(14 މެއި 2019 އާ ގުޅޭ)
އެތަނުގައި ޠަލަބްއާއި ސިއްތާ ތިބިކަން ކުޑަވަގުތު ކޮޅަކަށް އީޝަލް ހަނދާންނެތުނީއެވެ. ރާހިޤް ދެކޮޅު ހެދީމައެވެ. ސިއްތާ އައިސް އީޝަލްގެ ގާތުގައި ހުއްޓި ގޮވާލިއެވެ. އީޝަލް ހައްޔަރުކުރީ ކާކުތޯ އޭނާ ސުވާލުކުރިއެވެ. އެވަގުތު ޠަލަބް ވާހަކަދެއްކިއެވެ. ވެގެން އުޅޭގޮތެއް ސާފުކޮށް ކިޔައިދިނުމަށް އޭނާ އީޝަލްގެ ގާތުން އެދުނެވެ. އެހީވެދޭން ބޭނުންވާކަން ސިއްތާ ހާމަކުރީ ވެސް އެވަގުތެވެ.
ކާފަ، އައިޒަންއާއި ޒިޔަޒެލްމެންނާ ދެމެދު ދެކެވުނު ވާހަކައެއް އީޝަލްއަކަށް ނޭނގެއެވެ. ކައިވެންޏަށް އެ ކައިވެނީގެ ފޮނިމީރުކަން ހާސިލުކުރުމަށް ދެމަފިރިންނަށް ވަގުތު ދޭންވާނޭކަން ބުނިއިރު އެއީ ޢާއިލާއާ ދުރުގައި ބެހެއްޓުމަށް ރޭވި ރޭވުމެއްކަން އީޝަލްއަށް އެނގުނީ އަދިކިރިޔާއެވެ. އޭނާ ކަންބޮޑުވަނީ ދުރުގައި ހުއްޓާ ޢާއިލާގެ މެންބަރު އޭނާއާ ވަކިވެގެން ހިނގައިދާނެތީއެވެ. ދެވަނަ ފަހަރަށް ދުށުމުގެ ފުރުޞަތު ނުލިބިއެވެ. ޚާއްޞަކޮށް މީކާޢިލްއެވެ.
ރައުލްގެ އެދުމަށް ވެއްޓިފައި އޮތް ގަސްގަނޑުގެ މަތީ އީޝަލް އިށީނެވެ. ސިއްތާއާއި ޠަލަބް އޭނާގެ ކުރިމަތީ ތިއްބެވެ. ކެތްތެރިކަން ކުޑަވެފައި އިން ސިއްތާ އަނެއްކާ ވެސް ސުވާލުކޮށްލައިފިއެވެ. އީޝަލް އެ ތަނުގައި ހައްޔަރުވީހެން އެ މީހުންނަށް ހީވީއެވެ. ހުރިހާކަމެއް ފެށިގެން ނިމެންދެން އީޝަލް ކިޔައިދިނެވެ. ވާހަކައިގައި އިނދެ ދޭތެރެއަކުން ރައުލްއަށް ބަލާލައެވެ.
"ތީގަ މައްސަލައެއްނެތެއްނު... އެމީހުން އެހެން ކަންތައް އެކުރަނީ އީޝަލް ރައްކާތެރިކުރަން، ދުޝްމަނުން ބޭނުންވަނީ ކަލޭމެން ދެ މީހުން، މިތަނަކީ އަހަރެން ދުށް އެންމެ ސިއްރު ޖަންގަލި، މިހިސާބު އަބަދުވެސް އޮންނަނީ ގޮތްނޭނގޭ ބާރަކުން ރައްކާތެރި ކުރެވިފައި" ޠަލަބް ބުންޏެވެ.
"އަހަރެން މި ހުރިހާ ދުވަހު ތަމްރީނުވީ މި ފަދަ ދުވަހެއް ކުރިމަތިވެދާނޭތީ، އެމީހުން އަހަރެން ރައްކާތެރިކުރާ ފަދައިން އަހަރެން ވެސް އަހަރެންގެ ޢާއިލާ ރައްކާތެރިކުރަން ބޭނުން، މީ ޤަބޫލުނުކުރެވޭނޭ ފިނޑިކަމެއް... މިތަނުގައި އަހަރެން ފިލާ ހުންނަންވީތަ؟ މަންމައަކާ ނުލާ އަހަރެން ބޮޑުވީ، ގާތުގައި ހުރިހާ ވަގުތު ހުރީ ބައްޕަ، އަބަދަށް ޓަކައި އެ ބައްޕަ އަހަރެންނާ ވަކިވާން ފުރުޞަތު ދޭންވީތަ؟... އަހަރެން ކައިވެނިކުރުމަކީ އަހަރެންގެ ބައްޕަގެ އޯގާތެރިކަމާއި މަޝްވަރާއަށް ބޭނުންނުވާނޭ ސަބަބެއްނޫން... އެމީހުންނަށް ފެންނަ ގޮތަކަށް ކަންތައްކުރާއިރު، އަހަރެންގެ ލަފާ ވެސް އަހާލިނަމައެއްނު، ހަނގުރާމައެއް ކުރެވޭނަމަ އެ ހަނގުރާމައިގައި އެމީހުންނާއެކު ހުންނަން ބޭނުންވީ..." އީޝަލް ބުނެލިއެވެ.
"ރައުލް!... އީޝަލް އެ ދައްކަނީ ކޮންވާހަކައެއްތަ؟" ފެންގަނޑު ތެރެއިން އަރައިގެން އައި ރާވިންއަށް ހުއްޓެވުނީ އީޝަލްގެ ވާހަކަތައް އިވިފައެވެ.
"ރާހިޤު އަހަރެމެންގެ ޢާއިލާ ގާތަށް ގެންދާކަށް ޤަބޫލެއްނުވި، ކާފައާއި ޒިޔަޒެލްގެ ހުއްދަ ލިބެންދެން އަހަރެމެން މިތިބީ މިތަނުގައި ހައްޔަރުވެފައި" އީޝަލް ބުންޏެވެ. ރާވިން ބަލާލީ އީޝަލް އެ ބުނި އެއްޗެއް ރަނގަޅަށް ދޭހަނުވެފައި ހުރި ފަދައަކުންނެވެ. އެހިނދު އިންތަނުން ތެދުވެގެން އީޝަލް އައިސް ރާވިންއާއި ޔާފިއާގެ ކުރިމަތީ މަޑުކޮށްލައިފިއެވެ.
"އަހަރެންގެ ހިތް ބުނަނީ ޒަގަން އެނބުރި އަތުވެއްޖެޔޭ" އީޝަލް ބުންޏެވެ. ރާވިންއަށް ލިބުނު ހައިރާންކަމާއެކު އޭނާއަށް ބަލާލެވުނީ ދުރުގައި ހުރި ރައުލް އަށެވެ.
"އެހެންވިއްޔާ އަހަރެމެން އެނބުރި ދާންޖެހޭނެ" ރާވިން ކުއްލިއަކަށް ބުންޏެވެ. ރައުލް ހުރީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ޒަގަންގެ އަތުގައި އީޝަލް ޖެހޭކަށް އޭނާ ނޭދެއެވެ. މިވަގުތަށް އެންމެ ރައްކާތެރި ގޮތަކީ އީޝަލްގެ ކާފަގެ ނިންމުމަށް ޢަމަލުކުރުމެވެ. އެހެންވިޔަސް ރައުލްގެ ހިތް ވެސް އެދެނީ އެނބުރި ދާށެވެ. ދާރިއުސްއާއި ހަތޯރާއި ސޭމެސްއާމެދު ރައުލް ކަންބޮޑުވަނީއެވެ. ޒަގަންއާ ކުރިމަތިލުން ހިނގާއިރު އެތަނުގައި ރައުލް ވެސް ހުންނަން ޖެހޭނެކަމުގައި އޭނާ ޤަބޫލުކުރެއެވެ. ޒަގަންގެ ދުޝްމިނުކަން އޮތީ ހަމައެކަނި ރައުލްއާ ދެމެދުއެވެ. ވީއިރު ރައުލްއާ ކުރިމަތިލާން އެހެން ބަޔަކު ނުކުތުމަކީ އިންސާފެއްނޫނެވެ.
"އީޝަލް... އަހަރެމެން ގޮސް ވަދެވޭނީ ކުރެވެމުންދާ ހަނގުރާމައެއްގެ މެދަށްނޫންކަމެއް ވެސް ނޭނގެ" އީޝަލްއަށް ގޮވާލައި ރައުލް ބުންޏެވެ.
"ޒިޔަޒެލްއާއި ބައްޕަ މަރުވާން ޖެހުނަށް އެމީހުން އަހަރެން ސަލާމަތްކުރާނެކަން އެނގޭ، އެކަމަކު އެއީ އަހަރެން ބޭނުންވާގޮތެއްނޫން، ކުރިން ވަކިވެގެންދާނީ ކާކުކަމެއް ނޭނގޭނެ، އެހެންވިޔަސް އެ މައިދާނުގައި އެމީހުންނާއެކު ހުރެވިއްޖެނަމަ އެންމެފަހު ހިނދުކޮޅުގައި ވެސް ވޭނާއި ދަތިކަމެއްނުވާނެ، އަހަރެން ލޯބިވާ މީހުންގެ ތެރޭގައި ހުރެ ވަކިވެގެންދާނީ، އަހަރެންނަކީ އާރެއްބާރެއްނެތިފައި ހުރި ކުޑަކުއްޖެއްނޫން، މީ އަހަރެން އަމިއްލައަށް ތެދުވަންވީ ވަގުތު" އީޝަލް ބުންޏެވެ. ރައުލް އައިސް އީޝަލްގެ ގާތުގައި މަޑުކޮށްލިއެވެ. އަދި ރާވިންއަށް ބަލާލިއެވެ.
"ކަލޭމެން ދެމީހުންނަށް ކަމެއް މެދުވެރިވާކަށް އަހަރެން ނޭދެން، މިތަނުގައި ކަލޭމެން މަޑުކުރުން އެއީ ރައްކާތެރިގޮތް" ރައުލް ބުންޏެވެ. ރާވިން ހިތްހަމަނުޖެހުމުގެ އަޑެއް ލައްވާލިއެވެ.
"ރައުލް!... ކަލެއާއި އީޝަލްއަށް ކަމެއްވާން އަހަރެމެން ބޭނުންވާނޭހެން ހީވަނީތަ؟... އެ ޒަގަންގެ ކަންތައް ނިންމާލަން އަހަރެން ބޭނުންވަނީ، ޒަގަންގެ ނުބައިކަމުގައި ލާވީ ބައިވެރިވެއްޖެކަން އަހަރެންނަށް އެނގުނު ކައިވެނީގެ ޙަފުލާއަށް އޭނާއާއެކު ޒަގަން އައުމުން، ޒަގަން ހީކުރަނީ ކީކޭކަމައްތަ؟ އޭނާއާ އީޝަލްއާ ކުޑަކޮށް ވެސް އެކަށީގެންނުވޭ، ދެން އިތުރަށް މަޑުކުރުމުގެ ބޭނުމެއްނެތް" ރާވިން ބުންޏެވެ.
"ރައުލް!... ކަލޭ އަބަދުވެސް އަހަރެމެން އެންމެނާމެދު ފަރުވާތެރިވޭ، އަހަރެމެންނާ މެދު ކަންބޮޑުނުވޭ... އަހަރެންނަކީ ހަނގުރާމައިގެ އެއްވެސް ހުނަރެއް ހުރި އަންހެނެއްނޫން، އެކަމަކު އަހަރެން ވެސް ބޭނުމެއްނޫން ފަހަތަށް ޖެހޭކަށް، ޒަގަންއަށް ނިމުން ގެންނަންވީ ވަގުތު ޖެހިއްޖެ، ރައުލް!... ކަލެއަކީ އަހަރެމެންގެ ތެރެއިން ދުށް އެންމެ ޖެހިލުންކުޑަ ޒުވާނާ، ޒަގަން ބަލިކުރެވުނިއްޔާ ކުރެވޭނީ ކަލެއަށް، އެކަމަކު ހަނދާންކުރާތި... ކަލެއަށް ވެސް އެންމެނެއް ސަލާމަތެއްނުކުރެވޭނެކަން، އެކަމުގައި ރައުލް ޒިންމާވާހަކަށް ނުޖެހޭނެ... ކަލޭގެ އަނބިމީހާއަށް ޓަކައި ސާބިތުވެ ހުރޭ" ޔާފިއާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ރައުލްގެ ކޮނޑުގައި ވައަތްފަރާތުން ރާވިން ޖަހާލިއެވެ.
"ރާހިޤްމެންނަކީ އާދައިގެ ޖިންނީންނެއްނޫން، ފުރަތަމަ ކަމަކީ އެ މީހުންގެ ކިބައިން ސަލާމަތްވެވިގެން ނޫނީ އަހަރެމެންނަކަށް މިތަނަކުން ނުދެވޭނެ" ރައުލް ބުންޏެވެ.
"ޠަލަބް...އީޝަލްއަށް އެހީވެދީބަލަ، އެމީހުންނާއެކު ދާން އަހަރެން ބޭނުން" ސިއްތާ ބުންޏެވެ. ރާވިން ޝައުގުވެރިކަމާއެކު އެމީހުންނާ ދިމާއަށް އަންނަ ކުޑަކުޑަ ދެ މީހުންނަށް ބަލަން ހުއްޓެވެ.
"ސިއްތާ!... މިވަގުތު އަހަރެންނާއެކު ދިއުމުން ކޮންމެފަދަ ކަމެއް ވެސް ކުރިމަތިވެދާނެ" އީޝަލް ބުންޏެވެ.
"އަހަރެމެންނަކީ ހަލުވިބައެއް... ފަހަރަކު ދެ މީހުން ގެންދިއުމަކީ އުނދަގޫކަމެއްނޫން، ފެންގަނޑުގެ ތެރެއިންލާފައި ފަރުބަދައިގެ ތިރިއަށް ފޭބިދާނެ" ޠަލަބް ބުންޏެވެ. ސިއްތާ ނިކަން ފުޅާ ހިނިތުންވުމެއް އެންމެންނާ ބަދަލުކޮށްލިއެވެ. އޭނާގެ ބޭބެއާމެދު ފަޚުރުވެރިވާ ކަހަލައެވެ.
"އެމީހުންގެ މީހުން ފެތުރިފައިތިބީ ކިހާ ހިސާބަކަށްކަމެއް އަހަރެންނަކަށް ބުނާކަށް ނޭނގޭ" ޠަލަބް ކުޑަކޮށް އިސްޖަހާލަމުން ބުންޏެވެ.
"އެމީހުން ތިބި ހިސާބެއް ހޯދުމަކީ ވަގުތު ބޭކާރުވާނޭކަމެއް، ޠަލަބްއަށް އެނގޭ މަގުން އަހަރެމެން ދާން މަސައްކަތްކުރާނީ، ރާޙިޤްމެންނާ ކުރިމަތިވެއްޖެނަމަ އެނގޭނެއެއްނު" އީޝަލް ބުންޏެވެ. އެންމެން އެކަމާ އެއްބަސްކިޔެވެ.
ފޭލިގެ ތެރެއަށް ވަން އީޝަލް އެނބުރި އައިއިރު އެއްއަތުގައި އޮތީ އޭނާގެ ބޮޑުދައިތަ ދިން ކަނޑިއެވެ. އަނެއްއަތުގައި އޮތީ އޭނާގެ ފިރިމީހާއަށް ކާފަ ދިން ކަނޑިއެވެ. އެ ދިއްކޮށްލީ ރައުލްއަށެވެ. އަދި އީޝަލް ލާފައި ހުރި ދިގު ހެދުމުގެ ފަސްބައިގައި ކަނޑި ޖައްސައި މައްޗަށް ވާހެން ކަކުލާ ހަމައަށް ދެއަރިމަތިން ފަޅާލިއެވެ. ހަރަކާތްތެރިވެ އުޅުމަށް ފަސޭހަވާނޭހެނެވެ. ރާވިންއާއި ޔާފިއާ ވެސް އެ މީހުންގެ ފޭލިގެއަށް ވަދެފައި އެނބުރި އަތުއްވެއްޖެއެވެ. އެންމެން ހަމަވުމުން ޠަލަބްއާއި ސިއްތާއާއެކު އެމީހުން ދައްކާ މަގުން ހިނގައިގަތެވެ.
ވަކި ހިސާބަކަށް ދެވުނުތަނާ އެންމެން ވެސް ހުއްޓުނީ އީޝަލް ގޮވާލީމައެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭ ގަދަފަދަ އަޑުފަށްގަނޑެއް އިވުނެވެ. ހީވީ ގަސްތައް އޭގެ ބުޑުން އިރައިގެން ގޮސް ވެއްޓެމުންދިޔަ ހެނެވެ. އެންމެންގެ ކުރިއަށް އީޝަލް ނުކުތެވެ. އޭނާގެ އަތުގައި އޮތް ކަނޑި އުރައިން ދަމައިގަނެ ކުރިއަށް ދިއްކޮށްލިއެވެ. އެއާއެކު ކުރިމަތިން ފާޅުވިތަން ފެނުނީ ރާހިޤެވެ. އޭނާގެ ދެފަރާތުގައި ހަމަ އެފަދަ ބޮޑު އިސްކޮޅެއް ލިބިފައިވާ ދެ ޖިންނީން ތިއްބެވެ.
"ރާހިޤް، ތަން ދައްކާ..." ކުރިއަށް ފިޔަވަޅެއް އަޅާލަމުން އީޝަލް ބުންޏެވެ. އޭރު ވެސް އޭނާ އުފުލައިލައިގެން ހުރި ކަނޑި ތިރިއެއް ނުކުރިއެވެ. ރާހިޤް އެއްޗެކޭ ނުބުންޏެވެ. އޭނާ ފަރުވާތެރިކަމާއެކު އީޝަލްގެ ހަރަކާތްތަކަށް ބަލަން ހުރި ކަހަލައެވެ.
"ރާހިޤް... އަހަރެން އެކަނި ކަލޭމެންނާ ކުރިމަލާން ފުދޭ، އެގޮތް އަހަރެން ބޭނުމެއްނޫން، އަހަރެމެންނަށް ހުރަސް ނާޅާ" އީޝަލްގެ އަޑުގައިވީ އަމުރުވެރި ގޮތެވެ. ރައުލްއާއި ދެން ތިބި އެންމެން ސިހިފައި ފަހަތަށް ޖެހިލީ ކުއްލިއަކަށް އީޝަލްގެ ދެ ވަރަ ހުޅުވިގެން ދިއުމުންނެވެ. އެ މަންޒަރު ފެނި ރާހިޤާއި އޭނާއެކު ތިބި ދެބައިވެރިން ވެސް އެކަކުއަނެކަކަށް ބަލާލިއެވެ. މަޑުމަޑުން ދެ ވަރަ ހުޅުވި އެއްކޮށް ފެތުރުނުއިރު އީޝަލްގެ ފަހަތުގައި ތިބި އެންމެން ވަނީ އެ ވަރައިގެ ނިވަލުގައި ފޮރުވިފައެވެ.
"އަހަރެމެންގެ ތެރޭގައި އަންހެނަކު ކަނޑި އުފުލުމެއްނުވޭ" އީޝަލްގެ ފެތުރިފައި އޮތް ދެ ވަރައަށް ބަލަމުން ރާހިޤު ބުންޏެވެ.
"އަހަރެން ބޮޑުވީ ކަލޭމެންގެ ތެރޭގައި އަންހެނުން ބޮޑުވާ ގޮތަކަށް ނޫން، އަހަރެން އެނބުރި އަހަރެންގެ ޢާއިލާގެ ގާތަށް ދާން ބޭނުން، މިކަމުގައި އަހަރެންނަށް އެހީތެރިވެވެން ނެތިއްޔާ އެންމެން ދުރުގައި ތިބޭ" އީޝަލް ބުންޏެވެ.
"އަންހެނަކަށްވެ ހުރެ، ތިހާ ޅައިރު ވެސް ކަލޭގެ ހިތްވަރާ މެދު އަހަރެން އަޖައިބުވެއްޖެ، އަހަރެމެން މީ ކޮންބައެއްކަން ނޭނގޭތަ؟" ރާހިޤް ވާހަކަދެއްކިއެވެ.
"އަހަރެންމީ ކާކުކަން އެނގޭތަ؟... އީޝަލް އިބްނި މީކާޢިލް ބިން އައިޒަން" އީޝަލް ބުންޏެވެ. އެހިނދު ރާހިޤްއާއި އޭނާއާއެކު ހާޟިރުވެ ތިބި ދެ ބައިވެރީންގެ މޫނުން އިންތިހާ ދަރަޖައިގެ ހައިރާންކަން ފާޅުވިއެވެ.
"އީޝަލް... އީޝަލް އެއީ ކާކު؟" ޖެހިލުންވެފައި ހުރެ ޠަލަބް އެހީ ރައުލްގެ ގާތުގައެވެ.
"އެއީ އަހަރެންގެ އަނބިމީހާ" ލުއި ހިނިތުންވުމަކާއެކު ރައުލް މިހެން ބުނެލިއިރު އޭނާގެ ނަޒަރު ހުރީ އީޝަލްގެ ފެތުރިފައި އޮތް ވަރައަށް ހުއްޓިފައެވެ. މަޑުމަޑުން ކުރިއަށް އައިސް އީޝަލްގެ ގާތަށް ރައުލް ނުކުތެވެ. އޭނާގެ ގާތުގައި ރައުލް މަޑުކޮށްލައި ރާހިޤަށް ބަލާލިއެވެ.
"ތީ ހަޤީޤަތައް ވެސް އައިޒަން ރަސްގެފާނުގެ ކާފަދަރިކަލެއްތަ؟... އާން!... މީކާޢިލްގެ ދަރިފުޅަކީ ތިއީތާ؟... އަހަރެމެން މިދަތުރުގައި ފޮނުވީ ސަބަބެއްނެތިއެއްނޫން" ލިބިފައިވާ ހައިރާންކަން ފިލައި ރާހިޤް ހިނިތުންވެލިއެވެ. އެމީހުންނަކީ އައިޒަންއާ އެންމެ ގާތުގައި ތިބޭ ޖިންނީންނެވެ. އެމީހުން ދަތުރުކުރި ސަވާރީއަކީ އައިޒަން ފިޔަވައި މިހާތަނަށް އެހެން އެއްވެސް ޖިންނިއަކު ދަތުރުކޮށްފައެއްނުވެއެވެ. އެމީހުންނަށް އައިޒަންގެ ކަންކަމާ ސުވާލުކުރުމުގެ ހުއްދައެއް ލިބިގެނެއްނުވެއެވެ. އީޝަލްގެ ވާހަކަތައް ތެދުކަން ޤަބޫލުކުރަން އިތުރު ހެއްކެއް ރާހިޤަށް ބޭނުމެއްނުވިއެވެ.
(ނުނިމޭ)