ހަބަރު

ރަށު މާރުކޭޓްގައި ސެކިއުރިޓީ ކުރާނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި އެޗްޑީސީ އިން ތަރައްގީ ކޮށްފައިވާ ރަށު މާރުކޭޓުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕްރީ ބިޑް މީޓިން އޮންނާނީ ބުރާސްފަތި ދުވަހުގެ 13:00 ގައި ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އިމާރާތުގައި ކަމަށެވެ. ބިޑަށް ހުށެހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލެވޭނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ވެއެވެ.

ރަށު މާރުކޭޓުގައި ގާއިމްކޮށްފައިވަނީ ދެ ވައްތަރެެއްގެ ގޮޅި ތަކެވެ.އެއީ ޑްރައި ސްޓޯލާއި ވެޓް ސްޓޯލެެވެ. ޑްރައި ސްޓޯލުތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯމަސް ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ހުޅުމާލެއަށް ދާ މީހުންނަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީ އާއިި ދިވެހި އުފެއްދުންތަކުގެ އިތުރުން ރޯމަހުގެ ބާވަތްތައް ފަސޭހަކަމާ ފަސޭހައިން ލިބޭނެ ގޮތަށް ހަދާފައިވާ މި މާރުކޭޓުގެ ގޮޅިއެއްގެ ބޮޑު މިނުގައި ހުންނަނީ 69 އަކަފޫޓެވެ.