ހަބަރު

ސިކުނޑި އިންފެކްޓްވީ އެންމެ ކުއްޖެއް: އައިޖީއެމްއެޗް

May 19, 2019
1

ސިކުނޑި އިންފެކްޓްވެގެން އައިސީޔޫގައި ފަރުވާދިނީ އެންމެ ކުއްޖަކަށް ކަމަށާއި އެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިއްޔެ ވިދާޅުވީ ޗިކުންގުންޔާ ޖެހުނު ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓްވެ އައިސީޔޫގައި ފަރުދާ ދެމުންދާ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުން މިއަދު ވަނީ އެކަން ދޮގު ކޮށްފަ އެވެ.

އައިޖީއެމްއެޗުން ބުނީ، ޗިކުންގުންޔާ ޖެހިގެން އެއްވެސް ކުއްޖަކަށް އައިސީޔޫގައި ފަރުވާދެމުންނުދާ ކަމަށެވެ. ނަމަވެސް ސިކުނޑި އިންފެކްޓްވެގެން އެއް ކުއްޖަކަށް އައިސީޔޫގައި ފަރުވާދިން ކަމަށާއި މިހާރު އެ ކުއްޖާ ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

ޗިކުންގުންޔާ ޖެހިގެން ގިނަ ފަރާތްތަކަކުން ދަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންނެވެ. އެގޮތުން ހެލްތް މިނިސްޓްރީން މި ހަފްތާގައި އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޗިކުންގުންޔާ އާ ގުޅޭ 846 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މާޗް މަހު 279 މީހުން ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކުރި އިރު އޭޕްރީލް މަހު 310 މީހުން ރިޕޯޓް ކުރި އެވެ.

މީގެ އިތުރުން މަދިރީގެ ޒަރިއްޔާއިން ޖެހޭ އިތުރު ބައްޔެއް ކަމަށްވާ ޑެންގީވެސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1957 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައި ވެއެވެ. މިދިޔަ މާޗް މަހު ޖުމްލަ 586 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފަވާއިރު އޭޕްރީލް މަހު އެ އަދަދު ވަނީ 631 އިތުރުވެފަ އެވެ.