ކުޅިވަރު

ބްރޯންޒް މެޑަލް ހޯދި ޓީމުން ދީމާ ވިދާލައިފި

ތައިލެންޑްގައި ކުރިއަށްދާ ޖޫނިއާ ކެޑޭޓް އޯޕަން މުބާރާތުގެ ބްރޯންޒް މެޑަލް ހޯދި ޓީމުން، ރާއްޖޭގެ ގައުމީ ޗެމްޕިއަން، ފާތިމަތު ދީމާ އަލީ ވިދާޅައިފި އެވެ.

ކެޑޭޓް ކެޓަގަރީއަކީ، ޓީމު އިވެންޓް ކެޓަގަރީ އެވެ. އެ ކެޓަގަރީގައި އެއް ޓީމެއްގެ ގޮތުގައި ވާދަ ކުރި ޓީމުގައި ހިމެނެނީ ހަތަރު ބައްރަށް ނިސްބަތްވާ ހަތަރު ކުޅުންތެރިންގެ ޓީމެވެ. އެ ޓީމުގައި ހިމެނެނީ ދިވެހިރާއްޖެއިން ދީމާ، މިސްރުގެ ހަނާ ގޮޑާ، ގްރީސްގެ މަލަމެންޓޭނިއާ ޕަޕާޑިމިޓްރީއޫ އަދި މެކްސިކޯގެ އަރާންޝާ ޓޮކްސިއޯ އަސިވިސް އެވެ.

ގުރޫޕް ސްޓޭޖުގައި، ދީމާގެ ޓީމުން ވަނީ މުބާރާތް ބާއްވާ ގައުމު ތައިލެންޑާއި ފިލިޕީންސްގެ ޓީމާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދާފަ އެވެ. ދެ މެޗުވެސް ދީމާގެ ޓީމުން ކާމިޔާބު ކުރީ 3-1 ންނެވެ.

މެޗުތަކެއް ކުޅޭ ތަޖުރިބާ ހޯދުމުގެ އަމާޒުގައި ވާދަ ކުރި ދީމާގެ ޓީމުން ގުރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް ކްއާޓާ ފައިނަލުގައި ވާދަ ކުރީ ތައިލޭންޑްގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. ވަރުގަދަ ކުރިމަތިލުމެއް ފެނިގެން ދިޔަ މެޗުން ދީމާގެ ޓީމު ކާމިޔާބު ހޯދީ، 3-2 ންނެވެ.

ތައިލެންޑްގެ އެއް ވަނަ ޓީމު ބަލިކޮށް ސެމީ ފައިނަލަށް ގޮސް ސެމީ ފައިނަލުގައި ވާދަ ކުރީ ޗައިނީޒް ޓައިޕޭއާ ދެކޮޅަށެވެ. ޗައިނީޒް ޓައިޕޭ އަތުން ދީމާގެ ޓީމު ބަލިވީ 3-0 ންނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ޓޭބަލްޓެނިސްގައި ދުނިޔޭގެ ޗެމްޕިއަން ޗައިނާ އެވެ. ޗައިނާ އާއި އެއްސަފެއްގައި ރާއްޖޭގެ ދީމާގެ ކަރުގައި ބްރޯންޒް މެޑަލް އަޅުވާލަން ލިބުމަކީ ރާއްޖޭގެ ތާރީހްގައި ފާހަގަ ކުރެވުނު ބޮޑު ކާމިޔާބެކެވެ.

މި ހަފުތާގައި ތައިލެންޑްގައި ނިމިގެން ދިޔަ އޭޝިއާ ހޯޕްސް ވީކުގައި ދީމާ ވަނީ ރިހި މެޑަލް ހޯދާފަ އެވެ. އެއީ އޭޝިއާގެ އިވެންޓެއްގައި ރާއްޖެއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

މިހާރުގެ ގައުމީ ޗެމްޕިއަން ދީމާ އަކީ، ރާއްޖޭގެ ޓޭބަލް ޓެނިސް ހަޔާތުގައި، ގައުމީ މުބާރާތް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މިއަހަރުގެ ގައުމީ މުބާރާތް އޭނާ ކާމިޔާބު ކުރިއިރު އޭނާގެ އުމުރަކީ 11 އަހަރެވެ.