މެންޗެސްޓާ ސިޓީ

މިއީ ކޯޗެއްގެ ގޮތުގައި އެންމެ ރަނގަޅު ސީޒަން: ގާޑިއޯލާ

މެންޗެސްޓާ ސިޓީ އަށް އެފް އޭ ކަޕުގެ ޗެމްޕިއަންކަން ހޯދައި، ސީޒަންގެ ޑެމޮސްޓިކް ތިން ތަށި ހޯދުމަކީ، ކޯޗެއްގެ ގޮތުގައި އޭނާ ހޭދަ ކުރި އެންމެ ރަނގަޅު ސީޒަން ކަމަށް، ސިޓީގެ ކޯޗް ޖޯސެފް 'ޕެޕް' ގާޑިއޯލާ ބުނެފި އެވެ.

އެފް އޭ ކަޕް ފައިނަލުގައި، ވަޓްފޯޑްގެ މައްޗަށް ހޯދި ކާމިޔާބަކީ މެންޗެސްޓާ ސިޓީ އެތައް ގޮތަކުން ތާރީހީ ކާމިޔާބެވެ. މެޗު 6-0 ގެ ނަތީޖާއިން ސިޓީ މޮޅުވުމަކީ، އެފް އޭ ކަޕު ފައިނަލެއްގައި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އަނެއް ކަމަކީ، އިނގިރޭސި ފުޓްބޯޅައިގައި އެއް ސީޒަނެއްގައި ޑޮމެސްޓިކް ތިން ތަށި ހޯދި ކުލަބެއް މީގެ ކުރިއަކުން ނެތެވެ. ރޭގެ ކާމިޔާބާއެކު މެންޗެސްޓާ ސިޓީ އަކީ އެ ޝަރަފު ހާސިލު ކުރި ފުރަތަމަ ޓީމެވެ.

ރޭ ގެ މެޗުގައި، ސިޓީން ކާމިޔާބު ކުރި ހަ ލަނޑުގެ ތެރެއިން، ގެބްރިއަލް ޖެސޫސް އާއި ރަހީމް ސްޓާލިން ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ، ޑޭވިޑް ސިލްވާ އާއި ކެވިން ޑި ބްރޭނޭ އެވެ.

ކާމިޔާބަށް ފަހު، ގާޑިއޯލާ ބުނީ، ޗެމްޕިއަންސް ލީގަށް އޭނާ ޝައުގުވެރިވާ ކަމަށާއި ނަމަވެސް އިނގިރޭސި ވިލާތުގައި އެއް ސީޒަންގައި ތިން ތަށި ހޯދުމަކީ ޗެމްޕިއަންސް ލީގް ހޯދުމަށް ވުރެ އުނދަގޫ ކަމެއް ކަމަށެވެ.

"މިއީ ކޯޗެއްގެ ގޮތުގައި އަހަރެން ތަޖުރިބާ ކުރި ކާމިޔާބު ސީޒަނެއް،" ބާސެލޯނާ އާއެކު ކުރިން ތިން ތަށި ހޯދި ގާޑިއޯލާ ބުންޏެވެ. "އަހަރެން ނުބުނަން އެންމެ ކާމިޔާބު ސީޒަނެކޭ، އެކަމަކު ޔަގީނުންވެސް މިއީ އެންމެ ކާމިޔާބު ސީޒަންތަކުގެ ތެރޭގައި ހިމެނޭނެ ސީޒަނެއް."

އޭނާ ބުނީ، އޭނާގެ ޓީމަށް އަލަށް ތިން ތަށި ހޯދުމަކީ ކުރެވުނު ކަމެއް ނަމަ ކުރިއަށް އޮތް ތަނުގައި އެހެން ޓީމަކަށްވެސް އެކަން ސާހިލު ކުރެވޭނެ ކަމަށާއި ހަތަރު ތަށި ހޯދުމަކީ އާދަޔާ ހިލާފް ކާމިޔާބަކަށް ވާނެ ކަމަށެވެ.