ޕާކިސްތާނުގެ ކުޑަ އަވަށެއް ކަމަށްވާ ރައްޓޮ ދެރޯގައި ކަމެއް ގޯސްވަމުންދާ ކަމުގެ ފުރަތަމަ ނިޝާންތައް ފެންނަން ފެށީ މިދިއަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ދަރިން ހުން އައިސް އެ ކުދިންގެ ހުން ރަނގަޅުނުވެ ގިނަ ދުވަސްތަކެއްވާން ފެށުމުން ހާސްވެ ކަންބޮޑުވެފައި ތިބި މައިންބަފައިން އެމީހުންގެ ދަރީން ގޮވައިގެން ޑޮކްޓަރަށް ދާން ފެށި އެވެ.
ޖެހިގެން އައި ހަފުތާތަކުގެ ތެރޭގައި ހަމަ އެގޮތަށް ހުން އައިސް ހުން ރަނގަޅު ނުވި އިތުރު އެތައް ކުދިންނެއް ގޮވައިގެން އެ ކުދިންގެ މައިންބަފައިން ޑޮކްޓަރުންގެ ގާތަށް ދިޔަ އެވެ. އެ ހުރިހާ ކުދިންނަށް ދާދި އެއް ގޮތްތަކެއް ވަމުންދިޔައިރު އެ ކުދިންނަށް ވާގޮތެއް އިތުރަށް ސާފުކުރަން ޑޮކްޓަރު އިމްރާން އާރްބާނީ ހުރިހާ ކުދިންގެ ލޭ ނަންގަވައިގެން ޓެސްޓް ކުރަން ފޮނުއްވެވި އެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބުމާއެކީ ޑޮކްޓަރު އިމްރާނަށް ގަބޫލުފުޅު ކުރައްވަން ބޭނުންފުޅު ނުވެފައި ހުންނެވި ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔަ އެވެ.
އެ ތުއްތު ކުދިންތަކުގެ ލޭގެ ޓެސްޓުގެ ނަތީޖާއިން ދެއްކި ގޮތުގައި އެ ހުރިހާ ކުދިން ވެސް ވަނީ އެޗްއައިވީއަށް ޕޮޒިޓިވްވެފަ އެވެ. އަދި އެކުދިންނަށް އެ ބަލި ޖެހެންވީ ސަބަބެއް އެއްވެސް މީހަކަށް ނުވިސްނުނެވެ.
"އޭޕްރިލް މަހުގެ 24 ވަނަ ދުވަހާ ޖެހުނުއިރު 15 ކުދިން އެޗްއައިވީ އަށް ޕޮޒިޓިވް ކަމަށް ދެއްކި. ހުރިހާ ކުދިންގެ މައިންބަފައިންނާއި އާއިލާ މީހުން ޓެސްޓު ކުރިއިރު އެއިން އެއްވެސް މީހެއް ގައިގައި އެ ބައްޔެއް ނެތް،" ބީބީސީ ނިއުސްއަށްް މައުލޫމާތު ދެމުން ޑޮކްޓަރު ވިދާޅުވި އެވެ.
އެ ކުުދިންގެ ގައިން ބަލި ފެނުން ވެގެން ދިޔައީ އެކަންތަކުގެ ފެށުމަކަަށެވެ.
ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައި ހަލުވި ކާމާއެކު އެޗްއައިވީ ފެތުރެމުން ދާކަމުގެ ވާހަކަތައް އަޑުއިވެން ފެށި ހިސާބުން ހުރިހާ އާއިލާތަކުން އަވަސްވެގަތީ ސަރުކާރު ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ހާއްސަ ކޭމްޕަށް ގޮސް އާއިލާ އެންމެން ޓެސްޓު ކުރާށެވެ.
ޓެސްޓު ކުރި މީހުންގެ ތެރެއިން 607 މީހުނަށް އެޗްއައިވީ ޖެހިފައިވާ ކަމަށް ދެއްކި އިރު އޭގެތެރެއިން 75 ޕަސެންޓަކީ އެއް މަހާއި 15 އަހަރާ ދެމެދުގެ ކުޑަ ކުދިންނެވެ.
ހައިރާން ކުރުވަނިވި އަދި އެހާމެ ހިތާމަވެރި ކަމަކީ އެއިޑްސް ޖައްސާ އެޗްއައިވީ ބަލި އެފަަދަ ގޮތަކަށް އެ ސަރަހައްދުގައި ފެތުރުނު މިއީ ފުރަތަމަ ފަހަރަށް ނުވުމުންނެވެ.
ސިންދު ޕްރޮވިންސްގެ ރައްޓޮ ދެރޯގެ އަވައްޓެރި އަވަށެއް ކަމަށްވާ ލަރްކާނާގައި 2016 ވަނަ އަހަރު އެޗްއައިވީ ފެންނަން ފެށުމުން މިފަހަރެކޭ ވެސް އެއްފަދައިން ހުރިހާ ރައްޔިތުން އަވަސްވެގަތީ ޓެސްޓު ހަދައިގެން ބަލި ހުރިތޯ ބެލުމަށެވެ.
އެފަހަރު ސިންދު އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމް (އެސްއޭސީޕީ) އިން ކުރި ޓެސްޓުތަކުގެ ނަތީޖާތަކުން ދެއްކި ގޮތުގައި 1521 މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. އެފަހަރު ބަލި ޖެހުނު މީހުންގެ މެޖޯރިޓީއަކީ ފިރިހެނުން ކަމަށް ވާއިރު އެމީހުންނަށް ބަލި ޖެހިފައިވަނީ ނާސިގެތަކުން ކަމަށް ފަހުން އެނގުނެވެ. ނާސިގެތަކުގައި ތިބި މީހުން ޓެސްޓު ކުރިއިރު އޭގެ ތެރެއިން 32 މީހުންގެ ބަލި ވަނީ އެއިޑްސްއަށް ބަދަލުވެފަ އެވެ.
އެގޮތަށް ބަލި ފެތުރެމުންދާކަން އެނުގުނު ހިސާބުން ފަސޭހަ ކަމާއެކު ހަށިވިއްކާ ވިޔަފާރި ކުރަމުން އައި ތަންތަން ވަނީ ބަންދުކޮށްފަ އެވެ.
"އަޅުގަނޑަށް ހީވާ ގޮތުގައި އެފަހަރު މި ބަލި ފެތުރުމާ މިފަހަރު މި ބަލި ފެތުރުމާ ކުޑަނަމަވެސް ގުޅުމެއް ވާނެ. ހަށި ވިއްކާ މީހުންގެ ގައިން އެފަހަރު އެއިޑްސް ފެނިފައިވާއިރު އެ މީހުންގެ ބަލިތަކަށް ފަރުވާ ހޯދަން ދަނީ ސިއްހީ ޑޮކްޓަރުންގެ ނަމުގައި ތިބޭ ކުއްލި ފަރުވާދޭ މީހުންގެ ގާތަށް ނޫނީ މެޑިކަލް ކޮލެޖު ނިންމާފައި ހޮސްޕިޓާތަކުން ވަޒީފާ ނުލިބިފައި ތިބި އަދި އެކަމަށް ތަމްރީނު ވެސް ލިބިފަ ނުވާ މީހުން ކައިރިއަށް،" އެސްއޭސީޕީގެ ލަރްކަނާ ގޮފީގައި އިސްކޮށް ހުންނެވި ޑޮކްޓަރު އަސަދް މެމޮން ގަބޫލުފުޅު ކުރައްވާ ގޮތް އޭނާ ހިއްސާކުރެއްވި އެވެ.
"ޕާކިސްތާނުގެ ރަށްފުށު ހިސާބުތަކުގެ ގިނަ މީހުން ދަނީ އެކަހަލަ "ޑޮކްޓަރުން" ކައިރިއަށް. ސަބަބަކީ އެމީހުންނަށް ދައްކަން ފަސޭހަވެފަ އަތުންދާ ހަރަދު ކުޑަވެ އަދި ބަލި މީހުންނާއެކީ ގިނަ ވަގުތު ހޭދަކުރާތީ" މެމޮން ވިދާޅުވި އެވެ.
އާގާ ޚާން ޔުނިވާސިޓީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ އެއިޑްސް ޖެހިފައިވާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ފާތިމާ މީރް ދަނީ އަމިއްލަގޮތުން ރައްޓޮ ދެރޯގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ނެވެ. އަދި އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި އަމިއްލަ އިހުމާލުން ނޫން ގޮތަކަށް އެންމެ ފަސޭހައިން އެޗްއައިވީ ޖެހޭނެ ގޮތަކީ ސިއްހީ ފަރުވާދޭ ފަރާތްތަކުގެ ފަރުވާކުޑަ ވެގެނެވެ.
"ކުޑަކުއްޖަކަށް މި ބަލި ޖެހޭނެ ހަތަރު ގޮތެއް އެބަ އޮތް. އެއް ގޮތަކީ ގާތުން ކިރުދޭ މައިމީހާއަށް މި ބަލި ޖެހިފައިވުން. ދެވަނަ ގޮތަކީ ބަލި ޖެހިފަހުރި މީހެއްގެ ލޭ އެޅުން. ތިންވަނަ ގޮތަކީ ބައިވަރު މީހުންނަށް އެއް ސިރިންޖެއް ބޭނުން ކުރުން. އަދި ފަހު ގޮތަކީ އޭގެން ކުއްޖަކަށް ބަލި ޖެހިފަހުރި މީހަކު ޖިންސީ ގޯނާއެއް ކުރުން" ޑޮކްޓަރު ފާތިމާ ވިދާޅުވި އެވެ.
ރައްޓޮ ދެރޯގައި މިފަހަރު ބަލި ޖެހިފައިވާ ކުދިންގެ މައިންބަފައިންނާއި އާއިލާ މީހުން ޓެސްޓް ކުރިއިރު ވަރަށް މަދު މީހަކު ފިޔަވާ އެއްވެސް މީހެއްގެ ގައިން ބަލި ފެނިފައެއް ނުވެއެވެ. އަދި މަދު ކުއްޖެއް ފިޔަވާ ލޭ އަޅާފައެއް ވެސް ނުވެއެވެ.
އެހެން ވުމުން ރައްޓޮ ދެރޯގައި ވެސް ބަލި ފެތުރިފައިވަނީ ގިނަ ބަލި މީހުންނަށް އެއް ސިރިންޖެއް ބޭނުން ކުރުމުން ކަމަށް ޑޮކްޓަރު ފާތިމާ އާއި އެހެން ހެލްތު އޮފިޝަލުން އިއްތިފާގު ވެއެވެ.
އެކަންތަކާއި ގުޅިގެން އެ ސަރަހައްދުގައި ގަވާއިދެއް ނެތި ހިންގަމުން ގެންދާ 500 އަށްވުރެ ގިނަ ކްލިނިކް ބަންދު ކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.
އެ ހުރިހާ ކަމެއްގެ ތެރެއިން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ މުޒައްފަރު ގާންގްރޯ ގިނަ ކުދިންތަކަކަށް ވެކްސިން ދޭން އެއް ސިރިންޖެއް ބޭނުންކޮށް އެއިޑްސް ބަލި ފަތުރާފާއިވާ ކަމަށް ތުހުމަތުކޮށް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ތުހުމަތުތައް އޭނާ ދޮގު ކޮށްފައި ވަނީ ބަލި ޖެހިފައިވާ ހުރިހާ ކުދިންނަކީ އޭނަގެ ޕޭޝަންޓުން ނޫން ކަމަށް ފާހަގަ ކުރަމުން ނެވެ.
ޕާކިސްތާނުގައި އެއިޑްސް އެންމެ ގިނަކަމަށް ބެލެވޭ ސިންދު ޕްރޮވިންސްގައި މި ބަލި ފެތުރެމުންދާ ސަބަބު ހޯދަން ދަނީ މަސައްކަތް ކުރަމުން ނެވެ. ނަމަވެސް މި ބަލި ޖެހިފައިވާ ގިނަ އަދަދެއްގެ ކުޑަކުދިންގެ އުމުރު ހުސްވެގެން ދާނީ މި ބަލީގެ އަނިޔާގައި ކަމީ އިންތިހާ ހިތާމަވެރި ހަގީގަތެކެވެ.
"ބޮޑެތި މީހުންގެ ބޭސް، ލަރަކަނާގެ ސިއްހީ މަރުކަޒުތަކުން ލިބެން ހުރޭ އެކަމަކު ކުޑަކުދިންގެ ބޭސް ހޯދަން ދާން ޖެހެނީ ކަރާޗީއަށް ކޮންމެ ދަތުރަކަށް އެތައް ހާސް ރުޕީޒެއް ހަރަދު ކޮށްގެން. އަހަރެންގެ ފިރިމީހާއަކީ މަސައްކަތު މީހެއް. އަހަރެމެންނަށް މިކަންތައް މާގިނަ ދުވަސްތަކެއް ވަންދެން ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް،" އެޗްއައިވީއަށް ޕޮސިޓިވްވެފައިވާ ތިން އަހަރުގެ ކުއްޖެއްގެ މަންމަ ބީބީސީއަށް ކިޔައިދިނެވެ.