ރިޕޯޓް

ސިނގިރޭޓަށް ދިން އާހަމަލަ: އަނެއްކާވެސް ބުރުވާލާ އަޅިއެއް!

މި ސަރުކާރުން ދުންފަތާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ސާބަހެއް ހައްގެވެ. ހާއްސަކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. ހަމަ އެ ގޮނޑީގައި އިންނަވައިގެން އެހެން ބޭފުޅުންނަށް ނުވި ކަމެއް އެމަނިކުފާނު ކުރައްވައިފި އެވެ. ދުންފަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ރައީސް އޮފީހަށް ފޮނުވައިގެން މަކުނުވާ އެޅިފަހުން، ހިރަފުސް ފޮޅާލައި ގެޒެޓްކުރެއްވުމުގެ ހިތްވަރު ނެރުއްވީ އެވެ.

އެ ގަވައިދުގެ ދަށުން އަންނަ މަހުން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން މަނާވާނެ އެވެ. ފޮށި ހުރި ގޮތަށް ނުގަނެވޭ މީހުންނަށް ވަރަށް ބޮޑުތަނުން އުނދަގޫވީ އެވެ. އޭގެ އިތުރުން ސިނގިރޭޓު ފޮށީގެ ބޭރުގައި، ދުންފަތުން ޖެހޭ ބަލިތައް ދައްކައިދޭ މަންޒަރު ހިމެނުމަށް ލާޒިމްކުރެ އެވެ. މީގެ ދެ އަހަރު ކުރިން ޑިއުޓީ ބޮޑުކޮށް، ސިނގިރޭޓްގެ އަގު މައްޗަށް ޖައްސައިގެން ހާސިލްނުވި މަގުސަދު މިފަހަރު "ބިރު" ދައްކައިގެންވޭތޯ އެވެ. އެ ނިންމުމުގައި އޮއްޓަރު ވެސް އެބަހުއްޓެވެ. ކެންސަރު ޖެހިފައިވާ ބިރުވެރި މަންޒަރުތައް ފެނިގެން ދުންފަތާ ދުރަށްދާ މީހުން އުޅޭކަމަށް ދިރާސާތަކުން ވެސް ދައްކަ އެވެ.

ފަހަރުގައި ގަވައިދުގައިވާ މައިގަނޑު ގޮތެއްގައި ހިމަނާފައިވާ އެ ދެ ކަންތައް ހާސިލްވުމުގެ ފުރުސަތު ބޮޑެވެ. ގިނަ ފިހާރަތަކުން އެ އުސޫލަށް އަމަލުކުރާނެ އެވެ. ސިނގިރޭޓު އެތެރެކުރާ މީހުންނަށް ވެސް ފޮށީގެ ބޭރުގައި މަންޒަރެއް ޖަހާލުން މާ ބޮޑު ކަމަކަށް ނުވާނެ އެވެ.

ރައީސް އިސްވެ ސަރުކާރުން ސިނގިރޭޓާ ދެކޮޅަށް ހަމަލާތައް ދެމުންދަނިކޮށް، އެ ހަނގުރާމައިގެ ތެރެއަށް ފަހަކަށް އައިސް ވަރަށް ހަރަކާތްތެރިކޮށް ފެންނަ މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ވަދެއްޖެ އެވެ. މާ ވަރުގަދަ ހަތިޔާރެއް ހިފައިގެން ސީދާ ދުންފަތުގެ މައި ބަދަ ބިންދައިގެންދާ ފަދަ ނިންމުމެއް ވަނީ އިއުލާނުކޮށްފަ އެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން ސިނގިރޭޓްގެ ވިހަ ދުމުން އާންމުން ސަލާމަތް ކުރުމަށް، މީގެ ހަ މަސް ފަހުން މާލޭގެ މަގުމަތީގައި ސިނގިރޭޓު ނުބޮވޭގޮތަށް ގަރާރެއް ވަނީ ފާސްކޮށްފަ އެވެ.

ނިންމުން ބަރާބަރު، ތަންފީޒު ވާނެ؟!

މާލޭގެ ހަނިމަގުތަކަށް ނުކުންނަ ކޮންމެ ފަހަރަކު އެހެން މީހެއްގެ އަގައިން ބުރުވާލައި ދުމުގައި ނުޖެހި ދެވޭނެ ހަމަ އެއްވެސް ގޮތެއް ނޯވެ އެވެ. ކުޑަކުއްޖަކަށް މުސްކުޅިއަކަށް ބެލުމެއްނެތި ބޯ ދުންގަނޑު ބުރުވާލަނީ އެއްވެސް ހިޔާލެއް ފިކުރެއްނެތި އެވެ. އެ ނިންމުމަށް ގިނަ ބައެއްގެ ތައުރީފް އޮހެމުން އައި ނަމަވެސް، އެފަދަ ނިންމުމެއްގައި ސިއްކަ ޖެހުމުގެ އިހުތިސާސް އެ ކައުންސިލަށް ލިބިގެންނުވާކަމަށް ބުނެ ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުން މަގުތަކުގައި ދުންފަތް މަނާކުރުމުގެ ބާރު ލިބެ އެވެ. ނަމަވެސް، ސިޓީ ކައުންސިލަކަށް ނޫނެވެ. ހަމަ އެ ގާނޫނުން އުފައްދާފައިވާ ދުންފަތް ކޮންޓްރޯލް ބޯޑަށެވެ.

ދެން އުފެދޭ އެންމެ މުހިންމު ސުވާލަކީ ކޮންމެ ބައަކު ނިންމި ނަމަވެސް، އެކަން ތަންފީޒު ކުރެވިދާނެ ހެއްޔެވެ؟ ސަބަބަކީ މީގެ ހައެއްކަ އަހަރު ކުރިން އެޅި ހަމަ އެ ޒާތުގެ ފިޔަވަޅެއް ތަންފީޒު ނުކުރެވި ބޭކާރުވެފައިވާތީ އެވެ. އާންމު ތަންތަނާއި ހުއްދަ ނުނަގައި ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގޮތަށް 2013 ގައި ވަނީ ގަވާއިދެއް ހަދައިފަ އެވެ. އެ ގަވައިދާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރެވޭ ގޮތަށް ފަރުމާކުރި ގަވައިދު ދިޔައީ ފެނަށެވެ.

އެ ގާނޫނުގައި ހިމަނާފައިވާ ތަންތަނަކީ އެންމެ ގިނައިން މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ހަރުގެތަކަށް ވަނީ ހަދައިފަ އެވެ. ރަތް އަކުރުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ލިޔެފައިވާ ބޯޑުތައް ބޮޑުގައި ތިބެގެން ދުން ބުރުވާއިރު، ގަވައިދު ތަންފީޒު ކުރަންޖެހޭ ބައަކަށް ފެންނަ ކަމަކަށް ނުވެ އެވެ. ރިޕޯޓުކުރިއަސް ގިނަ ފަހަރު ފިޔަވަޅެއް އެޅޭތަނެއް ނުފެނެ އެވެ. ޕާކިން ޒޯނުން ބޭރަށް އެއް ފުރޮޅު ކައްސާލާފައި އިންނަ ސައިކަލުގައި ސްޓިކާ ޖެހުމުގެ ޒިންމާ އަދާކޮށް ދުންފަތުގެ ގަވައިދު ތަންފީޒު ކުރާހާ ހިތްވަރެއް ފުލުހުންނަށް ނެރެވޭ ކަމަކަށް ނުވެ އެވެ.

މިހާރުވެސް މަނާ އެކަމަކު އިސްތިއުމާލް ކުރާ ތަންތަން

  • ސިނަމާތައް
  • ޖަލްސާކުރާ މާލަންތައް
  • އާންމު ދަތުރުފަތުރަށް ބޭނުންކުރުމާ އުޅަނދުތަ
  • ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް
  • މިސްކިތްތައް
  • ސިއްހީ ހިދުމަތްދޭ ތަންތަން
  • އުނގަންނައިދޭ ތަންތަން
  • ކުޑަކުދިން ބަލަހައްޓާ ތަންތަން
  • ސަރުކާރުގެ އިމާރާތްތައް

ހަގީގަތުގައި 2013 ވަނަ އަހަރުގެ އެ ގަވައިދު ރަނގަޅަށް ތަންފީޒު ކުރާނަމަ މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލް ކުރެވޭނެ ތަންތަން ވަރަށް މަދުވާނެ އެވެ. ސަބަބަކީ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައި ބުނަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކަމަށް ގާނޫނުގައި ބުނާ ތަންތަނުގެ އިތުރުން އެ ތަންތަނުން މަގުމައްޗަށް ނުކުންނަން ހުންނަ ދޮރުތަކާއި ދޮރާށިތަކާއި ގޭޓުތަކުގެ ވަށައިގެން 10 ފޫޓު ސަރަހައްދެއްގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަމެވެ. އެހެން ކަމުން ކޮންމެ ދެ ފޫޓަކުން އެ ގައިވައިދުގައި ހިމަނާފައިވާ ތަނެއް މާލޭގައި ހުންނައިރު، ސިޓީ ކައުންސިލްގެ އެ ގަރާރާ ހަމައަށް ދާންވެސް ނުޖެހޭނެ އެވެ.

އެ ނިންމުމާ ގުޅޭގޮތުން ސިޓީ ކައުންސިލްގެ ފަރާތުން އެކި ބޭފުޅުން މިހާތަނަށް ދެއްކެވި ވާހަކަތަކުން ވެސް މިފަހަރު ކަމެއް ބަދަލުވެދާނެ ކަމުގެ މާބޮޑު އުއްމީދެއް ނެތެވެ. ގަރާރު ފާސްކޮށްފައިވަނީ އެކަން ތަންފީޒު ކުރާނެ ގޮތެއް ނުބަލަ އެވެ. ނޫނީ މިހާރު އޮތް ގަވައިދު ތަންފީޒު ނުކުރެވޭ ސަބަބުތަކަށް އެއްވެސް ވަރަކަށް ރިއާއަތްނުކޮށެވެ. އެ ގަރާރު ތަންފީޒު ކުރުމަށް "ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރުން" ހަމަޖެހިފައިވަނީ މި ހަ މަސް ދުވަސް ތެރޭގަ އެވެ.

ކޮންމެ ކަމަކަށް ވަރު ވަރުން ގާނޫނުތަކާއި އޭގެ ދަށުން ހެދޭ ގާނޫނުތައް ހުރި އިރު، އެކަންކަން ތަންފީޒު ނުވުމަކީ ރާއްޖޭގައި ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. ރާއްޖޭގައި ހައްލުނުވާ މައްސަލަތައް ބޯކޮށް ހުރިއިރު، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ނިންމާ ނިންމުންތައް ތަންފީޒު ނުވާ ކޮންމެ ފަހަރަކު އެކަމެއްގެ ސީރިއަސްކަން ގެއްލެ އެވެ. ތަންފީޒީ އިދާރާތަކަށް އާންމުންގެ މަލާމާތް ރައްދުވެ އެވެ. އެ އިދާރާތަކަށް އޮންނަންޖެހޭ ގަދަރު ކުޑަވެ އެވެ. ގާނޫނުތަކާއި ގަވައިދުތައް ނެތިގެން ލިބޭ ގެއްލުމަށްވުރެ، ކިތަންމެ ރަނގަޅު ނިޔަތުގައި ނަމަވެސް ހެދޭ ގާނޫނުތަކުގައި ލިޔެފައިވާ އެއްޗެއް ތަންފީޒު ނުވެގެން ލިބޭ ގެއްލުން މާބޮޑެވެ.