މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑާ ޕައުލް ޕޮގްބާ ރެއާލް މެޑްރިޑަށް ދިޔަ ނަމަވެސް، މިޑިފީލްޑްގައި ދަމަހައްޓާ މަގާމު ދިފާއު ކުރާނެ ކަމަށް، ރެއާލް މެޑްރިޑާއެކު އިއްޔެ އެއްބަސްވުން އާ ކުރި، ޓޯނީ ކްރޫޒް ބުނެފި އެވެ.
ޖަރުމަންގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ވަނީ، 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެއާލްގައި މަޑު ކުރަން އެއްބަސްވެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އޭނާގެ އެއްބަސްވުން އާ ކުރުމުގެ ކުރިން ރެއާލުން އޭނާ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ފެތުނެވެ. ކޮންޓްރެކްޓް އާ ކުުރުމާއެކު އެ ވާހަކަތައް ވަނީ ހުއްޓިފަ އެވެ.
އެއްބަސް ވުމުގައި ސޮއި ކުރުމަށް ފަހު ކްރޫޒް ބުނީ، ރެއާލް މެޑްރިޑް ދޫކޮށްލަން އޭނާ ނުވިސްނާ ކަމަށާއި ކޯޗް ޒައިނުއްދީން ޒިދާންގެ ޕްލޭންގައި މުހިންމު މަސައްކަތެއް އޭނާއަށް އެބައޮތް ކަމަށެވެ.
ޕޮގްބާ ރެއާލްއަށް އަންނަ ވާހަކަތަކުގެ އަޑުތައް ގަދަވެފައިވާއިރު، އޭނާ އައުމުން ކްރޫޒަށް މިޑްފީލްޑްގެ މަގާމުގައި ދެމިހުރެވޭނެތޯ ސުވާލު ކުރުމުން ކްރޫޒް ބުނީ ކޮންމެ ކުޅުންތެރިޔަކު އަޔަސް ރެއާލްގައި އޭނާގެ ދައުރު ފުޅާ ވާނެ ކަމަށެވެ.
"އެކަމުގެ ސަބަބުން އެއްވެސް ކަމެއް ބަދަލެއް ނުވާނެ، އަހަރެން މަގާމު ދަމަހައްޓަން އަހަރެން ވާނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފަ، އަހަންނަކަށް ހީނުވޭ [ވަކި ކުޅުންތެރިޔަކު އައިސްގެން] އަހަންނަށް މައްސަލައަކަށް ވާނެ ހެނެއް،" ކްރޫޒް ބުންޏެވެ. "އަހަންނަކަށް ނޭންގެ ޓީމުން ދާނީ ކޮން ބައެއް ކަމެއް ނުވަތަ އަންނާނީ ކޮން ކުޅުންތެރިންނެއް ކަމެއް، އަހަރެން ކޯޗާ [ޒިދާން] އާ ވާހަކަ ދެއްކިން އަހަންނަށް އެނގޭ އެއްޗަކީ އަހަންނަށް ވަރަށް މުހިންމު ރޯލެއް އެބައޮތްކަން."
ކްރޫޒް ބުނީ ނިމިގެން ދާ ސީޒަންގައި އޭނާއަށް ކުޅުވުނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެކަން ގަބޫލު ކުރުމަކީ އޭނާއަށް މާ ބޮޑު މައްސަލައެއް ދިމާވާ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ ޓީމުގެ ގިނަ ކުޅުންތެރިންނަށް ވެސް އެންމެ ރަނގަޅަށް ކުޅެވުނު ކަމަކަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.
"މިދިޔަ ތިން ސީޒަންގައި ގިނަ ތަށިތަކެއް ހޯދާފައި، މި ސީޒަންގައި އަހަރެމެންނަށް އެއްވެސް ކާމިޔާބެއް ނުލިބި ނިންމާލަން ޖެހުނީ ރަނގަޅަށް ނުކުޅެވުމުން،" ކްރޫޒް ވާހަކަ ދެއްކި އެވެ. "އޭގެ ތެރޭގައި އަހަރެންވެސް ހިމެނޭނެ، އަހަންނަށް މައްސަލައަކަށް ނުވޭ އަހަންނަށް ރަނގަޅަށް ނުކުޅެވުނޭ ބުނާކަށް."