ދުނިޔެ

ސުދާން ސިފައިން 15 މީހުން ހައްޔަރުކޮށްފި

ސުދާންގެ މުޒާހަރާތަކުގެ ތެރެއަށް އެންމެ ފަހުން ބަޑި ޖަހާ މުޒާހަރާ ކުރަން ތިބި ބަޔަކު މަރާލުމާއި ގުޅިގެން 15 މީހުން ހައްޔަރު ކޮށްފިކަމަށް ސުދާންގެ މިލިޓަރީ ޓްރާންސިޝަނަލް ކައުންސިލުް ހާމަކޮށްފި އެވެ.

ވެރިރަށް ޚަރްތޫމްގެ މުޒާހަރާތެރެއަށް ބަޑިޖެހި ކަމަށް ތުހުމަތުކުރެވޭ 15 މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެތެރެއިން ފަސް މީހަކު ކުށަށް އިއުތިރާފު ވެފައިވާ ކަމަށް މިލިޓަރީ ކައުންސިލްގެ ލީގަލް އެޑްވައިޒަރު ޚާލިދު ޚެދަރް ސުދާންގެ މީޑީއާއަށް މައުލޫމާތު ދެއްވި އެވެ.

ހަމަލާތަކުގައި ޒިންމާވާ އިތުރު ފަރާތްތަށް ހޯދަމުންދާއިރު ހައްޔަރު ކުރި މީހުންގެ ތެރޭގައި ސުދާން ސިފައިންގެ ބަޔަކު ހިމެނޭކަމަށް ރިޕަބްލިކަން ގާޑުގެ ކޮމާންޑަރަކު ވިދާޅުވި އެވެ.

މުޒާހަރާކުރަން ތިބި މީހުންގެ ތެރެއަށް ބަޑީގެ ހަމަލައެއްދީ 14 މީހުން ޒަހަމް ކޮށްލި ފަހުން ގިނަ ދުވަސްތަކެއް ނުވަނީސް މިދިޔަ ހަފްތާގައި ޚަރްތޫމްގެ މުޒާހަރާގެ ތެރެއަށް ގޮތްނޭނގޭ ބަޔަކު ބަޑި ޖެހުމުގެ ސަބަބުން އާންމުންގެ ފަސް މީހުންނާއި ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ.

ސުދާންގެ މިލިޓަރީ ލީޑަރުންނާއި އިދިކޮޅު ޕާޓީތައް ގުޅިގެން ދެ އަހަރު ނުވަތަ ތިން އަހަރުގެ މުއްދަތަކަށް ވަގުތީ ސަރުކާރެއް ގާއިމްކުރަން އެއްބަސް ވެފައިވާއިރު އެފަދަ ސަރުކާރެއް ގާއިމްކުރެވެންދެން އެ ގައުމުގެ ރައްޔިތުން ގެންދަނީ މުޒާހަރާކުރަމުން ނެވެ.