ނިއުޕޯޓް ހިންގާ ކުންފުނި، ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ސަރުކާރުން ނާޖާއިޒު މަންފާތަކެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ސިނަމާލެ ބްރިޖްގެ މަސައްކަތްތައް ނިމެންދެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލައި އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުކޮށްފައި ވަނީ ސްޓާރާޑާ ކުންފުންޏާ އެވެ. އެކުންފުންޏާ ހަވާލުކުރީ ތިން އަހަރަށެވެ. ނަމަވެސް ފަހުން ވަނީ އެ މުއްދަތު އަށް އަހަރަށް އިތުރުކޮށްފަ އެވެ.
ނިއުޕޯޓް މައްސަލަ އޭސީސީއިން އަންނަނީ ތަހުގީގް ކުރަމުންނެވެ. އެގޮތުން އެމައްސަލައާ ގުޅިގެން މިއަދު އާންމުކުރި ރިޕޯޓްގައި ވަނީ، އެއްބަސްވުމުގައި ހިމެނޭ ގިނަ ކަންކަން ސްޓްރާޑާ ފަރާތުން ކޮށްފައިނުވާ ކަމަށާއި އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަމުންނުދާނަމަ އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރުގެ އޮވެ، އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅު އަޅާފައިނުވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
"ޗާޓައިމް ހިންގި އިމާރާތް ނަގަންޖެހުމާގުޅިގެން އެކަމުގެ ބަދަލުގައި ކަމަށް ބުނެ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް ކަމަށް ބެލެވޭތީ އާއި ޗާޓައިމް ހިންގި އިމާރާތް ނަގަން ޖެހުމުން ކަމަށް ބުނެ އެ ފަރާތަށް ދޭންނުޖެހޭ ފައިސާއެއް ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭތީ މި މައްސަލަ މި ކޮމިޝަނުން މިގެންދަނީ އިތުރަށް ތަހުގީގު ކުރަމުން،" ރިޕޯޓްގައި ވެއެވެ.
ޗާޓައިމްއަކީ ޕްލެޓްފޯމް ކުރިމަތީގައި ހިންގި ތަނެކެވެ. އެ ތަން ނަގަން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އެންގީ ރިންގް ރޯޑް ހެދުމަށް އެ ސަރަހައްދު ހުސްކުރަން ޖެހުމުންނެވެ.
ރިޕޯޓްގައި ވަނީ، އެއްބަސްވުމުގެ ދަށުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކަކީ ބްރިޖް ވިއުއިން ޕްލެޓްފޯމް ހެދުމާއި ފުޑް އައުޓްލެޓް އޭރިޔާ ތަރައްގީކުރުމާއި ޕްލެޓްފޯމުގެ އިރުން ޕާކިން އޭރިޔާއެއް ތަރައްގީ ކުރުމަށް ކަމަށެވެ.
އެއްބަސްވުމުގައި ޗާޓައިމް ތަރައްގީކުރަން ހިމެނިފައިނުވާ ކަމަށް ރިޕޯޓްގައިވެ އެވެ. ނަމަވެސް ފަހުން ވަނީ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ބްރިޖް ވިއުއިން ޕްލެޓްފޯމުގެ ދެކުނުން އޮތް ބިމުގައި ޒަމާނީ ފުޓްބޯޅަ ޕިޗެއް ތަރައްގީ ކުރުމާއި 240 ސައިކަލާއި 12 ކާރު ޕާކުކުރެވޭ ޕާކިން އޭރިޔާއެއް ތަރައްގީކުރުމާއި ރަނގަޅު ފެންވަރުގެ ސިނަމާއެއް ތަރައްގީކޮށް ހިންގުން ހިމެނެ އެވެ. އަދި މަގުމަތީގައި ގަސް އިންދައިދިނުމާއި ކުޑަކުދިން ކުޅޭ އިންޑޯ ޕްލޭ އޭރިޔާއެއް ތަރައްގީ ކުރުމަށްވެސް އެއްބަސްވުމުގައިވެއެވެ. އަދި ސަރުކާރުން ބޭނުން ހިދުމަތެއް ދިނުމަށް ސީއެސްއާރުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށް ވެސް ހުށަހަޅާފައިވެ އެވެ.
އޭސީސީގައި ރިޕޯޓްގައިވާ ގޮތުން ސްޓްރާޑާއަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ދައްކަމުންނުދާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ނުދައްކާ ކަމަށެވެ. އަދި ސީއެސްއާރުގެ ގޮތުގައި ދައްކަންޖެހޭ ދެ މިލިއަން ރުފިޔާ ވެސް ދައްކާފައިނުވާ ކަމަށް ވެސް އޭސީސީގެ ރިޕޯޓްގައި ވެއެވެ.
ރިޕޯޓްގައި އިތުރަށް ވަނީ، ޗާޓައިމް އިމާރާތް ނަގަން ޖެހުމާ ގުޅިގެން ސްޓްރާޑާއަށް އެކަމުގެ ދޭންޖެހޭ ބަދަލު ހޯދަން ޝަރުއީ ކޯޓެއް މެދުވެރިވެގެން ނޫން ގޮތަކަށް ކުރިއަށް ގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ޗާޓައިމް އިމާރާތުގެ ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ 14.5 މިލިއަން ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ފައިސާއެއް ނޫން ކަމަށެވެ. އެކަން ހައުސިން މިނިސްޓްރީއަށް މިދިޔަ ފެބްރުއަރީ މަހު އަންގާފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.