ވާހަކަ

ބޭނުންވަނީ ޔާރާ

(15 މެއި 2019 އާ ގުޅޭ)

"މާތްކަލާކޯ..........ކޮންކަހަލަ އަންހެން ކުއްޖެއްތަމީ........." ވަސީމާގެ ދެލޯބޮޑުވެގެން ދިޔައެވެ.

"މަންކޮ.........." ޖޫންއަށް ބުނެލެވުނެވެ. އެންމެންގެ ތޫނު ނަޒަރުތަކުން މަންހާގެ ހިތް ފޮތިފޮތިވަމުންދިޔަކަމެއް އެކަކަށްވެސް ނޭގެއެވެ.

"އާން........ދާއިން ހުރީ މީހަކާ އިނދެގެން، އެކަމަކު ދާއިން އެއުޅެނީ އަޅުގަނޑާ ތިހީކުރާފަދަ ގޮތަކަށް ކައިވެނި ކުރާކަށް ނޫނޭ.........އަޅުގަނޑަށްވެސް ކައިވެންޏަކީ ކޮބާކަން އެނގެޔޭ.........ވިސްނާފަ ނޫނީ މިފަދަ ނިންމުމެއް ނުނިންމާނެއެއްނު........އަޅުގަނޑަށް އިތުބާރުކޮއްބަލަ.........ތިއްތޭ ޕްލީޒް...........މަންމާ އެއްޗެއް ބުނުއްވަބައްލަވާ...........ކިހިނެތްތައް އަޅުގަނޑު ވިސްނާދޭނީ" މަންހާއަށް ގޮތްހުސްވާގޮތްވިއެވެ. ހަގީގަތުގައި ޒާރާގެ ނަންވެސް ގަންނާކަށް މަންހާ ބޭނުމެއްނުވެއެވެ. އޭނަ ޒާރާއަކީ މޮޔައެކޭ ބުނާކަށް ބޭނުމެއްނޫނެވެ. އަދި ނުވެސް ބުނާނެއެވެ.

"އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުގެ ތެރެއަކަށް ވައްޓާލާކަށް އަހަރެން ބޭނުމެއްނޫން، އަހަންނަށް ތިކައިވެންޏަކަށް ގަބޫލެއް ނުވެވޭނެ، މަންހާ، ދަރިފުޅު ވިސްނާލަ ބަލަ އޭނަ އާއި ދަރިފުޅާއި މެދު ހުރި އުމުރުގެ ތަފާތުކަންވެސް، އަހަރެން ހަމަ ހައިރާންވެއްޖެ މަންހާ ތިފަދަ ކަމެއް ކުރީތީ........ދަރިފުޅު މީހެއްގެ ދެވަނަ އަންބަކަށް ވެގެން އިންނަތަން ދުށުމަށްވުރެ މަރުވިޔަސް މާރަނގަޅު.........ފުރަތަމަ އަނބިދެކެ ވާލޯތްބެއް ދެވަނަ އަންހެނަކާ އިނަސް ނުވާނެ.......ތިކުރަނީ މޮޔަ ހިޔާލެއް...........މަންހާއަކަށް އަދި ނުވިސްނޭނެ..........މަންމަވެސް ހިތައްއަރާ މަންހާއަށް ވިސްނާދޭނީ ކިހިނެއްބާއޭ.........." ވަސީމާ ބުނެލިއެވެ.

ދާއިންއަށް ބުނާނެ އެއްޗެއް ނޭގުނެވެ. އޭނަ މަޑުމަޑުން ތެދުވެ ވަތްދޮރުން ނުކުންނަން ހިނގައިގަތެވެ. އޭނައަށް މިފަދަ ބޮޑު މައްސަލަތަކެއް ޖެހިދާނެކަމަކަށް ހީވެސް ނުކުރެވުނެވެ.

"ދާއިން........." މަންހާ ދާއިންގެ އަތުގައި ހިފިއެވެ.

"އަހަރެން މަންހާ އާއި ކައިވެނި ކުރަން ބޭނުން، އެކަމަކު ތިއާއިލާ އާއި ދެކޮޅަށް ކުރާކަށް ނެތިން، އަހަރެން އިންތިޒާރު ކުރާނަން ޖަވާބަކަށް.........މަންހާ.........." ދާއިން މަންހާގެ އަތުގެތެރިން އަތްދަމައިގަންނަމުން އެރީތި ކޯތާފަތުގައި ދެއަތުން ހިފާލަމުން ބަލާލީ ވަރަށްވެސް ފުންނަޒަރަކުންނެވެ. އޭނައަށް މަންހާގެ ދެލޮލުން ވިދާލި ކަރުނައިގެ މުތީތައް ފެނުމާއިއެކު ބޮލުން އިޝާރާތްކޮއްލީ ނުރޯށޭ ބުނާފަދަ ގޮތަކަށެވެ. ޝަރަފް މަންހާގެ އަތުގައި ހިފާ ދާއިންއާއި ދުރަށް ދަމައިގަތީ އެވަގުތުއެވެ. ދާއިން ފުންނޭވާއެއް ބޭރުކޮއްލަމުން އޭނަގެ ނަޒަރު މަންހާ އާއި ވަކިކޮއްލީ އެގެއިން ނުކުންނަން ދާންވެގެންނެވެ.

ދާއިން ނުކުމެގެންދިޔަ މަންޒަރު ބަލަންހުރި މަންހާއަށް ހީވީ އޭނަގެ ހިތް ހަށިގަނޑާވަކިވެގެން ދިޔަހެންނެވެ. އެދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ. ހަމައެހާ އަވަހަށް އޭނަގެ ދެލޯ ފޮހެލިއެވެ. އަވަސް އަވަހަށް އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އޭނަގެ ހާލު ވިސްނޭވަރުގެ އެކަކުވެސް އެއާއިލާގައި ނެތްކަން އޭނައަށް އެނގެއެވެ. މަންހާއަށް އޭނަގެ ކޮޓަރި ދޮރުލައްޕާ ތަޅުލެވުނީ ކިރިޔާއެވެ. ހުރިދިމާލަށް ދެކަކޫމައްޗަށް ވެއްޓިގެންދިޔައެވެ. އޭނަގެ ހުރިހާ އުއްމީދެއް ފުޑުފުޑުވީއެވެ. ނުރޯން ހިތްވަރުކުރިއަސް އެކަމެއް ނުވިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނައިގެ މައްޗަށް އެއްވެސް ބާރެއް މަންހާއަކަށް ނުފޯރުވުނެވެ. މިއަދު އޭނައެކޭ ތަޅައިގެންގޮސް ފުޑުފުޑުވެފައިވާ ބިއްލޫރީގެ ބުދެކޭ ތަފާތެއްނެތެވެ.

"ހާދަ ލަދުވެސް ކުޑަ މީހެކޭ.........އަހަރުމެންގެ ދަރި މިއުޅެނީ އިންނާނެ މީހަކުނުވެގެންތަ؟ އަހަރެން ހިތަކަށް ނާރާ މަންހާ މީހަކާ އިންނަ ވާހަކަ ދެއްކީމަ އެއީ މީހެއްގެ ފިރިއެއްކަމެއް، އަނެއްކޮޅުން އޭނައަށް އަމިއްލަ ސޫރަ ނުފެނޭބާއޭ ހިތަށް އަރާ...........ޅަކުއްޖަކު ފެނުނީމަ އަވަހަށް އޭނަގެ ބޮލަށް އެރިލައިގެން މިއުޅުނީ ކައިވެނި ކުރަން...........ލާހިކެއް ނޫން މަގޭ މަންހާ އާއި ކައިވެނި ކުރާކަށް........." ވަސީމާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"އަޅުގަނޑަށް ފެންނަނީ މަންހާގެ ކައިވެނި ވިޝާލް އާއިކުރަން، ވިޝާލް ހުރީ މަންކޮއާއި ކޮންމެ ގޮތަކުންވެސް ކައިވެނި ކުރަން ތައްޔާރަށް..........." ޝަރަފް ބުނެލިއެވެ. ސަޢީދު ދެކެވެމުންދިޔަ މަޢުލޫއަށް އެކައްޗެއްވެސް ނުބުންޏެވެ. އޭނަ ގެއިން ނުކުމެގެން ދިޔައީއެވެ. ޝިމާދު ހުރީ ހަދާނެ ގޮތެއް ނޭގިފައެވެ. ބުނާނެއެއްޗެއްވެސް ނޭގިފައެވެ. ޖޫން އަވަސްވެގަތީ މަންހާގެ ކޮޓަރި އާއި ދިމާލަށެވެ.

"މަންކޮ، ދޮރުހުޅުވާލަ ބަލަ.........." ޖޫން ގޮވާލިއެވެ.

ގޭތެރޭގެ ހަމަޖެހުންވަނީ ގެއްލިފައެވެ. މަންހާގެ ނިންމުމާއިމެދު އެއްބަސްވާ އެކަކުވެސް ނެތެވެ. ވަސީމާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ކުޑަކުޑަ އިރުއްސުރެ މަންހާ އިތުބާރު ކުރަމުން އައި ޝަރަފްގެ ނިންމުންތައް މިވަނީ ހީވެސް ނުކުރާފަދަ ގޮތަކަށް ބަދަލުވެފައެވެ. މަންހާއަށް ހެޔޮއެދޭ މީހަކަށްވުރެ ރުޅިވެރި ހަތުރަކަށްވެފައެވެ.

ދާއިން ކާރުމަޑުކޮއްލިއެވެ. އަދި ފުންނޭވާއެއް ބާރުކޮއްލިއެވެ. މިވީ ކިހިނެތްހޭ އޭނަގެ އަމިއްލަ ޒަމީރާ ސުވާލު ކުރިއެވެ. މަންހާ އާއި ކައިވެނި ކުރުމަކީ ހީކުރިހާ ފަސޭހަކަމެއްނޫންކަން އެނގުމުން އެމޫނުވަނީ އުދާސްވެފައެވެ. މަންހާ އެންމެ ފަހުން ބުނެލި ޖުމްލަ އެސިކުނޑީގައި އެނބުރިގަތެވެ. ކަންފަތަށް ހުއްޓުމެއްނެތި އަޑުއިވެމުންދިޔަ ކަހަލައެވެ. މަންހާ އޭނަ އާއި ކައިވެނި ކުރަން ބޭނުންވެފަ ހުރިވަރު ދާއިންއަށް އެޖުމްލައިންވެސް އެނގިގެން ހިގައްޖެއެވެ. މަންހާ ދޫކޮއްލާކަށް ދާއިންގެ ހިތެއް އެއްބަހެއް ނުވިއެވެ. އޭނަގެ ފޯނު ނަގާ މަންހާއަށް ގުޅާލިއެވެ.

"މަންހާ..........." ފޯނު ނެގުމާއިއެކު ދާއިން ގޮވާލިއެވެ. އެހެންނަމަވެސް އެއްވެސް ޖަވާބެއްނައެވެ. މަންހާ ރޮނީކަން ދާއިންއަށް އެނގުނު ހިނދު އެހިތަށް ތަދުވިއެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ދެލޯ މަރާލައިގެން ދާއިންއަށް އިނދެވުނީއެވެ. މަންހާ ކާޕެޓުމަތީ އަރިއަކަށް ކައިރީގައި ފޯނު ބާއްވާލައިގެން ބަލަހައްޓައިގެން އޮތެވެ. ދޭތެރެއަކުން މަޑުގިސްލުމެއްގެ އަޑު ބޭރުވެއެވެ. އެތަށް އިރެއްވަންދެން ދާއިން އިންގޮތަށް އިނެވެ.

މަންހާއަށް ދާއިން އާއި އަބަދަށްޓަކާ ވަކިވާން މަޖުބޫރުކުރުވިއެވެ. އޮފީހަށް ދިއުން މަނާކުރިއެވެ. އާއިލާ ރާވަމުންދިޔައީ މަންހާގެ ކައިވެނި ވިޝާލް އާއި ކުރަން ކަން އެނގުމުން އަދި ވަކިން މަންހާ ދެރަވިއެވެ. ވިޝާލް އޭނަ އާއި ކައިވެނި ކުރަން ގަބޫލުވާންވީ ކީއްވެހެއްޔެވެ. އޭނަ ވިޝާލްދެކެ ލޯބިނުވާކަން އެނގޭއިރުވެސް އެފަދަ ނިންމުމެއް ނިންމީހެއްޔެވެ. މަންހާ އެރެއަށްފަހު ކޮޓަރިން ބޭރަށް ނުކުތުން ހުއްޓާލިއެވެ. އޭނަގެ ކަމަކީ ކޮޓަރި ތަޅުލައިގެން އޮވެ ރުއިމެވެ. ދާއިން މަންހާގެ މަތިން ހަނދާންކުރެއެވެ. އޭނަ އަށް ގުޅަން މަސައްކަތް ކުރެއެވެ. އެކަމަކު ވަސީމާ މަންހާގެ ފޯނުވެސް ވަނީ އަތުލާފައެވެ. މަންހާ ކެއިންބުއިމާ މުޅިންހެން ދުރުވިއެވެ. އެންމެން ބަލަބަލާ ތިއްބާ މަންހާގެ ހަށިގަނޑު އަނަރޫފަވަމުންދިޔައެވެ. ދެލޯކައިރިއަށް އަނދިރި ކުލައެއްއެރުމާއިއެކު ދެލޯވަޅުވަދެފައިވިއެވެ. އެދިގު އެސްފިޔަތަށް ނުތެމޭ އިރެއްނުދެއެވެ. ދެހަފްތާވިއިރު ހަށިގަނޑަށް ކާއެއްޗެއް ނުލާ އޮތުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދަންޖެހުނެވެ. ދާއިންއަށް ހަބަރުލިބުނީ ކިހިނެތްކަމެއް ނޭގެއެވެ. އޭނަ އެތަނަށް އައުމާއެކު މަންހާގެ އާއިލާ ނުރުހުމުގެ ކަޅިއަޅާލިއެވެ. އެހެންނަމަވެސް ދާއިން ހުއްޓުވާކަށް ނުކެރުނެވެ. އެމަރޖެންސީގައި އޮތް މަންހާ ފެނުމުން އޭނަގެ ހިތަށް އަސަރުކުރިއެވެ. އަނެއްކޮޅުން ރުޅިވެސް އާދެވުނެވެ. އެތަނުގައި ހުރި ވިޝާލްއަށް ދާއިން ފެނުމުން އެނގުނެވެ. އޭނަ ދާއިން މަންހާގެ އަތުގައި ހިފާލައިގެން ގޮނޑީގައި އިން މަންޒަރަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. މާގިނައިރަކު ދާއިން އެތާކު ނީނެވެ. އެމީހުންނާއި ކުރިމަތިލާން ބޭނުންނުވަނީއެވެ.

ދެތިންދުވަހެއްގެ ތެރޭ މަންހާ ގެއަށް ފޮނުވާލަން އުޅެނިކޮށް އެތަނަށް ޒައުލް އައެވެ. ޑޮކްޓަރެއްގެ ހައިސިއްޔަތުން އާއިލާ އާއި ވާހަކަދެއްކިއެވެ. މަންހާއަށް ޒައުލް ފެނުމާއިއެކު ލޮލުގެ އިޝާރާތުން އެއްވެސް އެއްޗެއް ނުބުނުމަށް އަންގާލިއެވެ. ޒައުލް މަންހާގެ ފުރާނައަށްވެސް ގެއްލުންވެދާނެކަމުގައި އާއިލާއަށް ވިސްނާދިނެވެ. މަންހާގެ ހިތްހަމަޖައްސާދީގެން އުޅުމަށް އިރުޝާދުދިނެވެ. އަދި އެހެންމީހުންނަށް ނޭގޭނޭ ފަދަ ގޮތަކަށް ޒައުލް މަންހާގެ އަތަށް ކުޑަކުޑަ ފޯނެއް ލާދިނެވެ. މަންހާގެ ދިރުންކެނޑިފައިވާ މޫނުމައްޗަށް ހިނިތުންވުމެއް ގެންނަން މަސައްކަތްކުރިއެވެ.

ގެއަށް ދެވުމާއިއެކު މަންހާ ދާއިންއަށް ގުޅިއެވެ. ނަމަވެސް ދާއިން ހުރީ މަންހާދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ދެވަނަ ފަހަރަށް އެގޮތަށް މަންހާ ވަރުދެރަވެގެން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެނަމަ ނޫނީ އަމިއްލަ ފުރާނައަށް ގެއްލުމެއްވާފަދަ ކަމެއް ކޮއްފިނަ ދާއިން މަންހާ އާއި ދުވަހަކުވެސް ވާހަކަ ނުދައްކާނަން ކަމުގައި ބުންޏެވެ. މަންހާ ދާއިންގެ ގާތުން މާފަށް އެދުނެވެ. އެފަދަކަމެއް ނުކުރާނަން ކަމުގައި ބުނެ ވައުދުވިއެވެ. މައިންބަފައިންގެ އެނދުން ފުއްދާދިނުމަށް ދާއިން އެނދުނެވެ. މަންހާ އެކަމާ ވަރަށް ރުޔެވެ. އެހެންނަމަވެސް ދާއިންއަށްޓަކައި އެވައުދުވެސް ފުއްދާދޭނަން ކަމުގައި ބުންޏެވެ.

ސިޑިން ފައިބައިގެން އައި މަންހާއަށް އާއިލާގެ ހުރިހާ އެންމެން ބަލަހައްޓައިގެން ތިއްބެވެ. މަންހާ މަޑުމަޑުން ކާކޮޓަރިއާއި ދިމާލަށް ދިޔައެވެ. ޖޫން އޭނަގެ ފަހަތުން ދުވެފައިކަހަލަ ގޮތަކަށް ދިޔައެވެ.

"މަންކޮއަށް ކޯއްޗެއް އަޅާދޭންވީ......." ޖޫން އަވަސް އަވަހަށް އަހާލިއެވެ. އަދި ލުއި ކާއެއްޗެއް ތައްޔާރުކޮއްދީގެން ގެނެސް ކާމެޒުމަތީ ބެހެއްޓިއެވެ. މަންހާއަށް ގޮނޑިދަމާލަމުން އިށީނުމަށް ދެއްކިއެވެ. މަންހާ އިރުކޮޅަކު ތަށީގައި އޮތް ފާންފޮއްޗަށް ބަލަން އިނުމަށްފަހު ތުރުތުރުލާ އަތަކުން އެޕާންފޮތި ނަގާ ކާންފެށިއެވެ. ޖޫން މަންހާގެ ފޭވަރިޓްތަށީގައި ކިރުތައްޓެއް ހަދައިގެން ގެނެސްދިނެވެ. މަންހާގެ ބުރަކަށީގައި ފިރުމަމުން ނަސޭހަތްދެމުން ޖޫންދިޔައެވެ. ކާންއިން މަންހާ ރޯހެން ހީވެގެން ޖޫން ގުދުވެލާ މަންހާއަށް ބަލާލިއެވެ. އާއެކެވެ. މަންހާގެ ކޮންމެ ހަރަކާތެއްގައިވަނީ މަޖުބޫރުކަމެވެ. ޖޫން ހައިރާންވިއެވެ. އެހިތަށްވެސް ވަރަށްފުން އަސަރުތަކެއް ކުރުވިއެވެ. އެއްއަތުން ލޯފޮހެމުން މަންހާދިޔައިއިރު ފައިބަމުންދިޔަ ކަރުނައިގެ ނިމުމެއްނެތެވެ. އެހެންނަމަވެސް އެޕާންފޮތި ކެއުމަށް އޭނަގެ އަމިއްލަ ނަފްސަށް މަޖުބޫރުކުރުވަނީއެވެ.

"މަންހާ، ތިވަރަށް ނުރޮއެބަލަ.........ތިހިރަ މީހާ ހަލާކުވަނީނު.........." ޖޫން މަންހާގެ ގައިގާ ހިފަހައްޓާލަމުން ބުނެލިއެވެ.

"އަޅުގަނޑު ދެން ނުރޯނަން، މަރުވާކަށްވެސް ބޭނުމެއްނޫން.............ވިޝާލް އާއިވެސް ކައިވެނި ކުރާނަން.........މަންމަ އާއި ބައްޕަގެ ބަސްއަހާނަން........އެމީހުންގެ ހިތްއުފާވާގޮތަށް ކަންތައްތައް ކޮއްދޭނަން..........." މަންހާ ބުނެލިއެވެ.

ގަދަކަމުން ކަހަލަގޮތަކަށް ކާއެއްޗެއް ހަށިގަނޑަށް އެތެރެ ކުރުމަށްފަހު މަންހާ ކުރިމަތިލީ ވަސީމާ އާއިއެވެ. ވަސީމާ ހިތްހަމަ ނުޖެހިފައިއިންވަރުން މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.

"މަންމާ، މަންމަ ބޭނުންވެލައްވަނީ އަޅުގަނޑުގެ ކައިވެނި ވިޝާލް އާއި ކުރަންކަމުގައިވާނަމަ، އެގޮތާ އަޅުގަނޑު ގަބޫލު.............." މަންހާ ވަސީމާގެ ފައިކައިރީ އިށީންނަމުން ވަސީމާގެ އުނގުގައި ބޯއަޅާލިއެވެ.

"ތިގޮތް ކުރިންވެސް އޮތެއްނު، މަންހާ ތިގޮތަށް ރޮއެފަ އަހަރެން ގާތު ބުންޏަސް އަހަރެން ދުވަހަކުވެސް ގަބޫލެއް ނުވާނަން ވިޝާލް ނޫން މީހަކާ މަންހާ ކައިވެނިކުރާކަށް......." ވަސީމާގެ އަޑުވައިވަނީ ހަރުކަށިކަމެވެ.

"މަންކޮ ދެން ދާއިންއަކާ ވާހަކައެއް ނުދައްކާނެޔޭ ދޯ......ހިނގާ ކޮޓަރިއަށް" ޖޫން މަންހާގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އާރެއްބާރެއްނެތް ކުޑަކުއްޖަކުފަދައިން މަންހާ ތެދުވެގެން އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ދާއިން އާއި މަންހާގެ ގުޅުން އާއިލާއަށް އެނގުމާއިއެކު ވިޝާލްއަށް އެގެއަށް އައިސް އުޅޭކަށް ނުކެރެއެވެ. ހަގީގަތް އެނގުހުރެ މަންހާ އާއި ކުރިމަތިލާން ނުކުރެނީއެވެ. ކަންތައްތައްވަނީ ހީވެސް ނުކުރާހާ ހީނަރުވެފައެވެ. އޭނަ އެގެއަށް ނާންނާތީ ވަސީމާ ޝަކުވާކުރެއެވެ. މަންހާއަށް އަދި ނުވިސްނޭނޭ ކަމުގައި އޭނަގެ އާއިލާ ބުނަމުންދެއެވެ. އެހެންނަމަވެސް ވިޝާލްއަށް އެނގޭ އެއްކަމެއް އޮވެއެވެ. މަންހާ އޭނަދެކެ ލޯބިނުވާކަމެވެ. އޭނަ ދާއިންއަށްޓަކައި ދިގު އިންތިޒާރެއްކުރިކަމެވެ. ވިޝާލްގެ ސިކުނޑި މަންހާގެ ހިޔާލުތަކުން ފިތިބާރުވަމުންދިޔައެވެ. އަދިވެސް އޭނަ ވިސްނަނީ އޭނަގެ ނިންމުމާއިމެދުއެވެ. ޝަރަފް އާއި ވެވުނު އެއްބަސްވުން މަތިންނެވެ. މަންހާގެ ހިތް އޭނަގެ މައްޗަށް ލަންބުވާލެވިދާނެބާއޭ ހިތަށްނާރާއިރެއްނުދެއެވެ.

"ވިޝާލް......ވިޝާލް......އުފާވެރި ހަބަރެއް ހިފައިގެން މިއައީ...." ވިޝާލްގެ ކޮޓަރި ދޮރުހުޅުވާލަމުން ދުވެފައި ކަހަލަ ގޮތަކަށް ވަދެގެން އައި ޖެނީ ބުނެލެލިއެވެ.

"ކޮން ހަބަރެއް......" ވިޝާލް ކޮޓަރީގައި ހުރި ކުޑަދޮރު ކައިރިން އެނބުރިލަމުން ޖެނީއަށް ބަލާލިއެވެ.

"މަންހާ އާއި ވިޝާލްގެ ކައިވެނި ކުރަން ވަސިންތަ ގުޅައިފި މަންމައަށް.......މަންމަ އެޚަބަރު އަހާފަ އުދުއްސައިނުގަތީ ކިރިޔާ........އަވަހަށް މިއައީ ވިޝާލްއަށް އެޚަބަރުދޭން....." ޖެނީ އުފަލުންގޮސް ހުރިފިޔަވަޅުމަތީ ހުރެވެނީކީވެސް ނޫނެވެ.

"އެހެންތަ، މަންހާ ހަމަ ގަބޫލުވީތަ" ވިޝާލްގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނުނެވެ.

"ހޫމް، ކީއްވެ ގަބޫލުނުވާންވީ؟ އަނެއްކާ ކަމެއް ހިނގައިގެންތަ ތިއުޅެނީ.........އަހަރެން މަންހާއަށް ގުޅީމަ ފޯނެއްވެސް ނުނަގާ........" ޖެނީ ހައިރާންވިއެވެ.

"ނޫން، އެހެނެއްނޫން........އަހަރެން ބޭނުންވަނީ މަންހާގެ ދުލުން އެހެން ބުނާއަޑު އަހާލަން......" ވިޝާލް ކުޑަދޮރުން ބޭރަށް ބަލާލަމުން ބުނެލިއެވެ.

"ތިކަންވެސް ވާނެއޭ، ހަވީރު މަންމަ އާއި ބައްޕަ އުޅެނީ މަންކޮމެންގެއަށް ދާންވެގެން، ވިޝާލްއަށްވެސް ދާންޖެހޭނެ، އޭރުން ރަނގަޅު ޗާންސެއް ލިބޭނެއެއްނު.........." ޖެނީ ބުނެލިއެވެ.

ގޭގެ އެންމެ ހަގުކުއްޖާގެ ކައިވެނި އިއުލާން ކުރުމަށް ދެއާއިލާ ބައްދަލުވުމަށް ތައްޔާރުވާއިރު ގޭތެރޭގައި އުފާވެރިކަމެއްނެތެވެ. ފޯރިއެއްނެތެވެ. އެއިން އެއްވެސް މަންޒަރެއް ބަލާލުމަށް މަންހާ ނުނިކުމެއެވެ. އޭނަގެ ކޮޓަރީގެ ދޮރު އަބަދުހެން ހުންނަނީ ތަޅުލާފައެވެ. މީހަކު އޭނަގެ ކޮޓަރިއަށް ވަންނަން ބޭނުންނުވާކަހަލައެވެ. އެހެންނަމަވެސް ދާއިންއަށް އޭނަވީ ވަޢުދުގެ މަތިން ހަނދާންނައްތައެއްނުލައެވެ. ހިތުގައި އަޅާވޭނުން އެދޮލުން ކަރުނައައެއްކަމަކު އެކަމަށްވެސް ކެތްތެރިވާން އޭނަ ބޭނުންވިއެވެ. މީގެ ކުރިންވެސް އޭނަ ދާއިންއަށްޓަކައި ކެތްތެރިވިއެވެ. ވީއިރު މިހާރުވެސް ދާއިންއަށްޓަކައި އޭނަ ކެތްތެރިވާނެއެވެ.

"ޖޫން، ދަރިފުޅު ގޮސް މަންހާ ތައްޔާރުކޮއްދީ، އޭނަ އަމިއްލައަށް ތައްޔާރުވެގެން އަންނާނެކަމުގެ ޔަގީންކަމެއްނެތް، ނާޒިޔާމެންގެ ކުރިމަތީ ލަދުގަންނަވަރުގެ ކަމެއް ކޮއްފާނެތީ ވަރަށް ކަންބޮޑުވޭ........" ވަސީމާ ޖޫންގެ ގާތު ބުނެލިއެވެ.

"މަންމާ، މަންކޮ އެކަހަލަ ކަމެއްނުކުރާނެއޭ......" ޖޫން ބުނެލިއެވެ. އަދި މަންހާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ހަވީރުގެ ހިތްފަސޭހަވަގުތެވެ. އެހެންނަމަވެސް ވަގުތަށް މަންހާގެ އެއްވެސް ފަރުވާލެއްނެތެވެ. އޭނަގެ ހަށިގަނޑުންލާ ކޮންމެނޭވާއަކީ ދާއިންއަށްޓަކައި މިހާރު ލާނޭވާއެކެވެ. ބާލީހުގައި މޫނު ފޮރުވާލައިގެން މަންހާއޮތެވެ. ދޮރުގައި މީހަކު ޓަކިޖެހުމުން ދެވަނަ ފަހަރަށް ޖަހަންދެން ނުތެދުވެމަޑުކޮއްލައިގެން އޮތެވެ. ޖޫންގެ އަޑުއިވުމުން މަންހާތެދުވެ ލޯފޮހެލަމުން އިސްތަށިގަނޑު ރަނގަޅުކޮއްލާފައިގޮސް ދޮރުހުޅުވިއެވެ.

"ދޮންބެދައްތަ ވަންނަންތަ؟" ޖޫން އަހާލިއެވެ. އެއާއިއެކު މަންހާ ހުޅުވާލެވުނު ދޮރު ދޫކޮއްލުމަށްފަހު ކޮޓަރިތެރެއަށް ހިނގައިގަތެވެ.

"މަންމަ ބުނެގެން މިއައީ، ވިޝާލްގެ އާއިލާ މިގެއަށް އެބައާދޭ.......މަންކޮ ރީތިވެލައިގެން ހުރުމަށް ބުނީ......." ޖޫން މަންހާ ގާތުގައި އެނދުގައި އިށީނދެލައިގެން އިނދެ ބުނެލިއެވެ.

"ހޫމް........." މަންހާ މަޑުމަޑުން ހޫން ލައްވާލިއެވެ. ކީއްވެކަމެއްނޭގެއެވެ. ޖޫންއަށް މަންހާގެ ކޮނޑުގައި ހިފާގެނެސް ގައިގާ ޖައްސާލެވުނެވެ. މަންހާގެ ބޮލުގައި ފިރުމާލެވުނެވެ.

"މަންކޮ ދާއިންދެކެ ވަރަށް ލޯބިވޭތަ؟ ކިހިނެތް އެނގެނީ ދާއިން މަންކޮ އާއި މެރީކުރި ގޮތަށް އެހެން އަންހެން ކުއްޖަކާ މެރީ ނުކުރާނެކަމެއް...........މަންމަމެންވެސް ނުގަބޫލު ވެގެން އެއުޅެނީ އެހެންވެ ކަންނޭގެ..........." ޖޫން ވާހަކަދެއްކިއެވެ.

"އަޅުގަނޑު މިހުރިހާ ކަމެއް މިކުރަނީ ދާއިންއަށްޓަކައި، އޭނައަށް ވީވައުދަށްޓަކައި.........އަޅުގަނޑުގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އޭނަދެކެ ލޯބިވަން، ހަގީގަތަކީ އޭނައަކީ މީހެއްގެ ފިރިއެއްކަމުގައި ވިޔަސް އެކަނިވެރިއަކަށްވީކަން، އެކަން އަޅުގަނޑުގެ ދެލޮލުން ފެނުނު.........އޭނަ އަޅުގަނޑާއި ގުޅެން ބޭނުންވީ އޭނަ އަޅުގަނޑުދެކެ ލޯބިވާތިއެއްނޫން، އެކަމަކު އަޅުގަނޑު އޭނަދެކެ ލޯބިވާކަން އެނގުމުން، އޭނަގެ އަންހެނުން ފިޔަވާ ދެވަނަ މީހެއްދެކެ ލޯބިވާކަށް އޭނަ ބޭނުމެއްނުވޭ، ދާއިންއަކީ މާތް އިންސާނެއް، ލޯބިކަންމިވެވެނީ އެނގުނު ދުވަހުންފެށިގެން އަޅުގަނޑު ދާއިންދެކެ ލޯބިވޭ، އޭނަގެ ދިރިއުޅުމުގެ ބައެއްކަމުގައި ވުމަށް އެދެވޭ........އެއީ މީހެއްގެ ފިރިއެއްކަމުގައި ވިޔަސް މިހިތުގެ މައްޗަށް ބާރެއް ނުފޯރުވުނޭ ދޮންބެދައްތާ............އަޅުގަނޑު އޭނަދެކެ ލޯބިނުވާން ހާދަ މަސައްކަތެއްކުރީމޭ........އެހަނދާންތަކާއި ދުރަކަށްނުދެވުނު...........މިއަދު އަޅުގަނޑުގެ ހިތަށް ތަސައްލީއެއް ލިބުނުހިނދު އާއިލާގެ ހުރިހާ އެންމެންމިވަނީ އަޅުގަނޑާއި އަޅުގަނޑުގެ ލޯތްބާއި ދެމެދުވާ ފާރެއްފަދައިން.........އެކަކުވެސް އަޅުގަނޑުގެ އުފަލާއިމެދު ނުވިސްނާ..........ލޯބިވުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވާއިރު، އަޅުގަނޑަށް މިހެންވާންވީ ކީއްވެ.............ދޮންބެދައްތަވެސް ލޯބިވެގެން ނޫންތަ ކައިވެނި ކުރީ، ވީއިރު އަޅުގަނޑަށް އެމިނިވަންކަން ނޯންނަންވީ ކީއްވެ........ދާއިންއަކީ މީހެއްގެ ފިރިއަކަށްވީމަތަ.......މިހިތުގަ ދިއްލުނު ކުޑަކުޑަ އުއްމީދުގެ ހުޅުކޮޅުވެސް ނިއްވާލުމަށް މަޖުބޫރު ކުރުވަނީ ކީއްވެތަ.........އަޅުގަނޑު ވިޝާލްދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭ، އަދި ދުވަހަކުވެސް އޭނަދެކެ ލޯތްބެއް ނުވެވޭނެ............ވާކަށްބޭނުމެއްވެސް ނޫން............ދާއިންކަހަލަ މީހަކަށް އެކަކަށްވެސް ނުވެވޭނެ..........އެކަކަށްވެސް ނުވެވޭނެ......." މަންހާއަށް ގިސްލެވުނެވެ. ޖޫން ކުރިއަށްވުރެ ބާރަށް މަންހާގެ ގައިގާ ހިފަހައްޓާލިއެވެ.

(ނުނިމޭ)