މޯލްޑިވްސް ޕޮލިސް ސާވިސް

ހުރިހާ ހިދުމަތަކާއެކު ޑްރަގު ވިޔަފާރިކުރާ ހަތަރު ގެއެއް ހާމަކޮށްފި

މަސްތުވާތަކެތީގެ ހުރިހާ ހިދުމަތަކާއެކު ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިކުރާ ބައެއް ގޭގެ މާލޭގައި އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރާ ތަހުގީގުތަކާގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް މިއަދު މެންދުރު ފަހު އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ބްރީފިންގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ގްރޫޕް ހަދައިގެން ގޭގޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުން ކުރަމުން ދަނިކޮށް އަތުލައިގެންފައިވާ ކަމަށާއި އެ ގެތައް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ވިއްކައި އެ ތަކެތި ބޭނުން ކުރުމުގައި އަމަލު ކުރާނެ ގޮތް އަންގައިދޭ ގޮތަށް ހުރިހާ ހިދުމަތްތަޖެއް އެ ގޭގެއިން ލިބޭ ގޮތަށް ހަމަޖައްސާފައިވާކަން އެނގުނު ކަމަށެވެ.

"މަސްތުވާތަކެތި ގަނެގެން، އެ ތަނުގައި ބޮއެގެން، ބޯނެ ގޮތް ކިޔައިދިނުމާއި [އެނޫންވެސް އެފަދަ] ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް [އެ ގެ ތަކުގައި] ކަންކަން ބައްޓަން ކޮށްފައިވާ ކަން ފާހަގަ ކުރެވޭ." ޝާކިރު ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުން އެ ގޭގެއަށް ވަނުމަށް ހުރަސް އެޅުމުގެ ގޮތުން، އެ ހަތަރު ގޭގައި ވެސް ދޮރުގައި ބޮޑެތި ދަގަނޑު ފިލާ ހަރުކޮށް، ބަންދުކޮށްފައި ހުރި ކަމަށް ޝާކިރު ވިދާޅުވި އެވެ.

ފުލުހުން ވަނީ އެ ހަތަރު ގޭގެ ނަން ވެސް ހާމަކޮށްފަ އެވެ. އެ ހަތަރު ގެއަކީ ގ. ޕެލްކިން އާއި ގ. މެމޮރިވިލާ އާއި މ. އެވަރެސްޓްއާގެ އާއި މއ. ބޯކެޔޮގަސްދަށުގެ އެވެ.

ފުލުުހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތަރު މަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 22 ގެއެއް ބަލައިފާސްކޮށް، 3000 އަށްވުރެ ގިނަ މީހުން ހުއްޓުވައި ސުވާލުކޮށްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަތަރު މަހު ފުލުހުން ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 51 މައްސަލައަކާއި މަސްތުވާތަކެތި ޕެޑަލް ކުރުމުގެ 204 މައްސަލައަކާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުމުގެ 39 މައްސަލައަކާއި މަސްތުގެ ހާލުގައި ތިބި 309 މީހުންގެ މައްސަލަ ތަހުގީގުކޮށްފަ އެވެ.

މަސްތުވާތަކެތި ޕެޑަލް ކުރުމުގެ މައްސަލަތަކުގައި ޖުމްލަ 394 މީހަކު ހައްޔަރު ކޮށްފައިވާ އިރު، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި 111 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ހިސާބުތައް ދައްކަ އެވެ. އޭގެ އިތުރުން މަސްތުގެ ހާލުގައި ހުރި 345 މީހަކު ހައްޔަރުކޮށްފައިވާއިރު ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެގެން 77 މީހުން ހައްޔަރުކޮށްފައިވެ އެވެ.

ތަހުގީގު ކުރި މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 24 މައްސަލައަކާއި މަސްތުވާތަަކެތި ޕެޑަލް ކުރުމުގެ 201 މައްސަލައަކާއި ބަނގުރާ ގެންގުޅުމުގެ 16 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.