ރޯދަ މަހާއި ދިމާކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތާމަތައް ލުއި ކޮށްދިނުމުގެ ބޭނުމުގައި ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް 1.5 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ރޮނާލްޑޯގެ ފަރާތުން ފޮނުވި ފައިސާ ބޭނުން ކުރާނީ ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުން ރޯދަ ވީއްލާނެ ކާ ތަކެތި ހޯދާށެވެ.
މީގެ ކުރިން ރޮނާލްޑޯ އޭނައަށް ލިބިފައިވާ ގޯލަޑަން ބޫޓް 2012 ވަނަ އަހަރު ނީލަމުގައި ވިއްކާލުމަށް ފަހު ލިބުނު ފައިސާ ފަލަސްތީނުގެ ކުޑަކުދިންގެ ފަންޑަށް ވަނީ ހަދިޔާ ކޮށްފަ އެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި 2013 ވަނަ އަހަރު ޕޯޗުގަލާއި އިޒްރޭލްގެ ދެމެދުގައި ކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗުގެ ކުޅުން ނިމުމަށް ފަހު އިޒްރޭލް ކުޅުންތެރިއެއްގެ ޖޯޒީ ރޮނާލްޑޯގެ ޖޯޒީއާއި ބަދަލުކުރަން އުޅުމުން ރޮނާލްޑޯ ވަނީ އެކަމާއި ދެކޮޅު ހަދާފަ އެވެ.
ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން ރޮނާލްޑޯ ބުނަނީ އެމީހުންނާއި ސަލާމް ކުރި ނަމަ ވެސް އިޒްރޭލްގެ ދިދަ ކުރަހާފަ ހުރި އަންނައުނު ލާން ބޭނުން ނުވާ ކަމަށެވެ.
އަދި 2016 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނުގެ އާއިލާއަކަށް ދިން ހަމަލައެއްގައި ސަލާމަތްވި ފަސް އަހަރުގެ އަހްމަދު ދައުބަޝާ އާއި ރެއާލް މެޑްރިޑް ޓްރޭނިންގް ސެންޓަރުން ބައްދަލުކޮށް އެ ތުއްތު ކުއްޖާ ހެއްވާލީ ވެސް ރޮނާލްޑޯ އެވެ.