މަރާމާތަށް ބަންދުކޮށް ހަދަމުން އަންނަ މ. އަތޮޅުގެ ހަކުރާ ހުރާ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް ކާނާ ވިހަވެގެން ފަރުވާދޭން ފަށައިފި އެވެ. އެ ބިދޭސީންނަކީ އެ ރިސޯޓްގެ މުވައްޒަފުންނެއް ނޫނެވެ. އެއީ ރިސޯޓްގެ ކޮންސްޓްރަކްޝަންގެ މަސައްކަތެއްގައި އުޅޭ ކުންފުންޏެއްގެ މުވައްޒަފުންތަކެކެވެ.
އެމީހުންނަށް ފަރުވާ ދެމުން ދަނީ މ. މުލީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ. އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލެއް ކަމަށްވާ އަންވަރު ނައީމް މިރޭ ވިދާޅުވި ގޮތުގައި މިރޭ އެ ހޮސްޕިޓަލަށް ކާނާ ވިހަވެގެން ގެންދިޔައީ ހަތް ބިދޭސީއެކެވެ.
އެއީ ބަންގްލަދޭޝް މީހަކާއި އަވަށްޓެރި ސްރީ ލަންކާގެ ހަ މީހެކެވެ. އެމީހުންގެ ހާލު މިހާރު ރަނގަޅު ކަމަށް އަންވަރު މައުލޫމާތު ދެއްވި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް ރިސޯޓެއްގައި ކާނާ ވިހަވެގެން މުވައްޒަފުންތަކަކަށް ފަރުވާދޭން ޖެހުނެވެ.