މާލޭގެ މަގުތަކުގައި ހަރުކުރާ އިޝްތިހާރު ބޯޑުތައް މެނޭޖުކޮށް ބެލެހެއްޓުމަށް، ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އަށް ހައުސިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބް އިސްމާއިލް އާސިފެވެ.
ސޮއިކުރެއްވުމަށް ފަހު، ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކުގައި ބަހައްޓާ އިޝްތިހާރުތައް މެނޭޖުކުރަން ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް ހަވާލުކުރީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިކަން ކުރާ ގޮތަށް ކުރުމަށް ކަމަށެވެ.
"މި މަސައްކަތް ހަވާލުކުރަން އިކޮނޮމިކް ޔޫތު ކައުންސިލުން ވަނީ ނިންމާފަ. އެހެންވެ މި ގޮތަށް ހަވާލު ކުރުމުން މާލޭގައި އެގޮތް މިގޮތަށް އިސްތިހާރު ހަރުކުރުން ނިމުމަކަށް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބް ރައީސް އާސިފު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެ ޖަމިއްޔާގެ ހުއްދަ ނެތި މަގުތަކުގައި އިޝްތިހާރު ހަރުކުރާނަމަ، އެ އިޝްތިހާރެއް ނަގާނެ ކަމަށެވެ.
"މީގެ ކުރިން އެބަހުރި މީހުންނަށް ހިނގުމަށް ދަތިވާ ގޮތަށް ވެސް އިޝްތިހާރު ހަރުކޮށްފަ. ނަމަވެސް ދެން އެގޮތަށް މާލޭގެ ރައްޔިތުންނަށް ދަތިވާ ގޮތަށް އިޝްތިހާރެއް ނުޖެހޭނެ. އިޝްތިހާރު ހަރުކުރެވޭނީ ހުއްދަ ނަގައިގެން،" އާސިފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ޖަމިއްޔާ އިން އިޝްތިހާރުތައް މެނޭޖުކޮށް ބެލެހެއްޓުމަށް "އަގެއް ނަގާނެ" ކަމަށެވެ. ނަމަވެސް އިޖުތިމާއީ ކަންތައްތަކުގައި ޖަހާ ލިޔުންތައް މި ބައިގައި ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިޝްތިހާރު ޖަހާ މީހުން ވެސް އެކަން ކުރަނީ ވިޔަފާރި އުސޫލުން. އެހެންވެ އަޅުގަނޑުމެންގެ ވެސް އެކަން މި ކުރާނީ އެގޮތަށް،" އާސިފު ވިދާޅުވި އެވެ.