ވިޔަފާރި

އެސްޓީއޯ އިން ހިއްސާއަކަށް 58ރ. ބަހަން ފާސްކޮށްފި

May 17, 2019

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް 58ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

އެސްޓީއޯ އިން ދަރުބާރުގޭގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި 58ރ. ބަހަން ހިއްސާދާރުންގެ ވޯޓަށް އެހުމުން 99 ޕަސެންޓް ހިއްސާދާރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ. މިރޭގެ އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވެފައިވަނީ އެ ކުންފުނީގެ 504 ހިއްސާދާރުންނެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިފްކޯ އާއި އެސްޓީއޯގެ ހޮޓަލުން ލިބުނު ގެއްލުމާއެކު، އެ ކުންފުނީގެ ގްރޫޕު ފައިދާވަނީ ހުރީ 30 މިލިއަން ރުފިޔާގަ އެވެ.

ރާއްޖެއަށް ކާޑާއި ބޭސް އެތެރެކުރާ ކުންފުނިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ކުންފުނި އޮޑިޓް ކުރުމަށް ވަނީ މަޝްހޫރު އޮޑިޓް ފާމް ކޭޕީއެމްޖީ ހަމަޖައްސާފަ އެވެ. އަދި އެ ކުންފުންޏަށް އުޖޫރައިގެ ގޮތުގައި ވަނީ 49،820 ޑޮލަރު ހަމަޖައްސާފަ އެވެ. އަދި އެ ކުންފުނީގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރުމަށްޓަކައި ވަނީ އާ މެންބަރެއް އައްޔަން ކޮށްފަ އެވެ. އެ މަގާމަށް އައްޔަން ކޮށްފައިވަނީ އައިމިނަތު ރުހުޝާ އެވެ.