ޔުވެންޓާސް

ފަސް އަހަރަށްފަހު އެލެގްރީ ޔުވެންޓަސް ދޫކޮށްލަނީ

ޔުވެންޓަސްގެ ކޯޗް ކަމުގައި ފަސް އަހަރު ހޭދަ ކުރުމަށް ފަހު، މި ސީޒަން ނިމުމުން ޔުވެންޓަސްގެ ކޯޗް ކަމުން އިސްތިއުފާ ދިނުމަށް، އެ ޓީމުގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ނިންމައިފި އެވެ.

ޔުވެންޓަސްގެ މަގާމުގައި އެލެގްރީ ނުހުންނާނެ ކަމަށް އިއުލާން ކުރީ، ޔުވެންޓަސްގެ ވެބްސައިޓްގައި މިއަދު އާންމު ކުރި ބަޔާނެއްގަ އެވެ. "2019/2020 ސީޒަންގައި ޔުވެންޓަސްގެ ބެންޗުގައި އެލެގްރީ ނުހުންނާނެ،" ޔުވެންޓަސްއިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. "މާދަމާގެ ވަގުތެއްގައި ކުލަބުގެ ރައީސް [އަންޑްރޭ އަންނިއެލީ] އާއި އެލެގްރީ އެކުގައި މީޑިއާ އާ ބައްދަލު ކުރާނެ."

މިހަފުތާގައި އެލެގްރީ ވަނީ، ޔުވެންޓަސްގެ ވެރިންނާ ބައްދަލު ކޮށްފަ އެވެ. ޔުވެންޓަސްގެ ވެރިންނާ އޭނާ ބައްދަލު ކުރީ، އޭނާގެ މަގާމާމެދު ސުވާލު އުފެދިފައި ވަނިކޮށެވެ. ބެލެވޭ ގޮތުގައި، މަގާމުގައި އިތުރަށް ދެމި ނުހުންނަށް އެލެގްރީ ނިންމީ އެ ބައްދަލު ވުމަށްފަހުގަ އެވެ.

އޭސީ މިލާންގައި ހަތަރު އަހަރު ހޭދަ ކުރުމަށް ފަހު، އެލެގްރީ ޔުވެންޓަސް އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އޭނާގެ ފަސް އަހަރުގައި އޭނާ ވަނީ ޖެހިޖެހިގެން ފަސް ފަހަރަށް އިޓާލިއަން ލީގް ޗެމްޕިއަންކަން ޔުވެންޓަސް އަށް ހޯދައިދީފަ އެވެ.

އެލެގްރީ އާއެކު، ޗެމްޕިއަންސް ލީގް ފައިނަލަށް، ދެ ފަހަރެއްގެ މަތިން ޔުވެންޓަސް ދަތުރު ކުރި އެވެ. ބާސެލޯނާ އަތުން ފައިނަލުގައި ބަލިވީ 2015 ވަނަ އަހަރު އެވެ. ރެއާލް މެޑްރިޑް އަތުން ބަލިވީ 2017 ވަނަ އަހަރު އެވެ. މި އަހަރު ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ޔުވެންޓަސް ބަލިވީ އަޔެކްސް އަތުންނެވެ.

އެލެގްރީއާއެކު ޑޮމެސްޓިކް ކާމިޔާބުތައް ލިބުނު ނަމަވެސް ކުލަބުން އޭނާ އާ މެދު ނުތަނަވަސްކަން އުފެދުނު އެންމެ ބޮޑު ސަބަބަކީ، ޗެމްޕިއަންސް ލީގް ހޯދުމުގައި އޭނާ އަށް ކާމިޔާބާ ހަމައަށް ވާސިލު ވެވިފައި ނުވުމެވެ.