ކުޅިވަރު

ކާމިޔާބަަށް އެއްގަޑިއިރު ފަހުން ބެޓިސްގެ ކޯޗް ވަކިކޮށްފި

ރެއާލް މެޑްރިޑްގެ ދަނޑުގައި، އިއްޔެ އެ ޓީމުގެ މައްޗަށް ހޯދި ކާމިޔާބަށް އެއްގަޑިއިރު ފަހުން ރެއާލް ބެޓިސްޓެ ކޯޗް ކީކޭ ސެޓިއަން މަގާމުން ވަކި ކޮށްފި އެވެ.

ސީޒަންގެ ފަހު މެޗުގައި އިއްޔެ ރެއާލް މެޑްރިޑްގެ މައްޗަށް ބެޓިސް ކާމިޔާބު ހޯދީ 2-0 ންނެވެ. އެ މޮޅާއެކު ސެޓިއަން އަށް ހާއްސަ ޝަރަފެއް ލިބިގެން ދިޔަ އެވެ. އޭނާއަކީ ސްޕެނިޝް ލީގްގައި އެއް ސީޒަނެއްގައި ރަށުން ބޭރުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑާ ދެކޮޅަށް ކާމިޔާބު ހޯދި ފުރަތަމަ ކޯޗެވެ.

ބޮޑު ދެ ޓީމާ ދެކޮޅަށް ބޮޑު ކާމިޔާބެއް ހޯދި ނަމަވެސް، ބެޓިސްގެ މެނޭޖުމެންޓުން ސެޓިއަން އާ މެދު ހިތްހަމަ ނުޖެހުނީ، އެ ޓީމަށް ޔޫރަޕްގެ މުބާރާތުން ފުރުސަތު ނުލިބުމުންނެވެ. ސެޓިއަން އާއެކު އޭނާގެ އެސިސްޓެންޓްގެ ގޮތުގައި މަސައްކަތް ކުރި ކޯޗުންގެ ވަޒީފާ ވެސް ވަނީ ގެއްލިފަ އެވެ.

އޭނާގެ ދެ އަހަރު ތެރޭގައި، އޭނާ ވަނީ ބެޓިސް ޔޫރޮޕާ ލީގާ ހަމަޔަށް ގެންގޮސް ދީފަ އެވެ. ކުލަބުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސެޓިއަން ކޯޗު ކަމުގައި ބެޓިސްއަށް ހަމަޖެހުން އައި ކަމަށާއި ކުލަބުގެ ސްޕޯޓްސް ބްރޭންޑް ކުރިއަށް ޖެހުނު ކަމަށެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން އޭނާ އާއެކު ކުރިއަށް ނުދާން ނިންމީ ދެފަރާތުން އެއްބަސް ވެގެންނެވެ.

ބާސެލޯނާ އާއީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗް ކަމަށް ގެނައުމަށް ޝޯޓް ލިސްޓް ކުރި ކޯޗުންގެ ތެރޭގައި ސެޓިއަން ގެ ނަން ހިމެނެ އެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ރީތި އެޓޭކިން ފުޓްބޯޅައެއް ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ.