ދުނިޔެ

ސުދާން އަނެއްކާވެސް އާ އެއްބަސްވުމަކަށް

ސުދާންގެ މިލިޓަރީ ލީޑަރުންނާއި އިދިކޮޅު ޕާޓީތައް ގުޅިގެން ތިން އަހަރުގެ ވަގުތީ ސަރުކާރެއް ގާއިމްކުރަން އެއްބަސް ވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަން، ޑެކްލަރޭޝަން އޮފް ފްރީޑަމް އެންޑް ޗޭންޖް (ޑީއެފްސީއެފް)އާއި ދެމެދު ކުރި މަޝްވަރާތަކަށް ފަހު ދެފަރާތުން އެކުވެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިލިޓަރީގެ ލިއުޓެނަންޓް ޖެނަރަލް ޔާސިރް އަލް އައްތާ ވިދާޅުވަނީ ބާރު ހިއްސާ ކުރުމުގެ އެއްބަސްވުމުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ސޮއި ކުރާނެ ކަމަށެވެ.

ސުދާންގެ ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް މިފަހަރުގެ އެއްބަސްވުން އެކުލަވާލާނެ ކަމަށް ވެސް ޔާސިރް ވިދާޅުވި އެވެ.

މުޒާހަރާގެ އިސް ބޭފުޅަކު މައުލޫމާތު ދިން ގޮތުގައި މިލިޓަރީއާއި ޑީއެފްސީއެފްގެ އެންމެ ފަހު ވާހަކަތަކުގައި މިނިވަން މުސްތަގިއްލު ކައުންސިލަކާއި ކެބިނެޓެއް އަދި ގާނޫނު ހަދާ މަޖިލީހެއް އެކުލެވޭ ސަރުކާރުގެ އޮނިގަނޑާއި މެދު އެއްބަސްވުމަކަށް ވަނީ އާދެވިފަ އެވެ.

ތިން އަހަރު ފަހުން ވޯޓުލުމާއި ހަމައަށް ސުދާންގައި ވެރިކަން ކުރަން ހަމަޖެހިފައިވާ ވަގުތީ ސަރުކާރުގެ ގާނޫނުހަދާ މަޖިލީހުގެ ތިންބައި ކުޅަ ދެބައި ގޮނޑިތަކުގައި ތިއްބަވާނީ ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުން ކަމަށް މިލިޓަރީ ކައުންސިލުން ބުނެފައި ވެއެވެ.

އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށް ފަހު ދެފަރާތުން އެއްބަސްވުމަކާއި ހަމައަށް ދެވިފައިވާއިރު ސުދާންގެ ވެރިރަށް ޚަރްތޫމްގެ މުޒާހަރާ ތެރެއަށް ގޮތް ނޭނގޭ ބަޔަކު ބަޑި ޖެހުމުގެ ސަބަބުން ސަފައިންގެ މީހަކާއި މުޒާހަރާކުރަން ތިބި ފަސް މީހަކު ވަނީ މަރުވެފަ އެވެ. އެ މައްސަލަ ތަހުގީގުކުރަން ދެފަރާތުން ގުޅިގެން ވަނީ ކޮމިޓީއެއް އުފައްދާފަ އެެވެ.

އެއްބަސްވުން އިއުލާންކުރުމުން އޭޕްރިލް ހަވަނަ ދުވަހުއްސުރެ މުޒާހަރާކުރަމުންދާ ސުދާންގެ ރައްޔިތުން ވަނީ އުފާ ފާޅުކުރަން ފަށާފަ އެވެ.