ވިޔަފާރި

އެސްޓީއޯގެ ހިއްސާގެ ފައިދާ ދޫކުރަނީ

އެސްޓީއޯގެ ހިއްސާދާރުންނަށް ބުރާސްފަތި ދުވަހުން ފެށިގެން ހިއްސާގެ ފައިދާ ދޫކުރަން ނިންމައިފި އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް 58ރ. ބަހަން ވަނީ މި މަހުގެ 17 ވަނަ ދުވަހު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

ހިއްސާގެ ފައިދާ ނަގަން ދާއިރު އައިޑީ ކާޑު ނުވަތަ ހިއްސާގެ ސެޓްފިކެޓް ގެންދަން ޖެހޭނެ އެވެ. އަދި ހިއްސާގެ ފައިދާ ބަލާ ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަަމަ އެ ފަރާތުގެ އައިޑީ ކާޑު ކޮޕީއާއެކު ހިއްސާދާރުގެ އައިޑީ ކާޑު ކޮޕީއެއް ހުށަހަޅަން ޖެހޭނެ އެވެ.

އެސްޓީއޯ އިން ބުނީ ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް ރަޖިސްޓަރކުރައްވާފައިވާ ފަރާތްތަކުގެ އެކައުންޓަށް ބުރާސްފަތި ދުވަހުގެ ނިޔަލަށް ފައިސާ ޖަމާކޮށްދޭނެ ކަަމަށެވެ.

ބޭންކް އެކައުންޓަށް އަލަށް ހިއްސާ ޖަމާކުރައް ވަން އެދޭ ފަރާތްތަކަށް "ބޭންކް އެކައުންޓަށް ޖަމާކުރުމަށް އެދޭ ފޯމް" ފުރަން ޖެހޭނެ އެެވެ. މި ފޯމް ކުންފުނީގެ ވެބްސައިޓުން ޑައޮންލޯޑް ކުރެއްވޭނެއެވެ. އަދި އެސްޓީއޯގެ މައި އޮފީހުގެ ރިސެޕްޝަނުން ވެސް ލިބެން ހުންނާނެއެވެ.

އެސްޓީއޯ އިން ބުނީ ފޯމް ހުށަހަޅާ ފަރާތްތަކަށް ހަފްތާ އެއް ތެރޭގައި ޑިވިޑެންޑް ޖަމާކޮށްދޭނެ ކަމަށެވެ. އަދި މިހާތަނަށް ދޫ ކޮށްފައިވާ ހިއްސާގެ ފައިދާ ނުނަންގަވާ ފަރާތްތަކަށް އެ ފައިސާ ނެގުމަށް އެސްޓީއޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިފްކޯ އާއި އެސްޓީއޯގެ ހޮޓަލުން ލިބުނު ގެއްލުމާއެކު، އެ ކުންފުނީގެ ގްރޫޕު ފައިދާވަނީ ހުރީ 30 މިލިއަން ރުފިޔާގަ އެވެ.