ނަވާރަ ވަނަ މަޖިލީހުގެ ރައީސްކަމަށް ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ވަކި ބޭފުޅަކަށް ޕާޓީގެ ލީޑަޝިޕުން ހާއްސަ ކަމެއް ނުދެއްވާނެ ކަމަށާއި، ޕާޓީގެ ޕާލިމަންޓް ގުރޫޕުން ކަނޑައަޅާ ބޭފުޅެއްގެ ފަހަތުގައި ތިއްބަވާނެ ކަމަށް، ވިލުފުށީ ދައިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
އަންނަ މަޖިލީހުގައި އެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް މިހާރު ވެސް އެމްޑީޕީގެ ފަސް ބޭފުޅުން ވަނީ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އޭގެ ތެރޭގައި ހއަފީފުގެ އިތުރުން ހިމެނި ވަޑައިގަންނަވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރުގެ މަގާމަށް އިންތިހާބުވި އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމާއި އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.
އޭގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑީ ހަސަން އަފީފާއި އަސްލަމާ ދެ ބޭފުޅުންގެ މެދު އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު އަސްލަމަށް އޮތް އިރު، ރައީސް ސޯލިހު ތާއީދު ކުރައްވަނީ އަފީފަށް ކަމަށް ބައެއް އެމްޑީޕީ މެންބަރުން ވިދާޅުވެ އެވެ.
ނަމަވެސް، ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ އަފީފް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ހުރިހާ ބޭފުޅުންނަކީ ވެސް އެމްޑީޕީ މެމްބަރުންކަމަށްވާއިރު، ރައީސް ސޯލިހު ވެސް އަދި ކުރީގެ ރައީސް ނަޝީދު ވެސް ވަކި ބޭފުޅަކަށް ހާއްސަކަމެއް ނުދެއްވާނެ ކަމަށެވެ.
"މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުން ރައީސް ސޯލިހު ވެސް އަދި ރައީސް ނަޝީދުގެ ނަޒަރުގައި ހަމަހަމަ ވާނެ. އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން ކަނޑައަޅާ ބޭފުޅެއްގެ ފަހަތުގައި އެ ދެ ބޭފުޅުން ވެސް ތިއްބަވާނެ،" ނަޝީދު ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަގާމު އަދާ ކުރެއްވި އަދި ރައީސް ސޯލިހާއެކު މަޖިލީހުގައި 20 އަހަރު ހޭދަ ކުރެއްވި އަފީފް އިތުރަށް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓާމެދު ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަފީފް ވިދާޅުވީ ކޮންމެ ގޮތަކަށް ވޯޓު ނެގިއަސް، އެ ވޯޓުގެ ނަތީޖާއަށް ހުރިހާ މެމްބަރުން ވެސް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ.
"އެއްބައި ބޭފުޅުން އެބަ ވިދާޅުވޭ ސިއްރު ވޯޓެކޭ ނަގަންޖެހޭނީ. އެކަމަކު އަޅުގަނޑަށް މައްސަލައެއްނެތް އޯޕަން ވޯޓެއް ނެގިއަސް. މީގެ އެންމެ މުހިންމުކަމަކީ އެ ވޯޓުގެ ނަތީޖާ ހުރިހާ މެމްބަރުންވެސް ގަބޫލުކުރުން،" ކުރިންވެސް މަޖިލީސް މެމްބަރުކަން ކުރެއްވި އަފީފް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްކަމަށް އަސްލަމަށް ތާއީދު ކުރައްވާ ކަމަށް ދޭހަވާގޮތަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓާގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަފީފް ވިދާޅުވީ އެއީ ރައީސް ނަޝީދު އަމިއްލަ ހައިސިއްޔަތުން، އޭރު ކުރެވުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ.
"ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް އަސްލަމް ވެސް ވަރަށް ރަނގަޅުވާނެއޭ. ދެން ތިއްބެވި ހުރިހާ ބޭފުޅުންގެ ވާހަކައެއް ވިދާޅެއް ނުވެވޭނެ ދެއްތޯ؟ އެއީ އޭރު ކުރި ސުވާލަކަށް ރައީސް ނަޝީދު އަމިއްލަފުޅު ހައިސިއްޔަތުން ދެއްވި ޖަވާބެއް ހަގީގަތުގަ،" އަފީފް ތަފްސީލްކޮށްދެއްވި އެވެ.
ނަމަވެސް، މަޖިލީހުގެ ރައީސްކަމުގެ ވާދަވެރިކަމުގެ ތެރެއިން "ވަކި ބަޔަކު" ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރާ ކަމަށް އަފީފު ތުހުމަތު ކުރެއްވި އެވެ.
"އެކަމަކު ރައީސް ސޯލިހު އާ ރައީސް ނަޝީދު ވެސް މަސައްކަތް ކުރައްވަނީ އެއް އަމާޒަކަށް. އެއް މަގުސަދެއްގައި. އެއީ ގައުމުގެ ހެވާއި ލާބައަށްޓަކައި އެއް މަގުސަދެއްގައި،" މަޖިލީހުގެ ރައީސްކަމަށް ވަކި ބޭފުޅެއް ގެންނެވުމުގެ ބޭނުމެއްނެތްކަން ހާމަކުރައްވަމުން އަފީފް ވިދާޅުވި އެވެ.
ނަމަވެސް، މަޖިލީހުގެ ރައީސްކަމުގެ ވާދަވެރިކަމުގެ ތެރެއިން، އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ތެރޭގައި ނުތަނަވަސްކަން އުފެދުމުގެ ޖާގަ ނުދިނުމަށް އަފީފް އިލްތިމާސް ކުރެއްވި އެވެ.
"މިކަހަލަ އިންތިހާބު ނޫނީ ވޯޓުތަކުގައި ސިޔާސީ ވާދަވެރިކަން އޮންނާނެ. ތާއީދު ހޯދަން މަސައްކަތްވެސް ކުރާނެ. އެއީ އެކަން އޮންނަންވެސް ޖެހޭނެ ގޮތް. އެކަމަކު އެކަމުގެ ތެރެއިން ނުތަނަވަސްކަން އުފެދިގެން ނުވާނެ. ޕާލިމަންޓް ގުރޫޕުގެ މެމްބަރުން ނިންމާގޮތަށް ހުރިހާ އެންމެންވެސް ގަބޫލުކުރަންޖެހޭ. އެ ނިންމުމަށް އިހުތިރާމް ކުރަންޖެހޭ. އެއީ ޑިމޮކްރަސީގެ އާދަކާދަ ހިނގާ ގޮތަކީ،" އަފީފް އިތުރަށް ވިދާޅުވި އެވެ.
ނަމަވެސް، އެފަދަ ވާދަވެރިކަމުގެ ތެރެއިން ނުތަނަވަސްކަން އުފެދެން ފުރުސަތުދެނީ ޑިމޮކްރެޓިކް އުސޫލުތަކަށް ތަސައްވުރުނުފުދޭ މީހުންކަމަށާއި، ޑިމޮކްރެޓިކް އަށަގެންނެވުމުގައި އަބަދުވެސް ނަމޫނާދައްކާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި އެފަދަ ކަމެއް ފެނިގެންނުދާނެކަމުގެ ޔަގީންކަންވެސް އަފީފް ދެއްވި އެވެ.