(16 މެއި 2019 އާ ގުޅޭ)
އެމީހުންނަކީ އައިޒަންއާ އެންމެ ގާތުގައި ތިބޭ ޖިންނީންނެވެ. އެމީހުން ދަތުރުކުރި ސަވާރީއަކީ އައިޒަން ފިޔަވައި މިހާތަނަށް އެހެން އެއްވެސް ޖިންނިއަކު ދަތުރުކޮށްފައެއްނުވެއެވެ. އެމީހުންނަށް އައިޒަންގެ ކަންކަމާ ސުވާލުކުރުމުގެ ހުއްދައެއް ލިބިގެނެއްނުވެއެވެ. އީޝަލްގެ ވާހަކަތައް ތެދުކަން ޤަބޫލުކުރަން އިތުރު ހެއްކެއް ރާހިޤަށް ބޭނުމެއްނުވިއެވެ.
އައިޒަންއަށް ލިބިފައިވާ ވަރައަކީ އެ މީހުންގެ ތެރެއިން ދުށް އެންމެ އާދަޔާ ޚިލާފު ބޮޑު ދެ ވަރައެވެ. ސިފަ ޖެހޭހިނދު އެ ވަރައިން ރަންކަނި ބުރާލައެވެ. އެފަދަ ކަމެއް ރާހިޤުމެންނަށް ފެނުނީ އެމީހުންގެ ކުރިމަތީ ހުރި އީޝަލްގެ ދެވަރަށް ހާމަވެ ސިފަވެގެންދިޔަ ވަގުތެވެ. އެއާކު މަޑު ހުވަނދެއް ފަޒާގައި ލެވުނު ފަދައެވެ. އެ ވަސް މާޙައުލުގައި ހިފީ އީޝަލްގެ ދެވަރަށް ހުޅުވާލި ފަހުންނެވެ. ބިޔަވެފައި ބޮޑުކަމުން ވަރައިގެ ކޮޅުވަނީ ބިމުގައި ޖެހި ލެނބިފައެވެ. ވާހުގައި ފަތުރާލާފައި އޮންނައިރު އެ ވަރައިގެ ފުރިހަމަވާނޭ ވަރު ރާހިޤާއި އޭނާއާއެކު ތިބި ދެ ބައިވެރީންނަށް ވެސް ސިފަކުރެވުނެވެ.
"އަހަރެމެންނަށް އަމުރުވެވިގެންވަނީ އީޝަލް މިތަނުގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް، ފުރާނަ ވަކިވެގެންދަންދެން އަހަރެމެން ބޯލަނބާ ކިޔަމަންވާނީ ރަސްގެފާނަށް، އެ ރަސްގެފާނުގެ ބަސްފުޅަށް" ރާހިޤް މަޑުމައިތިރިކަމާއެކު ބުނެލީ އީޝަލްއަށް އެއްޗެއް ވިސްނައިދޭން ބޭނުންވެ ހުރެއެވެ.
"ކާފައަށް ޖަވާބުދާރީ އަހަރެން ވާނަން، ކަލޭމެންގެ ތެރެއިން އެކަކުގެ ފުރާނައެއް ވެސް އަހަރެން ބޭނުމެއްނޫން، ސުލްޙަވެރިކަމާއެކު އަހަރެމެންގެ އަހުލުންގެ ގާތަށް ދާން މި އެދެނީ، އެމީހުން މުސީބާތެއްގެ ތެރޭގައިވާކަން އެނގި މަރަށް ފިލާ ފިނޑިއެއްހެން ހުރުމަކީ އަހަރެންގެ އުސޫލެއްނޫން، އަހަރެން ބޮޑުވީ އެފަދަ ފިނޑިންގެ ތެރެއަކުނޫން، ކޮންމެ މެންބަރަކީ ވަރުގަދަ ފަހުލަވާނެއް... އެމީހުން އަހަރެން ތަމްރީނުކުރީ... މިފަދަ ދުވަހަކަށް... ވަގުތު ބޭކާރުކުރެވޭކަށްނެތް، އާދޭސްކުރަން ރާހިޤު، އަހަރެން ދިޔަ ދީ" އީޝަލް ދިއްކޮށްލައިގެން ހުރި ކަނޑި ތިރިކޮށްލައި އޭނާ ވެސް އާދޭސްކުރިއެވެ.
"މަޑުކުރޭ..." ރާހިޤު ބުނެލިއެވެ. އަދި އޭނާ ކުއްލިއަކަށް ޣައިބުވީއެވެ. އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭ އުޑުމަތިން ވައިދުންޏެއް ފާޅުވެލިއެވެ.
"އޭނާ އެ ދިޔައީ ޚަބަރު ހިފައިގެންތަ؟ ކާފަގެ އަރިއަހަށްތަ؟" ކުރިމަތީ ރާހިޤާއެކު އައި ދެ ބައިވެރިން ތިބީތީ އެ މީހުންނާ އީޝަލް ސުވާލުކުރިއެވެ. ނަމަވެސް އެއިން މީހަކު އަނގަޔަކުން ނުބުންނެވެ. އެހެންވެ ހިމޭނުން ތިބީ ރާހިޤު އެނބުރި އަންނަންދެނެވެ. އޭނާ އެނބުރި އަންނާނޭކަމުގެ ޔަގީންކަން އީޝަލްއަށް އޮތެވެ.
އަޖައިބުވެ އަންތަރީސްވެފައިވާ މީހަކު ފަދައިން ސިއްތާ ކޮޅުކޮޅަށް ހުއްޓި އީޝަލްއަށް ބެލިއެވެ. ރާވިން ކުރިއަށް ޖެހިލިއެވެ. ފެންނަ މަންޒަރު ޤަބޫލުނުކުރެވިފައި ހުރި ފަދައަކުން ރާވިންގެ ކަނާއަތް ހިއްލާލައި އީޝަލްގެ ވަރައިގައި އަތްލަން އުޅުނެވެ. އެހިނދު ކުއްލިއަކަށް އީޝަލްގެ ފުރަގަހުގައި ހުއްޓިލީ ރައުލްއެވެ. އޭނާ ރާވިންގެ އަތުގައި ހިފިއެވެ. އޭނާއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ދެފަރާތަށް ބޯހޫރުވާލީ އޭނާ ކުރަން އުޅުނުކަމެއް މަނާކުރާ ފަދައިންނެވެ. ޔާފިއާ ވަގުތުން އައިސް ރާވިންގެ ގާތުގައި ހުއްޓި އޭނާގެ މުލައްދަނޑީގައި ހިފާލިއެވެ. އަދި އަނެއްއަތުން ރާވިންގެ މޭގައި އަތްތިލަ ޖައްސާލިއެވެ. ލޮލަށް ފެންނަ އަޖައިބުގެ އަޖުމަ ބަލައިލުމުގެ ޝައުގުވެރިކަން ރާވިންގެ ހިތުގައި އުފެދުނީއެވެ. ދެންތިބި އެންމެންނަށް އެކަން އެނގުނެވެ. އީޝަލް ފަސްއެނބުރެން ބޭނުންނުވީ އޭނާގެ ކުރިމަތީގައި ތިބި ދެ ޖިންނީންނާ ނަޒަރު ވަކިކޮށްނުލާން ވެގެންނެވެ. އުފެދުނު ޝައުގާއެކު ވެސް ކުރެވެން އުޅެނީ ކޮށްގެން ނުވާނޭކަމެއްކަން ރާވިންއަށް ރެއަކާލީ ދެނެވެ. އަވަސް އަވަހަށް ރައުލްއަށް ބޯޖަހާލުމާއެކު ފަހަތަށް ޖެހުނެވެ. ރައުލް ހުރި ފިޔަވަޅު މަތީ މަޑުކޮށްލައިގެން ހުއްޓެވެ.
"އޭނާ އެބާދޭ" އީޝަލް ބުންޏެވެ. އެންމެން ސަމާލުކަމަށް އައެވެ.
"ކޮބާ ޚަބަރަކީ؟" އީޝަލް އުޑުމައްޗަށް ބަލަން ހުރެ މަޑުމަޑުން އޭނާގެ ނަޒަރު ތިރިވަމުން އައިސް ދިމާ ކުރިމައްޗަށް ހުއްޓުނެވެ. ދެންތިބި މީހުންނަށް ރާހިޤު ފެނުނީ އެމީހުންގެ ކުރިމަތިން ފާޅުވީމައެވެ. ނަމަވެސް އެވަގުތު ރައުލް އިސްއުފުލާ ބަލަން ހުރިކަން ދެން ތިބި މީހުންނަށް ފާހަގަވިއެވެ. ރާހިޤު މޫނުން ކުރިން ފެނުނު ހަރުކަށިކަން ފާޅެއްނުވެއެވެ. އޭނާގެ މޫނުގައިވަނީ އީޝަލްއާ މެދު ރުހިފައިވާ ކަމުގެ އަސަރެވެ. ސަލާމް ގޮވާލުމާއެކު ރާހިޤު ކުރުނީސް ކުރުމުން އެތަނުގައި ދެން ތިބި ދެ ބައިވެރިން ހައިރާންވެ ރާހިޤަށް ބަލާލިއެވެ. އަދި ރާހިޤު ފަދައިން އެ މީހުން ވެސް ނިކަން އަވަހަށް ކުރުނީސް ކޮށްފިއެވެ.
"ތި ކުއްޖާފުޅާ ކުރިމަތިލުމަކީ އަހަރެމެންގެ މައްޗަށް އަމުރުވެވިގެންވާކަމެއްނޫން، ސަވާރީ އެބަ ގެނޭ... ތައްޔާރުވޭ... އެނބުރިދާން" ރާހިޤު ބުންޏެވެ.
"ކޮބާ ކާފަ؟" އީޝަލް އެއްސެވެ.
"ތި ސުވާލަށް ޖަވާބުދިނުމަށް ހުއްދަ ލިބިގެނެއްނުވޭ" ރާހިޤު ބުނެލިއެވެ. އަދި އީޝަލްއަށް ބަލަން ހުރެ ބޯ ތިރިކޮށްލައި އޭނާ ދަތުރަށް ތައްޔާރުވަނީ ކަމުގައި ބުނެ ދުރަށް ޖެހިލިއެވެ. އޭނާގެ ގާތުގައި ތިބި ބައިވެރީންނާ އޭނާ ވާހަކަދެއްކިއެވެ. އިރުޝާދުތައް ދިނެވެ. އަދި އެހެން ބައިވެރީންނާ ބައްދަލުކުރުމަށް އޭނާ އެ މީހުން ގޮވައިގެން އެތަނުން ހިނގައްޖެއެވެ.
"މީ ކޮންބައެއް؟" ސަވާރީ ތިރިކުރެވި އެއަށް އަރަންވީ ވަގުތު ޠަލަބްއާއި ސިއްތާ ތިބުމުން ރާހިޤް ސުވާލުކުރިއެވެ.
"އެއީ އަހަރެންގެ އެކުވެރީން، އޭމީހުންވަނީ އަހަރެންގެ ބެލުމުގެ ދަށުގައި" އީޝަލް ބުންޏެވެ. އިރުކޮޅަކު އީޝަލްއަށް ބަލަން ހުރެފައި ރާހިޤު ބޯޖަހާލިއެވެ. އެއާއެކު ލުއި ހިނިތުންވުމަކާއެކު ޠަލަބްއާއި ސިއްތާއާ އީޝަލް ކުރިމަތިލިއެވެ. އެންމެންނާއެކު ސަވާރީއަށް އެރުމަށް އެދުނެވެ. އީޝަލްގެ އެހީގައި ސިއްތާ ނަގައި ސަވާރީގެ ތެރޭގައި ބެހެއްޓިއެވެ. ފިރިހެނަކަށްވެ ހުރެ ޠަލަބްގެ އަމިއްލަ ފަޚުރުން ބައެއް އުނިވެދާނޭތީ އޭނާ އެކަކުގެ އެހީތެރިކަމެއް ބޭނުމެއްނުވިއެވެ. ސަވާރީގެ ބައެއްގައި އެލިގަނެގެން ބަނޑުޖަހައިގެން ކަހަލަ ގޮތަކަށް އޭނާ އަރައިފިއެވެ. އެތަން ބަލަން ހުރި ސިއްތާ ދެފަރާތަށް ބޯހޫރުވާލިއެވެ. އޭނާގެ ބޭބެގެ ބޯހަރުކަން ހިތަށް އަރާފައެވެ. އެންމެފަހުން އެރީ އީޝަލްއާއި ރައުލްއެވެ.
* * * * *
"އެމީހުން ފެތުރިގަނެއްޖެ" ޒިޔަޒެލް ބުންޏެވެ. އެހިނދު ހަލުވިކަމާއެކު ރަށުގެ އެކި ދިމަދިމާއަށް ޒިޔަޒެލްއާއެކު މީކާޢިލް އައިސް ހުއްޓި ވާނުވާ ބެލިއެވެ. އެމީހުންނާއެކު ޒަލަފް ހުއްޓެވެ.
"އަބުތައް ފެނުގެ ތެރެއަށް ގިރުވާލަފާނެ، ވެލިގަނޑު ދޫވެއްޖެނަމަ އޭގެ މަޤާމުން ސޮއްސައިލައިގެން ދާނެ، އޭރުން އެމީހުންނަށް އެ ލިބުނީ ފުރުޞަތެއް" ދިޔަރެސް ފަށުގައި ހުރެ ޒަލަފް ބުންޏެވެ.
"ހަތްފުނައިގެ އަބެއް... ހަތްތަނުގައި... އެކަތި އުފުރާލުމަކުން މޮޅެއްނެތް" ޒިޔަޒެލް ބުންޏެވެ. އޭނާ އަބުތައް ތައްޔާރުކުރީ ތަފާތު ހަތް ފުނަގަހުން ނެގި ލަކުޑީގައެވެ. ލޯ މޮހޮރަކުން އޭގައި ލިޔެ ކެލާ ފެނުގައި އެ ކައްކައި އޭނާ އެއަށް ކިޔަވައި ފުމުނެވެ. އަދި އިރު އޮއްސުނީއްސުރެން އުދަރެހުން އިރު ފާޅުވަންދެން އޭނާ ކިޔެވިއެވެ. ދަނޑިވަޅަށް ހުއްޓައި ވަކި ދުރުމިނެއްގައި އަބުތައް ޖެހީ ޚުދު އޭނާގެ ދެއަތުންނެވެ. ކޮންމެ އަބެއްގެ ފަހަތަށް އެ އަބު ހިމެނޭނޭހެން ހަތް އަބު ޖެހިއެވެ. ދިޔަރެސް ފަށަށް އެޅީ އެ އަބުތައް ކެއްކި ފެންގަނޑެވެ.
ރަށުމެދުގައި މައިދާނެއް ހަދައި އެތަނުގައި ކިޔަވާ ބަޔަކު ތިއްބެވެ. އެމީހުންގެ ތެރޭގައި ޒިޔަޒެލް ބެހެއްޓީ މިޒަރެންނެވެ. ކިޔަވަންވީ ކޮން ސޫރަތްތަކެއްކަމާއި ކޮންކޮން އާޔަތްތަކެއްކަމާއި ތަކުރާރުކުރަންވީ އަދަދު އޭނާ ކިޔައިދިނެވެ. އެމީހުންގެ ތެރޭގައި ބޮޑު ދެ ފެންކަންވާރު ހުއްޓެވެ. އެމީހުން އެ ކިޔަވަނީ އެ ދެ ކަންވާރުގައިވީ ފެނަށެވެ.
އަތިރި މައްޗަށް އައިސް އައިސް ހުރި މީކާޢިލް ކުއްލިއަކަށް އޭނާގެ މިސްރާބު ބަދަލުކޮށްލިއެވެ. އޭނާގެ ފަހަތުން ޒަލަފް އައެވެ. ޒިޔަޒެލް އޭރު ހުރީ އޭނާގެ އުޅޭ ގޭގެ ބިއްދޮށުގައި ހުސް ބިމުގައެވެ. އުޑުމައްޗަށް ބަލަހައްޓައިގެންނެވެ. މީކާޢިލްގެ ނަޒަރު ވެސް މައްޗަށް ހުއްޓުނެވެ. ޒަލަފްއަށް އެމީހުން އެބަލާއެއްޗެއް ނުފެނެއެވެ. ގިނައިރެއްނުވެ ވަރުގަދަ ބާރެއް މަތިން ފައިބާ ކަމުގެ އިޙްސާސް ޒަލަފްއަށް ކުރެވުނެވެ. އެއާއެކު އެއީ ކޮންބައެއްކަން ޒަލަފްއަށް ހަނދާންވީ ކުރިން އެ އިޙްސާސް ކުރެވިފައި ހުރީމައެވެ.
"އެމީހުން ބަލާ ފޮނުވީތަ؟" ޒަލަފް އެއްސެވެ. ނަމަވެސް މީކާޢިލްއާއި ޒިޔަޒެލް ތިބީ ހިމޭންވެއެވެ. ދެ މީހުން ވެސް ފެންނަނީ ކަންބޮޑުވެފައި ތިބިހެންނެވެ.
"އައިޒަންގެ ނިންމުން ބަދަލުވީތަ؟" މަޑުމަޑުން ޒިޔަޒެލް ބުންޏެވެ. އޭރު މަތިން ފޭބި ޖިންނީންގެ މެދުގައި އޮތް ސަވާރީ ބިމަށް ތިރިވެއްޖެއެވެ. އެންމެންގެ ކުރިއަށް ހުރި ރާހިޤު އައިސް ޒިޔަޒެލްގެ ކުރިމަތީ ހުއްޓި ކުރުނީސްކޮށް ސަލާމް އަދާކުރިއެވެ. އަދި އޭނާގެ ލިބާހުގެ ބަޔަކުން ނެގި ސިޓީއެއް ޒިޔަޒެލްއަށް ދިނެވެ.
"ބައްޕާ..." އެންމެންނަށްވުރެ ކުރީން ސަވާރީގެ ތެރެއިން ފުންމާލައިގެން މީކާޢިލްގެ ގާތަށް އީޝަލް އައެވެ. ދަރިފުޅުގެ ދެކޮނޑުގައި މީކާޢިލް ހިފަހައްޓާލިއެވެ.
"ތި އައީ ކާފަގެ ހުއްދައެއްނެތިކަން ޔަގީން" މީކާޢިލް ބުނެލިއެވެ.
"ޒަގަން އަތުވެއްޖެކަން ޔަގީން... މީ އޭނާއާ ކުރިމަތިލާންވީ ވަގުތު، މިތަނުގައި އޭނާދެކެ ބިރުން ފިލާނޭ ޖިންނިއަކުނެތް" އީޝަލް ބުންނެވެ. ލޯ މަރާލުމާއެކު މީކާޢިލްއަށް ފިނިނޭވާއެއް ދޫކޮށްލެވުނެވެ. އަދި ދަރިފުޅުގެ މޭގައި ޖައްސާލުމާއެކު އޭނާގެ ބޮލުގައި ފިރުމާލީ އޯގާތެރިކަމާއެކުއެވެ.
"އީޝަލް ފެނުމުން ބައްޕަ އުފާވެއްޖެ، އެކަމަކު އެނބުރި އައީތީ ދެރަވެއްޖެ... ފިލަން ދުވުމަކީ ވެސް ބައެއްފަހަރު ކުރަން އެންމެ ރަނގަޅު ކަންތައް، ދަރިފުޅުގެ މުސްތަޤްބަލްވަނީ ރައުލްއާއެކު، މިތަނުގައި ޒަގަންއާ ކުރިމަތިލާނޭ މީހުން މަދެއްނޫން، އީޝަލްގެ ބައްޕަ އަދި ދުނިޔޭގައި އެބަހުރި، މި ބައްޕައަށް ކުރިމަތިނުލެވޭނޭކަމެއް އަދި އިރާދަކުރެއްވިއްޔާ ކުރިމައްޗެއްނުވޭ، އަދި ﷲގެ އިރާދަފުޅާއެކު ކާމިޔާބު ވެސް ލިބޭނެ" މީކާޢިލް ބުންޏެވެ.
"ބައްޕައާއި ޒިޔަޒެލްއާއި... ދެންތިބި މީހުންގެ ކުޅަދާނަކަމާމެދު ކުޑަކޮށް ވެސް ޝައްކެއްނުކުރަން، އެހެންވިޔަސް ވާނޭ ގޮތެއް ނޭނގެއެއްނު... އަހަރެމެންގެ ތެރެއިން އެކަކަށް އަނިޔާއެއް ލިބުނަސް އެތަން ދުށުމަށް އަޅުގަނޑެއް ނުހުންނާނެ، ބައްޕަގެ ދަރިއަކަށްވެ ހުރެ އަޅުގަނޑު ފިލާ ހުރުން އެއީ ޚުދު އަޅުގަނޑަށް ބަލައިގަނެވޭނޭކަމެއްނޫން، މީ އެންމެންނާއެކު އެއްސަފެއްގައި އަޅުގަނޑު ވެސް ހުންނަންޖެހޭ ވަގުތު" އީޝަލް ބުންޏެވެ.
"ޒަގަންގެ ދުޝްމިނުކަން އޮތީ އަހަރެންނާ، ފުރިހަމަ ބަލިކުރުމަކުން ބަލިވެއްޖެކަމުގައި އޭނާ ޤަބޫލުކުރާނީ އަހަރެން އޭނާއާ ކުރިމަތިލައިފިނަމަ" އީޝަލްއާއި މީކާޢިލް ގާތު ހުއްޓިލި ރައުލް ބުންޏެވެ.
"ރައުލްގެ ޒިންމާއަކީ އީޝަލް ރައްކާތެރިކުރުން، ޒަގަންގެ އަމާޒަކީ އީޝަލް، އޭނާ މިސަކަރާތެއް އެ ޖަހަނީ އީޝަލް ހާސިލުކުރުމަށް، ކަލެއަށް ކަމެއްވެއްޖެނަމަ އީޝަލްއަށް ވާނީ ކިހިނެއްކަން ވިސްނާލިންތަ؟..." މީކާޢިލްގެ ވާހަކަ މެދުކަނޑާލީ އީޝަލްއެވެ.
"ރައުލް އައީ އަޅުގަނޑު އެދިގެން، އޭނާގެ ޒިންމާ އަދާކުރުން މަތީ ދެމިހުރި... އަޅުގަނޑު ރައްކާތެރިކުރުމަށް އެކޮޅުގައި މަޑުކުރަން ރައުލް ވެސް ބޭނުންވި، ބައްޕާ... އަޅުގަނޑަށް ކެތްތެރިވާން އެނގޭ، ރައުލްއަށް އަޅުގަނޑު ފުރިހަމަ އިތުބާރުކުރަން، އޭނާއަށް ކަމެއް ކުރިމަތިވެއްޖެނަމަ އަޅުގަނޑު ކެތްތެރިވާނަން، ހަމައެގޮތަށް އަޅުގަނޑަށް ކަމެއް ދިމާވެއްޖެނަމަ އޭނާ ވެސް އުންމީދު ކަނޑައެއްނުލާނެކަން އެނގޭ، ޒަގަންއާ ކުރިމަތިނުލައި އަޅުގަނޑުމެންނަށް ހަމަޖެހުމެއްނެތް، ވާންހުރި ގޮތެއް ވާނެ، ރައްކާތެރިވުމަކީ އަޅުގަނޑުމެން ފެށުނީއްސުރެން ސަމާލުކަން ދެމުން އައިކަމެއް... އަޅުގަނޑާއި ރައުލް ފަހަތަކަށް ނުޖެހޭނަން، އަދަދުގެ ގޮތުން އަޅުގަނޑުމެން މިވަނީ ފަހަތުގައި، ވީއިރު އަޅުގަނޑާއި ރައުލް ބައިވެރިވުމަކީ އަޅުގަނޑުމެންގެ ބާރު ގަދަވާނޭކަމެއް" އީޝަލް ވިސްނައިދިނެވެ.
"އަހަރެމެން އީޝަލްއަށް އެހީވާނަން" ސިއްތާގެ އަޑުއިވުނެވެ. ހައިރާންކަމާއެކު މީކާޢިލްގެ ކުރިމަތީ ހުއްޓި ހުރި ޖިންނިއަށް އޭނާ ބަލާލިއެވެ. އެހިނދު ޒިޔަޒެލް އައިސް މީކާޢިލްގެ ކޮނޑުގައި ކަނާއަތްތިލަ ބާއްވާލިއެވެ.
"މީ މިކަންވާނޭގޮތް، އޭނާއާ ބައިވެރިވާނޭ ޖިންނީން އަންނާނޭ ނުބުނަންތަ؟" ޒިޔަޒެލް މަޑުމަޑުން ބުނެލިއެވެ. ފަރުވާތެރިކަމާއެކު އީޝަލްގެ މޫނަށް މީކާޢިލް ބަލާލިއެވެ.
"އެންމެ ރަނގަޅު" ޖަދަލުކުރުމުގެ ހިތްވަރު ގެއްލިފައިވާ ފަދައަކުން މީކާޢިލް ބުންޏެވެ. އީޝަލް ހުރި ގޮތުން ވެސް އޭނާ އެ ހުރީ ކުރިމަތިލުމަކަށް ތައްޔާރުވެގެންކަން އެނގުނެވެ.
މިހާތަނަށް ކަންތައްތައް ހިނގަމުންއައި ގޮތް ޒިޔަޒެލް އޮޅުން ފިލުވައިދިނެވެ. ރަށުތެރެއިން އެކި ދިމާއަށް ހަތޯރާއި ސޭމެސްއާއި ދާރިއުސް ފޮނުވާލެވިފައިވާ ވާހަކަ ވެސް އޭނާ ބުންޏެވެ. އެމީހުންނާއެކު ލުގަލްބަންދާ ހުރިކަމާއި މިޒަރެންނާ ހަވާލުވެފައިވާ މަސައްކަތް ވެސް ޒިޔަޒެލް އޮޅުން ފިލުވައިދިނެވެ.
"އޭނާއަށް އަހަރެންނެތްކަން އެނގުނީ، އެ ނުކުތީ އަހަރެން ހޯދަން... އެކަމަކު މިތަނުގައި އޭނާގެ އައުވާނަކު ހުންނާނެކަން ޔަގީން" ރައުލް ވާހަކަދެއްކިއެވެ.
"ކަލޭމެންގެ ތެރެއިން އެކަކު ވެސް ލޮނާ ގާތްނުވާތި، އަހަރެމެން ކުރިމަތިލާނީ އެ މީހުން ހިކިފަހަށް އެރުމުން، އެ މީހުންނަށް ވެސް ހިކިފަހަށް ނާރާ އަހަރެމެންނާ ދިމައެއްނުކުރެވޭނެ، ފުރަތަމަ ޖެހޭނީ ހިކިފަހަށް އަރާނޭ ގޮތެއް ހޯދަން، އެހެންވެއްޖެނަމަ އަހަރެމެންގެ މެދުގައި ހަނގުރާމަ ފެށޭނެ، ރަޙުމެއްނެތް އަނިޔާވެރި ވަރުގަދަ ހަނގުރާމައަކަށްވާނެ، އެ މީހުންގެ ތެރޭގައި ތިބީ ކިހާ ވަރެއްކަމެއް ސޭމެސްއަކަށް ވެސް ބުނެދޭކަށް ނޭނގުނު، އޭނާ އެ ދަނީ އެމީހުންގެ ހަރަކާތްތައް ވަރަށް ރަނގަޅަށް ބަލަމުން" ޒިޔަޒެލް ބުންޏެވެ.
"އަޅުގަނޑުމެން ކިހިނެއް ހަދަންވީ" އީޝަލް ބުންޏެވެ.
"ރައުލްއާ ދެ މީހުން މިކަމަށް ތައްޔާރުވާންވީ، ދެމެދުގައި ވާހަކަދައްކާ... އަހަރެން އީޝަލްގެ ކޮޓަރިއަށް ދަންދެން އެތަނުގައި މަޑުކުރޭ... ދޭ އެތެރެއަށް" ޒިޔަޒެލް ބުންޏެވެ. އޭނާގެ ބަސް ޤަބޫލުކޮށް އީޝަލްގެ އަތުގައި ހިފައިގެން ރައުލް އަވަސްވެގަތީ ގޭތެރެއަށް ވަނުމަށެވެ.
ރާވިންއާއި ޔާފިއާއަށް ކަންތައްކުރަންވީ ގޮތް ޒިޔަޒެލް ކިޔައިދިނެވެ. ޔާފިއާއަކީ އެއްވެސް ވަރަކަށް ހަނގުރާމައަކާ ކުރިމަތިލި ޒުވާނެއްނޫނެވެ. ހެވިކަމުގެ އެއްވެސް ހުނަރެއް އޭނާގެ ނެތެވެ. ޒިޔަޒެލްގެ ގާތުން ޔާފިއާ ދުރަށް ނުދިއުމަށް އޭނާ އެންގިއެވެ. އަދި މީކާޢިލް ގާތު ޠަލަބްއާއި ސިއްތާއާ ވާހަކަދައްކައި އެމީހުންނަށް ކުރެވޭނޭ ކަމަކީ ކޮބައިތޯ އޮޅުން ފިލުވުމަށް ބުންޏެވެ. އީޝަލްއާ އެއްކޮޅަށް އެމީހުން ތިބިނަމަ ވަރުބަލި ފިލުވާލަން މަޑުކޮށްލާނޭ ފުރުޞަތެއް ނެތްކަން ޒިޔަޒެލް ބުންޏެވެ. މީހުން އެތުރިގެން ތިބޭނޭ ގޮތް ކަނޑައެޅޭނީ ޠަލަބްއާއި ސިއްތާގެ ވާހަކަތައް އަޑުއެހުމަށްފަހުކަމަށް ޒިޔަޒެލް ބުންޏެވެ.
ނިންޖެއްނެތި ޒިޔަޒެލްއާއި ދެން ތިބި ބައިވެރި އުޅެއުޅެ ތިއްބައި އެ މީހުންގެ ތެރެއަށް އާރަމް ފައިބައިފިއެވެ. ޒިޔަޒެލް ފޮނުވި މެސެޖު އޭނާއަށް ލިބުނީއެވެ. އާރަމްއައީ އަބްދުﷲއާއި ޔޫޝަޢުމެންގެ ގާތުން ޒިޔަޒެލް ބޭނުންވި ލިޔުންތަކެއް ހިފައިގެންނެވެ. އޭގައި އަބްދުﷲގެ އިރުޝާދުތައް ލިޔެވިފައި ހުއްޓެވެ. ޒިޔަޒެލް އެ ލިޔުންތައް ބަލަން ފެށިއެވެ.
"އާރަމް... ކަލޭ ގެނައީ އަހަރެންނަށް މިތަން ދޫކޮށް ދެވެން ނެތީމަ، އަހަރެންނަށް ފެންނަނީ ދެން ކަލޭ އެނބުރި ދާން، ކަލޭގެ އަނބިދަރީންގެ ގާތަށް ދޭ... ޝުއްބާގެ ފިރިމީހާއާއި ދަރީންގެ ބައްޕަ އަހަރެންގެ ސަބަބުން ގެއްލޭކަށް ނޭދެން" ޒިޔަޒެލްގެ ކުތުބުޚާނާގައި ލިޔުންތައް ބަލަން އިނދެ ބުންޏެވެ.
"ޝުއްބާއާއި ހުރިހާ ކުދީންނަށް ސާފުކޮށް ކިޔައިދީފީފައި މިއައީ، މީކާޢިލްއަކީ ކަލޭ ދަރިއެއް ފަދައިން ލޯބިވާ ޒުވާނެއް، ދެން ހުރީ އީޝަލް... އެ ކުއްޖާ އުފަންވީއްސުރެ އަހަރެމެން ދެ މީހުންގެ ދިރިއުޅުމުގައި ވެސް ޚާއްޞަ ޖާގައެއް އެކުއްޖާވަނީ ހަދާފައި، އަހަރެންގެ އަމިއްލަ ދަރީން ރައްކާތެރިކުރާ ފަދައިން އެކުއްޖާ ރައްކާތެރިކުރަން އަހަރެން ބޭނުން، އެކުއްޖާފުޅުގެ ދިރިއުޅުން އަދިކިރިޔާ މި ފެށުނީ... ކަލޭ ކަންބޮޑުވެފައިވާ ވަގުތެއްގައި އަހަރެން ކަލޭ ދޫކޮށްލާފައި ހިނގައިދާނޭ ހީކޮށްގެން ވެސް ނުވާނެ، ޒިޔަޒެލް... އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ވެސް ބޮޑަށް ކަލެއަށް އިތުބާރުކުރަން، މިކަމުން އަހަރެމެންނަށް ކުރި ލިބޭނޭ ގޮތެއް ކަލޭގެ ތޫނުފިލި ބުއްދީން ނިކަން ހޯދަބަލަ، އަހަރެން މިހުރީ ކަލޭ އެދިއްޖެ ކޮންމެ ކަމެއް ފަހިކޮށްދޭން އައިސް، މިތަނުގައި އެތިބަ ކުދީންގެ ތެރެއިން ކުއްޖަކަށް އަނިޔާއެއް ލިބޭތަން ދުށުމަކީ ކެތްކުރަން ފަސޭހަވާނޭ ކަމެއްނޫން" ޒިޔަޒެލް އިން މޭޒުގެ ދޮށުގައި އޭނާއާ ފުރަގަސްދީ ދޮރާ ދިމާއަށް ބަލަން ހުރި އާރަމް ބުންޏެވެ.
(ނުނިމޭ)