ދިވެހިވަންތަ ކެއުމަކަށް ނުވިޔަސް މިއީ ދިވެހިންގެ ފެވަރިޓެކެވެ. މެންދުރުގެ ކެއުމުގައި އަދި ރޭނގަނޑުގެ ކެއުމުގައި ވެސް ސުރުފާމަތި ނިކަން ރީއްޗަށް ފަޅުފިލުވާލަދޭނެ އެއްޗެކެވެ.
ސްޕެގެޓީ އަށް ބަލާއިރު ދިވެހިންގެ ތެރޭގައި އެންމެ އާންމު އަދި އެންމެ ގިނަ ބަޔަކަށް އެންމެ މީރީ ބޮލޮގްނީސް އެވެ. އެއަށް ފަހު ކާބޮނާރާ ނެގިދާނެ އެވެ. އަދި ސްޕެގެޓީ މީޓްބޯލްސް އަންނަނީ އެއަށް ފަހު އޭ ވެސް ބުނެވިދާނެ އެވެ.
ކޮންމެއަކަސް ސްޕެގެޓީގެ ފޭނުންނަށް މިފަހަރު މި އޮތީ އޭގެ އެންމެ ހާއްސަ އަދި އެންމެ ސިމްޕަލް ސެޓެކެވެ.
ބައެއް ފަހަރަށް އެންމެ ހިތްގައިމީ އަދި އެންމެ މީރީ ވެސް އެންމެ އާދައިގެ ކޮށް ތައްޔާރުކޮށްފައި ހުންނަ ކާ އެއްޗިއްސެވެ. މިސާލަކަށް މިއެވެ. މިއީ ސްޕެގެޓީގެ ވަރަށް އާދައިގެ އެކަމަކު އެހާމެ މީރު ވެސް ޑިޝް އެކެވެ.
މި ޑިޝް ތައްޔާރުކުރުމަށް ބޭނުންވަނީ އެންމެ ފަސް އިންގްރެޑިއެންޓެވެ.
400 ގްރާމްގެ ސްޕެގެޓީ
ތިން މިރުސް
ތިން ލޮނުމެދު
އެކްސްޓްރާ ވާޖިން އޮލިވް އޮއިލްގެ ފަސް ސަމުސާ
ފްލެޓް ލީފް ޕާސްލީ ފަތްކޮޅެއް
ލޮނު
ލޮނު އަޅައި ބޮކިޖަހާ ވަރަށް ކައްކާފައި ހުންނަ ފެނުގެ ތެރެއަށް ސްޕެގެޓީ އަޅާލާށެވެ. ސްޕެގެޓީ މަޑުވަންދެން ކައްކާށެވެ. ނަމަވެސް މާ މަޑުނުކުރައްޗެވެ. ހެފޭ ވަރަށް ބަހައްޓައްށެވެ.
ސްޕެގެޓީ ކައްކަމުންދާއިރު މިރުސްތައް އޭގެ އޮށްތަކާ ވަކިކޮށް ސާފުކޮށްލާށެވެ. މިރުސް ކުދިކޮށް ކޮށާލުމަށް ފަހު ލޮނުމެދު ވެސް ކުދިކޮށް ކޮށާލާށެވެ.
ބޮޑު ތަވައަކަށް އޮލިވް އޮއިލް އަޅައިގެން ހޫނުކޮށްލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް މިރުހާއި ލޮނުމެދު އަޅައިގެން މިނެޓެއް ދެ މިނެޓްހާ ވަރު ކައްކާލާށެވެ.
މަޑުކުރި ސްޕެގެޓީ ފެނުން ނެގުމަށް ފަހު ތަވާގެ ތެރެއަށް އަޅައި ތެލާއި މިރުހާއި ލޮނުމެދާ އެއްކޮށްލާށެވެ.
ސްޕެގެޓީގެ ތެރެއަށް ޕާސްލީ ފަތްތައް އަޅައި ލޮނުކޮޅެއް ވެސް ލެވިދާނެ އެވެ. ދެން ހަމަ ކާންވީ އެވެ.