ. ދުވަސްތަކާއި ވަގުތަކީ އޭނަގެ ސަމާލުކަން ދޭކަންތައްތަކެއްނޫނެވެ.
"ތެންކިޔު..............." ލިފްޓުގެ ތެރޭ ފަޓުލޫނު ދެޖީބަށް އަތްޖަހާލައިގެން އިސްޖެހިފައިހުރި ދާއިން ބުނެލިއެވެ. މިފަހަރު ދާއިންގެ އަތުގައި ހިފާލީ މަންހާއެވެ.
"ޝުކުރުއަދާކުރަންވީ ކޮންކަމަކާ.............ދާއިން އަހަރެން ބޭނުންވާހާ ދުވަހަކު އަހަރެން މިހިރީ ދާއިން އާއިއެކު، އެކަމަކު އަހަރެން ދޫކޮއްލަން ބޭނުންވެއްޖެނަމަ އޭގެ ކުރިން އަހަރެންގެ ފުރާނަ އަހަރެންގެ ހަށިގަނޑާ ވަކިކޮއްދޭތި، ދާއިން އާއިނުލާ އަހަރެންގެ ދިރިހުރުން ވޭނަކަށް ވާނެކަން ޔަގީން، އަދިއަމުދުން މިހާރު..........މިހާގާތްވުމަށްފަހު ދުރުވާކަށް އަހަރެން ބޭނުމެއްނޫން............" މަންހާ ދާއިންގެ އަތުގައި ހިފައިގެން ހުރެ ގާތްވެލިއެވެ.
"އަހަރެން މަންހާ އާއި ކައިވެނިކުރަން މިއުޅެނީ ދުވަހަކުވެސް މަންހާ ދޫކޮއްލާނަމޭ ހިތުގަލައިގެންނެއްނޫން.............ޒާރާއަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައިކަމުގައިވާއިރު ކައިވެންޏަށްފަހު މަންހާގެ ހައްގުތައް އުނިވިޔަ ނުދޭނަން..........އަހަރެން ދުވަހަކުވެސް ހަނދާންނައްތައެއްނުލާނަން، އަހަރެންގެ ދެވަނަ އަންބަކު އިންކަމެއް........." ދާއިން އޭނަގެ އަތުގައި ހިފާލައިގެން ހުރި މަންހާގެ އަތުގައި އަތްލަމުން އޭނައަށް ބަލާލިއެވެ.
"އަހަރެންގެ މަންމަގެ ހިޔާލު ވަރަށް ތަފާތުވާނެ، ބިރުވެސްގަނޭ................އަހަރެން ބުނިން މަންމަ ގާތު ދާއިން ބައްދަލު ކުރަން ބޭނުންވާ ވާހަކަ، މަންމަ ހުރީ ދާއިން އާއި ބައްދަލު ކުރަން ތައްޔާރަށް.......ބުނީ މިރޭގެ އަށެއް ޖަހާކަން ހާއިރު ރަނގަޅުވާނެކަމަށް...........ދާއިން..............." ލިފްޓު ހުއްޓުނު އަޑާއިއެކު މަންހާ ދާއިން އާއި ދުރަށް ޖެހިލަމުން ދައްކަން އުޅުނު ވާހަކަ މެދުކަނޑާލިއެވެ.
"މަންހާ ކަންތައްތަކާ މާއަވަހަށް ކަންބޮޑުވަނީ، މަންމަ ކޮންމެ ޖަވާބެއް ދިނަސް އަހަރެންގެ މައްސަލައެއްނެތް، އަހަރެން މިހިރީ މަންހާ އާއި ކައިވެނި ކުރާގޮތަށް، ދެން އިތުރަށް ކަންކުރަންވީ ގޮތް އެނގޭނީ މަންހާގެ މަންމަ ބުނާ އެއްޗަކުން...............ޕްލީޒް، ޑޯންޓް ވޮރީ................" ދާއިން ލިފްޓުން ނުކުމެ އޭނަގެ އޮފީހަށް ވަންނަމުން ބުނެލިއެވެ.
މެންދުރުގެ ވަގުތުގައި ވިޝާލްގެ ހަބަރެއް ނުވުމުން މަންހާ އޭނައަށް ގުޅާލިއެވެ. ހަވީރު އޭނަ ބަލާ ނަޔަސް އެންމެ ރަނގަޅު ކަމުގައި ބުނުމަށެވެ. ދާއިން ބޭނުންވީ އޭނަ އާއިއެކު މަންހާ ގެއަށް ދިއުމަށެވެ. ވިޝާލް ވަރަށް ގިނަ ސުވާލުތަކަށްފަހު އެންމެފަހުން އެއްބަސްވިއެވެ. އަދި މިރޭ އެގެއަށް ދާނެވާހަކަ ބުންޏެވެ.
"މިރޭ އަހަރެން ބިޒީވާނެ، އެހެން ރެއަކަށް ހަދަންވީނު، ހިނގާ މާދަމާ ރޭ ބޭރަށް ދަމާ، އަހަރެން ޝޮޕިންއެއްވެސް ކުރަން އެބަ ޖެހޭ.........." މަންހާ ވިޝާލްއަށް ދާއިންއާއި ގުޅިފައިވާ ހުރިހާ ކަމެއް ސިއްރުކުރިއެވެ. އޭނައަށް ވިޝާލް އޭނަދެކެ ލޯބިވާކަން ހަނދާނެއްނުނެތެވެ. ލޯތްބަކީ އެހާ ފަސޭހައިން ހަނދާންނައްތާލެވިދާނެ އިޙްސާސްއެއް ނޫނެވެ. ހިތްލޯތްބަށް އެދި ގޮވާނެވަރު ހުދު މަންހާއަށްވެސް އެނގެއެވެ. ދާއިން އޭނަގެ ދިރިއުޅުމަށް އައުންވީ ވިޝާލްއަށް ކިހާ އަސަރެއް ކުރާނެކަމެއްކަން މަންހާއަށް އެނގެއެވެ. އެކަމަކު އެފަދަ ވާހަކައެއް ދައްކަން މަންހާ ބޭނުންނުވަނީއެވެ.
އޮފީސް ތަޅުލުމަށްފަހު ދާއިން މަންހާ ގޮވައިގެން އޮފީހުން ނުކުތެވެ. ދާއިން އާއިއެކު ކާރަށް މަންހާއެރި މަންޒަރު ބެލްކަނިން މަގުމައްޗަށް ބަލަހައްޓައިގެން ހުރި މޫމިނާއަށް ފެނުނެވެ. ދާއިން ކާރު ދުއްވާލީ އާދައިގެ ދުވެއްޔެއްގައެވެ. މަންހާ ގޮވައިގެން އަވަހަށް ދިއުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނަގެ ނެތެވެ. އެއާއި ހިލާފަށް އޭނަ މަންހާގެ އާއިލާ އާއި ބެހޭގޮތުން ސުވާލުކުރިއެވެ. މަންހާ އޭނަގެ އާއިލާގެ ހުރިހާ މެންބަރުންނާއި ބެހޭ ކުރު ތަޢާރަފަށް ދާއިންއަށް ދިނެވެ. މިރޭ ދާއިން އެގެއަށް ދިއުމުން ކޮންމެ މީހަކު އެނގޭނެ މިންވަރަށެވެ. ދާއިން އޭނަގެ އާއިލާގެ ވާހަކަތައްވެސް މަންހާ އާއި ހިއްސާކުރިއެވެ. އަދި އޭނަ މަންހާ އާއި އޭނަގެ ދޮންބެ އާއި ބައްދަލު ކުރުވަން ވަރަށް ބޭނުންވާ ވާހަކަ ބުންޏެވެ.
މަންހާ ގެއަށް ލާފައި އައިސް އޭނަގެ އެޕާރޓްމެންޓަށްވަތް ދާއިން ބޭނުންވީ ފެންވަރާލަންށެވެ. އެހެންނަމަވެސް ސިޓިންރޫމުގައި މޫމިނާ އިނީ ދާއިންގެ އިންތިޒާރުގައެވެ. ދާއިން ފެނުމާއިއެކު މޫމިނާ އޭނައަށް ގޮވާ ގެނެސް ސޯފާގައި ބޭންދިއެވެ.
"މަންމަ ވާހަކައެއް އަހާލަންބޭނުންވެގެން" މޫމިނާ ބުނެލިއެވެ.
"ކިހިނެއްތޯވީ މަންމާ.....އަނެއްކާ ޒާރާ..........." ދާއިންގެ ކޮނޑުގައި މޫމިނާ ފިރުމާލަމުން ބޯހޫރުވާލިގޮތުން އޭނަ ދައްކަން އުޅުނު ވާހަކަ ހުއްޓާލިއެވެ.
"މިއަދު ދަރިފުޅާއިއެކު އެއައީ ކޮންކުއްޖެއްތަ؟ މަންމަ މިހެން އަހާލަންޖެހުނީ ދުވަހަކުވެސް ދަރިފުޅު މިގެއަށް އަންހެން ކުއްޖަކު ނުގެންނާތީ، އަނެއްކާ ފެންނަފެނުމަށް ރަޙުމަތްތެރިއަކަށްވުރެ ގާތްހެންވެސް ހީވޭ" މޫމިނާ އަހާލިއެވެ.
"އަޅުގަނޑުގެ ކަންތައްތައް މަންމައަށް އެނގިލައްވާނެކަން އޭރުވެސް އެނގުނު، މަންހާ އާއި ދޭތެރޭ މަންމަ ބުނަނީ ކީކޭ، ކަމުދޭތަ؟" ދާއިން ހިނިއައިސްފައި އަހާލިއެވެ.
"ތިބުނީ ކިހިނެތް، މަންމައަށް އަދިވެސް މިއުޅެނީ ނަގައިގަންނަވި ގޮތެއް ނުވިސްނިގެން" މޫމިނާއަށް ދާއިން ބުނިއެއްޗެއް ނުވިސްނުނެވެ.
"މަންމަ އަބަދުވެސް އަޅުގަނޑާ ސުވާލު ކުރައްވަމެއްނޫންތޯ؟ އަޅުގަނޑުގެ އުމުރު ވޭތުކޮއްލާނީ މިގޮތަށްހޭ........އަލުން ދިރިއުޅުމެއް ލިބޭތޯ ނުވިސްނާނަންހޭ........އަޅުގަނޑު އެކަމާ ވިސްނައިފިން، އެހެންވެ މިއަހަނީ މަންމައަށް މަންހާ ކަމުދޭހޭ" ދާއިން ބުނެލިއެވެ.
"ފެންނަ ފެނުމަށް އުމުރުން ޅަކަމަށް ދައްކާ، ވަރަށް ރީތި އެމަންޖެ، ހީވަނީ އަޙުލާގު ރަނގަޅުވެފަ ހިތްހެޔޮވާނެހެން.......ދަރިފުޅަށް ކަމުދޭތަ؟ ވިސްނާފަތަ ތިފަދަ ކަމެއް ކުރަން ތިއުޅެނީ" މޫމިނާ އަހާލިއެވެ.
"އަޅުގަނޑު ވަރަށް ވިސްނާފަ މިކަން ކުރަން މިއުޅެނީ، މަންހާ އަޅުގަނޑަށްވުރެ އެތަށްއަހަރެއް ހަގުވާނެ، އޭނައަށް ދިރިއުޅުމަކީ ކޮބާކަން އަދި ނޭގޭނެކަންވެސް އެނގޭ، އެކަމަކު އެއީ އަހަންނާ އެންމެ އެކަށޭނެ ކުއްޖާ.......މަންމަ ޒާރާ ގަބޫލު ކުރެއްވިގޮތަށް މަންހާވެސް ގަބޫލު ކުރެއްވުން އަޅުގަނޑު އެދެނީ އަދި އެއަންހެންކުއްޖާއަށްވެސް ޒާރާއަށް މިގެއިން ދެއްވިފަދަ މަގާމެއްދޭން ބޭނުން........." ދާއިން މޫމިނާއަށް ބަލާލިއެވެ.
"ދަރިފުޅުގެ ނިންމުމާ މަންމަ ދުވަހަކުވެސް ދެކޮޅެއް ނަހަދަން، ވީއިރު މިއަދު ދެކޮޅުހަދާނެ ކަމަށް ހީނުކުރޭ...........މަންހާ މިއަދު ޒާރާ އާއިދޭތެރޭ ކަންތައްކުރިގޮތުން މަންމަ ވަރަށް ހިތްހަމަޖެހުނު، އޭނަގެ އެއްވެސް ވަރެއްގެ ބޮޑާކަމެއްނެތް........ހީވާގޮތުން އޭނަވެސް ވަނީ ދަރިފުޅާ ގުޅެން ބޭނުންވެފަ..........ދަރިފުޅާ ކައިވެނި ކޮއްގެން މިގެއަށް އަންނަ ދުވަހުން ފެށިގެން މަންހާވެސް ވާނީ ޒާރާފަދައިން މިމަންމަގެ ދަރިއަކަށް........އެކަމާ ދަރިފުޅު ކަންބޮޑުނުވޭ، މަންމަ އިރާދަކުރެއްވިއްޔާ އެދެކުދިންނަށް ތަފާތެއްނުކުރާނަން.........ދަރިފުޅަށް މަންމަ އިތުބާރު ކުރަން........ދަރިފުޅުގެ ތިހޮވުމަށް މަންމަ ގަދަރުވެސް ކުރާނަން........" މޫމިނާ ދާއިންގެ ކޮނޑުގައި ފިރުމާލިއެވެ. ދާއިންގެ ތުންފަތަށް ހަމަޖެހުމުގެ ހިނިތުންވުމެއްވެރިކުރުވިއެވެ.
"މިރޭ އަޅުގަނޑު މަންހާގެ އާއިލާ އާއި ބައްދަލު ކުރަން، މަންހާގެ ކައިވެންޏަށް އެދި، އަޅުގަނޑު ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން......." ދާއިން އެހެން ބުނެލަމުން ސޯފާއިން ތެދުވިއެވެ.
"މަންމަވެސް ބޭނުމެއްނޫން ކައިވެނި ނުކޮށް ތިދެކުދިން ތިބޭކަށް، އެކަމަކު ނޭގެ ކީއްވެކަމެއް، މަންމަ ކަންބޮޑުވާގޮތްވޭ...........ދަރިފުޅު ވަކި ޖަވާބެއް ހިފައިގެން އައިމަކަންނޭގެ ދެން ހަމަޖެހިލެވޭނީ......" މޫމިނާ ހިނިތުންވެލަން މަސައްކަތްކުރިއެވެ.
"ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ، އުފާވެރި ހަބަރަކައިގެން މަންމަ އާއި ބައްދަލުކުރާނަން" ދާއިން އޭނަގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ.
މަންހާ ފެންވަރާލައިގެން ނަމާދުކޮއްލައިގެން ސައިބޯން ދިޔައެވެ. އޭރު ސައިމޭޒުދޮށުގައި ޝަރަފް އިނެވެ. މަންހާ ސައިމޭޒުދޮށުގައި އިށިންނަންވާއިރަށް ވަސީމާއެކޭ އެއްގޮތަށް ހަރަކާތްތެރިވެ އުޅުނު ޖޫން ސައިތައްޓެއް އަޅާދިނެވެ.
"މަންމާ، މަންކޮގެ ކައިވެނި އަވަސްކުރަން އަޅުގަނޑަށް ފެނޭ" ކުއްލިއަކަށް ޝަރަފް ބުނި ޖުމްލައިން ވަސީމާ އާއި މަންހާ ސިހުނެވެ.
"ތިއްތޭ..........." މަންހާއަށް ކަންބޮޑުވުމާއިއެކު ބުނެލެވުނެވެ.
"ކީއްތަވީ، މަންކޮގެ ކައިވެނި......." ޝަރަފްއަށް އެހިސާބަށް ބުނެވުނު ތަނާހެން މަންހާ ކުއްލިއަކަށް ތެދުވިއެވެ. އަދި އަވަސް ހިނގުމުގައި އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. މޫނުމަތިންފެންނަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
"ސާބަސް، އެމަންޖެ ދެންމެ އެއައީ ގެއަށް، އަދި އެއްޗެއް ނުވެސް ކައިކަންނޭގެ އެހެރީ، ޝަރަފް ކޮންވާހަކައެއްތަ ތިދައްކަނީ، މިވަގުތު ނޫނަސް ތިވާހަކަ ދެއްކިދާނެ ކަންނޭގެ............." ވަސީމާވެސް ހިތްހަމަ ނުޖެހުނެވެ. މަންހާއަށް ވީގޮތް އޭނައަށްވެސް ފެނުނެވެ.
"މަންމާ، އަޅުގަނޑު ދެއްކީ ގޯސްވާހަކައެއްތަ؟، ވިޝާލް ހުރީ މަންހާ އާއި ކައިވެނިކުރާގޮތަށް، ދެންކޮބާ މައްސަލައަކީ، އެވާހަކަ ބުނެލަން އަޅުގަނޑު އުޅުނީ" ޝަރަފް އޭނަ ބުނަން އުޅުނު އެއްޗެއް ފުރިހަމަކޮއްލިއެވެ.
"ތިކަން މަންމައަށް އެނގެޔޭ، އެކަމަކު މަންހާ ލަދުގަންނަގޮތަށް ތިވާހަކަ ދައްކާކަށް ނުވާނެއެއްނު، ކޮންމެ ގޮތެއްވިޔަސް ދަރިފުޅުމެންނަށްވުރެ ކުޑައީ މަންހާވިއްޔަ........މަންމައަށް ހީވަނީ މަންހާ އާއިއެކު ދަރިފުޅުގެ ކައިވެނިވެސް ނިންމަންވެއްޖެހެން" ވަސީމާ ޝަރަފްއަށް ބުނެލިއެވެ.
"ހެ ހެ ހެ ހެ، ތެދެއް، މަންކޮ އާއި އެއްކޮށް ޝަރަފްގެ ކައިވެނިވެސް ކުރެވޭވަރުވީތަ މިހާރު؟" މޭޒުދޮށުގައި އިށީނދެ ސައިތަށިން އެތިފޮދެއް ބޯލަމުން ޖޫން އަހާލިއެވެ. ޝަރަފްއަށް ވަސީމާ ބުނިއެއްޗަކުން އިތުރަށް ބުނާނެ އެއްޗެއް ނޭގުނެވެ.
"ކޮބާ ހީވޭ ކަމެއްހެން، މަންހާގެ ކައިވެނި ކުރަން ބޭނުންވެގެން މިއުޅެނީ އަމިއްލަ ކައިވެނި އަވަސް ކުރާނަމޭ ހިތާ........" ވަސީމާ އޭނަގެ ފިރިހެން ދަރިފުޅާއި ދިމާކޮއްލިއެވެ. އަދި ހޭންފެށިއެވެ.
"ދެން މަންމަވެސް ދައްކާ ވާހަކަ، އަޅުގަނޑަށް ދެން މިތާކު އިންނާކަށް ނުކެރޭނެ........." އެއްނޭވާއިން ސައިތަށި ބޯލަމުން ޝަރަފްތެދުވިއެވެ. އޭރު ޝިމާދު ފޯނެއްގައި ހުރެ ވާހަކަދައްކަމުން ކާމޭޒުކައިރިއަށް އަންނަނީއެވެ.
"މަންމާ، ހާދަ މީރުވަހެކޭ މިދުވަނީ..........ކޯއްޗެއްތަ ތިހަދާލަނީ........." ޝިމާދު ފޯނު ކަނޑާލަމުން ވަސީމާ އާއި ވާހަކަދެއްކިއެވެ.
"މަންމަ މިރެއަށް މޮޅުކެއުމެއް ތައްޔާރުކޮއްލަނީ، ކޮންމުނާސަބަތާކާއި ގުޅިގެންތޯ އަހާ އަހާވެސް ނުބުނި، އަޅުގަނޑަށް ހީވަނީ މޫސަބޭގެ ދެމަފިރިން މިރޭ އަންނަނީހެން........" ޖޫން ޝިމާދުއަށް ސައިހަދައިދެމުން ބުނެލިއެވެ.
"ސާބަސް ކަލޭމެން ކުދިންނަށް، ކީއްކުރަންކަން މިކައްކަނީ އެނގޭނެ މިރޭގެ ސުފުރާމަތިން........" ވަސީމާ ކައްކަން ހުރެ ބުނެލިއެވެ.
އެރޭގެ އަށެއްޖަހަން ގާތްވެފައިވަނިކޮށް ދާއިން މަންހާއަށް ގުޅާލިއެވެ. އަދި އޭނަ ހުރީ މަންހާ މެންގޭ ދޮރުމަތީގައި ކަމުގައި ބުންޏެވެ. މަންހާގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. އަވަސް އަވަހަށް ލޯގަނޑަށް ބަލާލަމުން ސިޑިއާއި ދިމާލަށް ދިޔައެވެ. މަންހާއަށް ދާއިންއަށް ރަތްކުލަ އާއި ކަޅުކުލަ ކަމުދާކަން އެނގުމުން، ލައިގެން ހުރި ހެނދުންވަނީ އެކުލަތަކާއި ގުޅުވާލެވިފައެވެ. ސިޓިން ރޫމުގައި ޝަރަފް އާއި ޝިމާދު އާއިއެކު ޖޫން އިންތަން ފެނުމުން މަންހާ ކަންބޮޑުވިއެވެ. އެހެންނަމަވެސް ހިތްވަރުކޮއްފައި ވަސީމާގެ ކޮޓަރީގައި ޓަކިދީފައިވަނެވެ.
"މަންމާ........" މަންހާ ގޮވާލި ގޮތުންވެސް ވަގުތު ޖެހުނީކަން ވަސީމާއަށް އެނގުނެވެ.
"އައީ ދޯ، މިނިކުންނަނީ ބައްޕަ ފާހާނާއިން ނުކުތީމަ" ވަސީމާބުނެލިއެވެ.
ހިނިތުންވެލުމާއިއެކު މަންހާ ނިކުތީ ގޭގެ ދޮރުމައްޗަށެވެ. އޭރު ފާރުކައިރީ ދާއިން މަޑުކޮއްލައިގެން ހުއްޓެވެ. ދެމީހުންނަށް އެކަކު އަނެކަކު ފެނުމުން ލުއިހިނިތުންވުމެއް ބަދަލުކޮއްލިއެވެ. އެތެރެއަށް އައުމަށް މަންހާ ދައުވަތުދިނެވެ. ދާއިން އޭނަގެ ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެން ހުރިގޮތަށް މަންހާގެ ފަހަތުން ހިނގައިގަތެވެ. ކޮންމެވެސް ވަރަކަށް އެގެއަށް ނަޒަރު ހިންގަމުންނެވެ. ސިޓިންރޫމުގައި އިން ޝިމާދުތެދުވިގޮތުން ޖޫން އާއި ޝަރަފް ސޯފާގައި އިނދެފައި ފަހަތަށް އެނބުރިލިއެވެ. އެވަގުތު ވަސީމާ އާއި ސަޢީދުވެސް ސިޓިން ރޫމަށް ނުކުމެއްޖެއެވެ. އެންމެގެ މޫނުމަތިން ފެންނަމުންދިޔައީ ހައިރާންކަމެވެ. ދެންހަދަންވީ ގޮތެއް ނޭގިފައި ތިބިހެން ކޮންމެ މީހަކު ހުއްޓުން އަރާފައި ހުރިއިރު ހީވަނީ ބޮޑުބިރެއްފެނިގެން ތިބިހެންނެވެ. ދާއިން މަންހާ އާއި އަވަސް ނަޒަރެއް ބަދަލުކޮއްލީ ވާނުވާނޭގިގެންނެވެ.
"ބައްޕާ، މީ ދާއިން.........ދާއިން މީ އަޅުގަނޑުގެ މަންމަ އާއި ބައްޕަ، ދެން އެތިބީ އަޅުގަނޑުގެ ދޮންބެ އާއި ތިއްތޭ، ދޮންބެގެ ވައިފް މީ........." މަންހާ އަވަހަށް ވާހަކަދެއްކިއެވެ. ސަޢީދު ހިނިތުންވެލިއެވެ. އެހެންނަމަވެސް ދެންތިބި މީހުން ހިނިތުންވެލީ ގަދަކަމުންނެވެ. ދާއިން ސާޢިދު އާއި ސަލާމްކޮއްލަން އަތްދިއްކޮއްލިއެވެ. ސަޢީދު ހިތްހެޔޮ ކަމާއިއެކު ސަލާމްކޮއްލަމުން އިށިންނަން ސޯފާ އާއި ދިމާލަށް އިޝާރާތްކޮއްލިއެވެ. ދާއިން ބޯޖަހާލަމުން ސަޢީދު އާއިއެކު ހިނގައިގަތެވެ.
"އެއީ ކާކު........" ވަސީމާ ވައިއަޑުން މަންހާގެ ގާތަށް ޖެހިއަހާލިއެވެ.
"ދާއިން.......އަޅުގަނޑު ކައިވެނި ކުރަން މިއުޅެނީ އޭނަޔާ" މަންހާވެސް މަޑުމަޑުން ބުނެލިއެވެ. ގޭތެރެއަށްވަނީ ފުންމިން ނޭގޭ ހަމަހިމޭންކަމެއްވެރިވެފައެވެ. ކޮންމެ މީހަކުވެސް ހުރީ މިވަނީ ކިހިނެތްކަމެއް ނޭގިފައެވެ.
"ކޮންކަމަކުތޯ......" ސަޢީދު ހަމަޖެހެން މަސައްކަތްކުރަމުން ދާއިންގެ ގާތުން އަހާލިއެވެ.
"މީ..........އަޅުގަނޑު މިއައީ...............މަންހާގެ ކައިވެންޏަށް އެދެން..........." ދާއިން އެންމެންގެ މޫނުމައްޗަށް ބަލާލަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. އޭނައަށްވެސް އެގޭތެރެއިން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ.
ވަސިމާއަށް ބޭއިހްތިޔާރުގައި ހުޅުވުނު އަނގައިގައި އަތްއަޅާލެވުނީ ސިހުނުވަރުންނެވެ. ޝިމާދުއަށް ސައީދު އާއި ގާތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޝަރަފްގެ މޫނުވަނީ ރަތްވެފައެވެ. ޖޫންއަށް އަވަސް އަވަހަށް ވަސީމާގެ ގާތަށް އާދެވުނެވެ. މަންހާއަށް ބެލެނީ ފަހަރަކު މީހެއްގެ މޫނަށެވެ. ކަންތައްތައް ވަރަށް ގޯސްވެދާނެކަމުގެ އަލާމާތްތައް ފެންނަންފެށުމުން މަންހާ ސައީދުގެ ގާތުގައި ސޯފައިގޮސް އިށީނެވެ.
"ބައްޕާ، އަޅުގަނޑުވެސް ބޭނުންވަނީ ކައިވެނިކުރަން.........." މަންހާބުނެލިއެވެ. އޭރުވެސް ސަޢީދު އެކަމާ ވަކިއެއްޗެއް ނުބުނެއެވެ.
"އައި ތިންކް އިޓްސް ޓައިމް ފޯ ޔޫ ޓު ލީވް.........." ޝަރަފް ދާއިން އާއި ދިމާލަށް ބުނެލިއެވެ.
"ތިއްތޭ.........." މަންހާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
"އަޅުގަނޑަށްވެސް ފެންނަނީ ތިބޭފުޅާ ގެއަށްވަޑައިގެންނެވުން........މަންހާ އާއި ހުރިފަރަގު ވިސްނަވާލެއްވުންވެސް އެދެން............" ޝިމާދުވެސް ހުރީ ޝަރަފް އާއި އެއްކޮޅަށެވެ.
"ދޮންބޭ..........ޕްލީޒް..........ބައްޕާ............އަޅުގަނޑު މިހިރީ ކައިވެންޏެއް ކުރާވަރަށް ބޮޑުވެފައެއްނޫންތޯ، ދާއިން އާއިއެކު އަޅުގަނޑު އުޅޭނީ އުފަލުގައޭ........" މަންހާއަށް އިށީނދެއެއް ނީދެވުނެވެ. ދާއިން އާއިއެއްކޮޅަށް ވަކާލާތު ކުރުމަށް އޭނަ ނުކުތެވެ.
"މަންހާ މޮޔަވީތަ؟ އެއީ މީހެއްގެ ފިރިއެކޭ..........އިންނަން ތިއުޅެނީ ދެއަންބަށް..........." ޝަރަފްގެ އަޑު ގޭގައި ގުގުމައިގެން ދިޔައީ ހޮނުގުގުރިއަކަށްވުރެވެސް ބާރަށެވެ.
"މާތްކަލާކޯ..........ކޮންކަހަލަ އަންހެން ކުއްޖެއްތަމީ........." ވަސީމާގެ ދެލޯބޮޑުވެގެން ދިޔައެވެ.
(ނުނިމޭ)