އީދު އައީ އެވެ. ހިނިތުންވަމުން މާމަލުގައި ކުލަ ޖައްސަމުންނެވެ. މިފަހަރުގެ އީދު ހުކުރަކަށް ނުވަތަ ހަފުތާ ބަންދަކަށް ވުމަކީ އީދުގެ ފޯރި ބައެއްގެ މެދުގައި އިތުރަށް ގަދަވެގެންދާނެ ކަމެއްކަން ވެސް ޔަގީނެވެ.
ކޮންމެއަކަސް ހަފުތާ ބަންދުގެ ފޫހިކަމުން ދެމިގަތުމަށް ދަތުރަށް ނުދާ ބަޔަކު މި ހަފުތާ ބަންދުގައި މަދުވާނެކަން ޔަގީނެވެ. އަދި އާއިލާ އާއި އެކުވެރިންނާއި ދަރިން ފަތި ގޮވައިގެން ހުޅުމާލެ އާއި ފަޅު ރަށްތަކަށް ނުވަތަ ތުނޑިތުނޑިތަކަށް ދާ މީހުންގެ ފެވަރިޓަކަށް މަސް ހިފުމާއި މަސް ފިހެގެން ކެއުން ވެސް ވާނެކަން ޔަގީނެވެ.
ގޭގެ ޓެރަސް މަތީގައި މަސް ފިހުމުގެ ފޯރި މި އުޅެނީ ނުލާހިކު ގަދަކޮށެވެ. އެހެންވީމަ ބާބެކިއުއަކަށް ތައްޔާރުވާއިރު ބައެއް ކަންކަމަށް ބަލައިލުން ކިހިނެތްވާނެތޯ އެވެ.
ހާއްސަކޮށް ކެއުމުގެ އަހުލާގަށާއި ސިއްހަތަށެވެ.
މިއީ ބާބެކިއުއާ ގުޅޭ އާންމު ވާހަކަ އެކެވެ. ބާބެކިއުއޭ މިކިޔާ މަސް ފިހުމުގެ މަރުހަލާގައި އަންދާތަކެތިންނާއި ފިއްސާތަކެތިން އުފައްދާ ކެމިކަލްގެ އަސަރުން ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އެއަށް މިކިޔަނީ ކާސިނޯޖެނިކް ކެމިކަލްސް އެވެ.
މިއީ ކެންސަރަށް މަގުފަހިކުރުވާ ކެމިކަލެކެވެ. މަހާއި ފެޓްސްގެ ބާވަތްތައް އަދި ދަރާއި ޗާކޯލުން ފިހޭއިރު ޕޮލިސައިކްލިކް އެރޯމެޓިކް ހައިޑްރޯކާބަންސްއޭ ކިޔުނު ކާސިނޯޖެނިކް ކެމިކަލްއެއް އުފައްދަ އެވެ. އެހެންވީމަ މަސް ފިހަން ތައްޔާރުވާ ނަމަ މި ކެމިކަލްގެ އަސަރުން ސަލާމަތްވުމަށް ފިޔަވަޅުތަކެއް އެޅުން ބުއްދިވެރި އެވެ.
ޗާކޯލް ނުވަތަ ދަރާ މާ ގާތުގައި މަސްތައް އަތުރައިގެން ފިހުމަކީ މި ދެންނެވި ކެމިކަލްގެ އަސަރު ފިހޭ މަހަށް ބޮޑަށް ކުރާނެ ކަމެކެވެ. އަދި ގިނަ އިރުތަކެއް ވަންދެން ޗާކޯލްގެ މަތީގައި މަސްތައް އަތުރާފައި ބެހެއްޓުމަކީ ވެސް ކެމިކަލްގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
ޕޮލިސައިކްލިކް އެރޯމެޓިކް ހައިޑްރޯކާބަންސް ކެމިކަލުން ސަލާމަތްވުމަށް ގޭސް-ބާބެކިއު ވެސް އިހްތިޔާރުކުރެވިދާނެ އެވެ.
ބާބެކިއުގައި ފިހަން ގަސްކުރާ މަހުގެ ބާވަތްތަކަށް ބަލާއިރު އެންމެ ސިއްހަތަށް ރަނގަޅު ކަމަށް ތަޖުރިބާކާރުން ބުނަނީ ކުކުޅު މަހާއި ބީފް އެވެ.
މައްސަލަ ޖެހޭ ހިސާބަކީ މިއީ އެވެ. ބާބެކިއު އަކަށް އެންމެން ވެސް ދަނީ ނިކަން ގަދަ އަށް ކައިލުމުގެ މަގުސަދުގަ އެވެ. ހިކެން ހިފާފައި ހުންނަ މީހާ އަށް ވެސް ބާބެކިއުގެ ދައުވަތު ލިބުމުން ދެނަކާދެނެއް ނުހުރެ އެވެ.
އެހެންވީމަ ބާބެކިއުއަކަށް ދާއިރު ތިމާ އަށް ކެވޭ މިންވަރާއި ކެވޭ ނިސްބަތް ބަލައިލުން ވެސް ވަރަށް މުހިންމެވެ. އަދި ބާބެކިއު އަކަށް ގޮސް މި ކެވެނީ ކޮން ކަހަލަ އެއްޗެހިތަކެއްތޯ ވެސް ބަލައިލުން މުހިންމެވެ.
ހާއްސަކޮށް ފަލަވެދާނެ ކަމަށް ވިސްނައިގެން އުޅޭ މީހުން މިކަންކަމަށް ސަމާލުކަންދޭން ޖެހޭނެ އެވެ.
މިސާލަކަށް އާދައިގެ ޗިކަން ސޮސެޖަކުން ލިބޭ ކެލޮރީސްގެ އަދަދަކީ 49 އެކެވެ. އޭގެ 54 ޕަސެންޓަކީ ފެޓް އެވެ.
ބާބެކިއު އަކަށް ދާ މީހާ އެންމެ ސޮސެޖަކުން ނިންމާލާނެ ކަމަށް ހީކުރުމަކީ ކުށް ހީ އެކެވެ.
ސޮސެޖަށް ފަހު ބަނަހަކީ ވެސް ކެލޮރީ މަތި ކެއުމެކެވެ. ހޮޓް ޑޯގް ބަނަހަކުން އެވްރެޖުކޮށް 110 ކެލޮރީ ލިބޭއިރު ހޭމްބާގާ ބަނަހަކުން ވެސް ހަމަ މިވަރަށް ލިބެ އެވެ.
އެހެންވީމަ ބާބެކިއުއެއްގައި ބައިވެރިވާ މީހަކު އެވްރެޖުކޮށް ސޮސެޖާއި ބަނަސް އެކަނި ކައިގެން ވެސް 630 ކިލޯކެލޮރީ އާއި 21 ގްރާމުގެ ފެޓް ހަށިގަނޑަށް އެތެރެކުރާނެ އެވެ.
ބާބެކިއުތަކުގައި މަގްބޫލުކަން ހޯދާފައިވާ "ޓޯސްޓެޑް މާޝްމެލޯ" އަކީ ސިއްހަތަށް އެހާ ރަނގަޅު އެއްޗެއް ނޫނެވެ. ކޮންމެ މާޝްމެލޯ އަކީ އެއް ސައިސަމުސާގެ ހަކުރެވެ.
މާޝްމެލޯ އަށް ފަހު ކޯކަކީ ވެސް ސިއްހަތަށް ނުރަނގަޅު އެއްޗެކެވެ. އާދައިގެ ކޯކު ދަޅެއްގައި 39 ގްރާމް ހަކުރު ހުރެ އެވެ. އެއް ލީޓަރުގެ ބޮޑު ފުޅިއެއްގައި 108 ގްރާމުގެ ހަކުރު ހުރެ އެވެ.