ކީލިއަން އެމްބާއްޕޭ

ކުލަބު ބަދަލުކުރަން އުޅޭކަމުގެ އިޝާރާތެއް އެމްބާޕޭ ދީފި

ޕީއެސްޖީ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް، ފްރާންސްގެ ޒުވާން ފޯވަޑް ކިލިޔަން އެމްބާޕޭ ދީފި އެވެ.

ފްރާންސް ލީގްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭނާ އަށް ލިބުނު ހަފުލާއަށް ފަހު ވާހަކަ ދައްކަމުން، އެމްބާޕޭ ބުނީ، އޭނާގެ ކެރިއަރުގައި މުހިންމު މަރުހަލާ އަކަށް އަތުވެއްޖެ ކަމަށެވެ.

"މިއީ އަހަރެން އިތުރު ޒިންމާތައް ނަގައިގެން މަސައްކަތް ކުރަންވީ ވަގުތު،" އެމްބާޕޭ ވާހަކަ ދެއްކި އެވެ. "އެކަން އޮތީ ޕީއެސްޖީގައި ނަމަ އެއީ ވަރަށް ބޮޑު އުފަލެއް، ނުވަތަ އެހެން ކުލަބެއްގައި އާ ޕްރޮޖެކްޓެއް ކަމަށްވެސް ވެދާނެ."

މިދިޔަ އަހަރު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ފްރާންސަށް ހޯދައިދިން ފޯވަޑް ބުނީ، ފްރާންސް ލީގްގައި އޭނާ ހޭދަ ކުރި ހަތަރު އަހަރު ވަރަށް ކާމިޔާބު ކަމަށާއި ޕީއެސްޖީގެ ފުރަތަމަ އަހަރުގައި އެ ޓީމުގެ ސްޓައިލަށް ފެތެން އުނދަގޫ ކަންތައްތަކެއް ކުރިމަތިވި ކަމަށެވެ.

"މިއީ ފުޓްބޯޅަ ހިތްދަތި ވަގުތުތަކެއް ހުންނާނެ، އެހެން ނަމަވެސް ކާމިޔާބު ހޯދުމަށްޓަކައި އެ ވަގުތުތައް ގިރާ ކުރަން ޖެހޭނެ."