ޔުވެންޓާސް

ޔުވެންޓަސްއަށް އެންމެ ރަނގަޅުވާނީ އަހަރެން ވަކިވުން

ޔުވެންޓަސްއަށް އެންމެ ރަނގަޅު ވާނީ، މިހާރު އޭނާ މަގާމުން ދުރުވުން ކަމަށް، އެ ޓީމުގެ ކޯޗެއްގެ ގޮތުގައި އިތުރަށް ކުރިއަށް ނުދާން ނިންމި މެސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ޔުވެންޓަސްއިން ވަނީ، މި ސީޒަނަށް ފަހު އެ ޓީމުގެ ކޯޗުގެ ގޮތުގައި އެލެގްރީ ނުހުންނާނެ ކަަމަށް އިއުލާން ކޮށްފަ އެވެ. ޔުވެންޓަސް އާއެކު އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށް ހުރުމަށް އެލެގްރީ ކޮންޓްރެކްޓް އާ ކުރީ މިދިޔަ ހޫނު މޫސުމުގަ އެވެ.

އެލެގްރީ ބުނީ، ޔުވެންޓަސްގެ ކޯޗްގެ ގޮތުގައި ކުރިއަށް ނުދާން ނިންމި ނިންމުމަކީ ދެ ފަރާތުން އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި އޭނާ އެގޮތަށް ނިންމީ ކުލަބަށް ވެސް ރަނގަޅަކަށް ކަމަށް، ޔުވެންޓަސް އާއެކު ޖެހިޖެހިގެން ފަސް ފަހަރު ލީގް ޗެމްޕިއަން ކަން ހޯދި ކޯޗް ބުންޏެވެ.

އެލެގްރީ ބުނީ، ޔުވެންޓަސްގެ ރައީސް އަންޑްރޭ އަންނިއެލީ އާ އޭނާ މެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ. ބުރާސްފަތި ދުވަހު ބައްދަލުވުން ނިންމާފައި ދިޔައިރު ޔުވެންޓަސްގެ ކޯޗްގެ ގޮތުގައި އޭނާ އިތުރަށް ނުހުންނެކަން އޭނާއަށް އެނގުނު ކަމަށެވެ.

"އަހަރެމެންގެ [ކުލަބާއި އަހަންނާއި] ދެމެދުގައި އެއްވެސް ކަހަލަ ހިޔާލު ތަފާތުވުންތަކެއް ނެތް،" އެލެގްރީ ވާހަކަ ދެއްކި އެވެ. "އެހެން ނަމަވެސް އަހަންނަށް އިހްސާސް ކުރެވިއްޖެ ޔުވެންޓަސްއަށް ރަނގަޅަކަށްޓަކައި އެންމެ ރަނގަޅު ގޮތަކީ އަހަރެން ބަދަލުވުން ކަމަށް. އެހެން ނޫންނަމަ އަންނަ ސީޒަންގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހާ ހަމައަށް ދާއިރު އަހަރެމެންނަށް މައްސަލަ ދިމާވާނެ، އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ކާމިޔާބާއެކު ވަކިވުން."

ޔުވެންޓަސްގެ ވަޒީފާ ނިމުމަށް ފަހުވެސް އަވަސް ފުރުސަތެއްގައި އެހެން ކުލަބަކުން ވެސް ފެނިދާނެ ކަމުގެ އިޝާރާތެއް އެލެގްރީ ދިނެވެ.

"އެއް އަހަރު ދުވަހުގެ ޗުއްޓިއެއް އަހަރެން ނުނަގާނަން، ޗުއްޓިއެއް ނަގަން ޖެހުނަސް ނަގާނީ ކުޑަ ދުވަސް ކޮޅަކަށް،" އެލެގްރީ ބުންޏެވެ. "އެކަމަކު އަނެއް ހިޔާލަކީ އަހަންނަށް ގަބޫލު ކުރެވޭ ވަރުގެ ހުށަހެޅުމަކާއެކު ރަނގަޅު ޕްރޮޖެކްޓެއް ލިބޭނަމަ އަހަރެން އެހެން ކުލަބަކާ ހަވާލު ވާނަން."

އެލެގްރީ އަށް ފަހު ޔުވެންޓަސްގެ ކޯޗް ކަމަށް، އެ ޓީމަށް ކުރިން ކޯޗް ކޮށްދިން އެންޓޯނިއޯ ކޮންޓޭ އަންނަން އުޅޭ ކަމުގެ ވާހަކަތައް ވަނީ ފެތުރިފަ އެވެ. އޭނާގެ އިތުރުން ލާޒިއޯއަށް އިޓާލިން ކަޕު ހޯދައިދިން ސިމޯނޭ އިންޒާގީގެ ނަން ވެސް ޔުވެންޓަސް އާ ގުޅުވައި މީޑިއާއިން ފަތުރަ އެވެ.