އިންޑިއާ

އިންޑިއާގެ ކޯޗަކަށް ކްރޮއޭޝިއާގެ ކުރީގެ ކޯޗު ސްޓީމެޗް

އިންޑިއާގެ ގައުމީ ޓީމުގެ އާ ކޯޗަކަށް، ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުރިން ކޯޗް ކޮށްދިން އީގޯ ސްޓީމެޗް ހަމަޖައްސައިފި އެވެ.

މި މަހު ކުރީކޮޅު އިންޑިއާގެ ފުޓްބޯލް ފެޑްރޭޝަނުން ވަނީ، ކޯޗް ކަމަށް ގެނައުމަށް ހަތަރު ނަމެއް ޝޯޓްލިސްޓް ކޮށްފައެވެ. ޝޯޓް ލިސްޓް ކުރި ހަތަރު ކެނޑަިޑޭޓުންނާ އިންޓަވިއު ކުރުމަށް ފަހު، އިންޑިއާ އިން އިހްތިޔާރު ކުރީ ސްޓީމެޗް އެވެ.

ޝޯޓްލިސްޓް ކުރި އަނެއް ތިން ކެނޑިޑޭޓުންނަކީ، ބެންގަލޫރު އެފްސީގެ ކުރީގެ ކޯޗް، ސްޕެއިންގެ އަލްބަޓް ރޮކާ، ސްވިޑެންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ހަ އަހަރު ވަންދެން ކޯޗް ކޮށްދިން ހޮކާން އެރިކްސަން އަދި ދެކުނު ކޮރެއާގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗް ލީ މިންގް ސަން އެވެ.

ފްރާންސްގައި 1998 ގެ ވޯލްޑްކަޕަކީ، ކްރޮއޭޝިއާގެ އެންމެ ފުރަތަމަ ވޯލްޑް ކަޕެވެ. ޢެފަހަރު މުބާރުގެ ސެމީ ފައިނަލަށް ކްރޮއޭޝިއާ ދަތުރު ކުރި އެވެ. އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ސްޓީމެޗް ހިމެނެ އެވެ. ކޯޗެއްގެ ގޮތުގައި އޭނާގެ އެންމެ ބޮޑު ކާމިޔާބަކީ، 2014 ގެ ވޯލްޑްކަޕަށް ކްރޮއޭޝިއާގެ ކޮލިފައި ކޮށްދިނުމެވެ. އެހެންނަމަވެސް އޭނާ އާއެކު ވޯލްޑްކަޕަށް ދާން ކްރޮއޭޝިއާގެ ފެޑްރޭޝަނުން ބޭނުމެއް ނުވި އެވެ. އެއީ އޭރު އޭނާގެ ތަޖުރިބާ މަދު ކަމުންނެވެ.

ކްރޮޢޭޝިއާގެ ގައުމީ ޓީމަށް އޭނާ ކޯޗް ކޮށްދިނީ އެއް އަހަރަށް ވުރެވެސް ކުރު މުއްދަތެއްގަ އެވެ. ނަމަވެސް ފަހުން އޭޝިއާގެ ވަރުގަދަ ލީގްތަކުގައި އޭނާ މަސައްކަތް ކުރި އެވެ.