މި ސީޒަނަށް ފަހު، ރެއާލް މެޑްރިޑުން ދޫކޮށްލާނެ ކަމަށް ބެލެވޭ، ވެލްސްގެ ފޯވަޑް ގެރެތު ބޭލްއަށް، ސަޕޯޓަރުންނާ އަލްވަދާއު ކިޔުމުގެ ފުރުސަތު ނުދީ، ރެއާލް މެޑްރިޑުން އެ ޓީމުގެ ސީޒަން ނިންމާލައިފި އެވެ.
އިއްޔެ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗަކީ، މި ސީޒަންގައި ރެއާލް މެޑްރިޑް ކުޅުނު އެންމެ ފަހު މެޗެވެ. މި ސީޒަނަށް ފަހު ރެއާލްއިން ބޭލް ދޫކޮށްލާނެ ކަމަށް އަޑު ފެތުރިފައި ވަނިކޮށް ޒިދާން ވަނީ، ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުގެ ޓީމު ލިސްޓުގައި ބޭލް ހިމަނާފަ އެވެ. އެއީ އޭގެ ކުރިން ކުޅުނު ދެ މެޗުންވެސް ބާކީ ކުރުމަށް ފަހު ދިން ފުރަތަމަ ފުރުސަތެވެ.
ނަމަވެސް، މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި އަރަން ހަމަޖެހުނު ކުޅުންތެރިން ވޯމްއަޕަށް ދުވަން ފެށިއިރު ވެސް ބޭލް އިނީ ބެންޗުގަ އެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި ޒިދާން ފުރުސަތު ދިނީ، އިސްކޯ، މާކޯ އެސެންސިއޯ އަދި ލޫކަސް ވަޒްކްއޭޒް އަށެވެ. ބޭލް އިނީ ބާކީ ވެފަ އެވެ.
މި ސީޒަނަށް ފަހު ކޭލޯ ނާވަސް ވެސް، ރެއާލް ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މެޗުން ޒިދާން އޭނާއަށް ފުރުސަތު ދިނެވެ. މެޗަށް ފަހު ރެއާލްގެ ސަޕޯޓަރުންގެ ފަރާތުން ނާވަސްއަށް އިހްތިރާމްގެ ސަލާމް އަދާ ކުރި އެވެ. ބޭލްއަށް އެ ފުރުސަތު ނުލިބުނެވެ.
ބޭލްއަށް އެ ފުރުސަތު ނުދިން ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ މެޗުން ފުރުސަތު ދެނީ އެ ދުވަހެއްގެ މެޗުގައި އިދިކޮޅަށް ކުޅޭ ޓީމަށް ބެލުމަށް ފަހުގައި ކަަމަށެވެ. އަންނަ ސީޒަންގައި ޓީމުގައި ބޭލް ހިމެނޭނެތޯ ސުވާލު ކުރުމުން ޒިދާން ބުނީ އަންނަ ސީޒަންގައި ކޮންމެ ގޮތެއްވެސް ވެދާނެ ކަމަށެވެ.
"އަހަރެމެން ބަލާނަން [ބޭލް އަންނަ އަހަރު ކުރިއަށް ދޭތޯ] އަހަންނަކަށް ނޭންގެ ވާނެ ގޮތެއް، އެހެން ކުޅުންތެރިންނާ މެދުވެސް އަހަރެން ބަލަންޖެހޭ، އަހަރެން ނިންމުން ނިންމާނަން، އަހަރެން ބަދަލު ގެންނާނަން،" ޒިދާން ބުންޏެވެ. "އަންނަ ސީޒަންގައި ކޮންމެ ގޮތެއްވެސް ވެދާނެ، މިއަދު [އިއްޔަ] އޭނާ ނުކުޅޭ، އަހަރެން ނިންމުން ނިންމަނީ ދުވަހުން ދުވަހަށް ބެލުމަށް ފަހު، ހުރިހާ ކަމެއް ރަނގަޅަށް ނުދަންޏާ އަހަރެން ބަލަންޖެހޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން."
ރެއާލްގައި ހޭދަ ކުރި ހަ އަހަރު ބޭލްގެ އެންމެ ހާއްސަ ކާމިޔާބަކީ، މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގް ރެއާލް އަށް ކާމިޔާބު ކޮށްދިނުމެވެ. ފައިނަލުގައި ރެއާލް އަށް ނަތީޖާ އަނބުރާލަ ދިނީ އޭނާ ޖެހި ދެ ގޯލާ އެކު އެވެ. އޭގެ އިތުރުން 2013 ވަނަ އަހަރު ސްޕެނިޝް ކަޕްގެ ޗެމްޕިއަން ހޯދައި ދިނުމަށްޓަކައި ފައިނަލުގައި ބާސެލޯނާ ކޮޅަށް އޭނާގެ ހަލުވި ސްޕީޑް ބޭނުންކޮށްގެން ޖެހި ލަނޑަކީވެސް ފާހަގަ ކުރެވޭ ކާމިޔާބީ އެކެވެ.