ވާހަކަ

ބޭނުންވަނީ ޔާރާ

(20 މެއި 2019 އާ ގުޅޭ)

މަންހާއަށް ގިސްލެވުނެވެ. ޖޫން ކުރިއަށްވުރެ ބާރަށް މަންހާގެ ގައިގާ ހިފަހައްޓާލިއެވެ.

"ދެން ނުރޮއެ، މަންކޮއަށް ދޮންބެދައްތަ އިތުބާރު ކުރަމޭ.......ދާއިންއަކީ ގޯސްމީހެއްވަތަރެއްނުޖަހާ.......ތިބުނާހެން މައްސަލައެއްކަމުގައި ދެކެވެނީ މީހަކާ އިނދެގެން ހުރީމަ، އެކަމަކު މަންކޮއަށް ދާއިންއާއިއެކު އުފަލުގައި އުޅެވޭނެކަމުގެ ޔަގީންކަން އޮތިއްޔާ އިތުރަށް ސުވާލު ކުރާކަށް ބޭނުމެއްނޫން.........މަންމަ އާއިދެކޮޅަށް ނުކުންނާނީ ކިހިނެތްބާއޭ މިހިތަށް އަރަނީ.........މަންމަ ހުރީ ވަރަށް ރުޅިގަދަވެފަ، ދޮންބެދައްތަ ވަރަށް ދެރަވޭ މަންކޮ އަބަދު ރޯތީ، ތިހެން ހިތުގަ ޖެހިގެން ގިސްލާތަން ބަލާކަށް ކެތެއްނުވާނެ.........ތިލޯބި ލޯބި މޫނުގެ ދިރުންގެއްލިއްޖެ، ކޮންމެ އިޝާރާތަކުންވެސް ފެންނަނީ މަޖުބޫރުކަން...........ބައްޕަ އަބަދު ހުންނަވަނީ ބޮޑު ފިކުރެއްގައި..........އަދިވެސް ވަކިއެއްޗެއް ނުބުނުއްވާ މިކަމާ ބެހޭގޮތުން...........މަންމަ ބޭނުންވަނީ ވިޝާލް އާއި މަންކޮގެ ކައިވެނި ވީހާވެސް އަވަސް ކުރަން........މަންކޮއަށް އިތުރު ފުރުޞަތެއް ދޭކަށް ބޭނުމެއްނުވޭ................" ޖޫން މަންހާގެ ގައިގާ ދެއަތުން ހިފަހައްޓާލަމުން ބޮލުގައި ބޮސްދިނެވެ. އޭނަގެ ކުރިމަތީ މަންހާގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހޭތަން ބަލަން ކެތްނުވީއެވެ. ޖޫން އެބަ އަންނަން ކަމުގައި ބުނެ ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން އޭނަގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލިއެވެ.

މަންހާގެ ކޮޓަރި ދޮރުން ނުކުތް ޖޫން ސިހުނެވެ. މަންހާގެ ކޮޓަރި ފާރުކައިރީ ލެނގިލައިގެން ހުރީ ވިޝާލްއެވެ. އޭނަ އަވަސް އަވަހަށް ތުންފަތުގައި އިނގިލި ޖައްސާލަމުން އެތަނުގައި އޭނަ ހުރިކަން ސިއްރުކުރުމަށް ބުންޏެވެ. ޖޫންއަށް ހަދާނެގޮތެއްނޭގުނެވެ. އޭނަ ސިޑިން ތިރިއަށް ފައިބަން ދަމުން އެތަށްފަހަރަކު ވިޝާލްއަށް ބަލާލިއެވެ.

ހުޅުވިފައި ހުރި ދޮރުގައި ޓަކި ޖަހާލިއަޑަށް މަންހާ އިސްއުފުލާ ބަލާލިއެވެ. ދޮރުމަތީ ހުރި ވިޝާލް ފެނުމުން އަވަސް އަވަހަށް މަންހާ ދެލޯ ފޮހެލަމުން އެނދުން ތެދުވެވުނެވެ.

"އަހަންނަށް މާފު ކުރާނަންތަ؟" ވިޝާލް މަންހާގެ ދާދި ގާތުގައި މަޑުކޮއްލަމުން އަހާލިއެވެ. އަދި މަންހާ ވަކިއެއްޗެއް ނުބުނުމުން ވާހަކަދައްކަންފެށިއެވެ.

"އަހަރެންވެސް ލޯބިވިން، އެއަންހެން ކުއްޖާގެ ދިރިއުޅުމުގެ ބައެއްކަމުގައި އަހަރެންވުމަށް ވަރަށް އެދެވުނު، އެކަމަކު މިގޮތަކަށްނޫން...........ތިލޮލުން ކަރުނަ ނުހިކޭމަންޒަރު ބަލާކަށް ކުޅަދާނެއެއްނޫން، އަހަރެން ހަމަހިމޭންކަން ހިޔާރުކުރީ މިގޮތަށް މިކަންވާނެ ކަމަކަށްނޫން، މަންހާގެ ހަޔާތުން އަހަންނަށް ޖާގަދިން، އެކުވެރިއެއްކަމުގައި ދެކުނު، އެހެންނަމަވެސް އަހަރެންގެ އަމިއްލަ އަތުން މިއުޅެނީ އެހުރިހާ ގުޅުމެއް ނެތިކޮއްލުމަށް.......މަންހާގެ ހިތުގައި އަހަންނާއިމެދު ނަފުރަތުގެ ހުޅުރޯކުރަން މަސައްކަތްމިކުރަނީ އަމިއްލައަށް.............މީއެއްނޫން ލޯބިވާންޖެހޭނެ ގޮތަކީ.............އަހަންނަށް އެނގޭ މަންހާ ދާއިން ނޫން މީހެއްގެ ހަޔާތުގެ ބައިވެރިއަކަށް ވާކަށް ބޭނުމެއްނޫންކަން، އަދި އަހަރެންދެކެ ކުޑަކޮށްވެސް ލޯބިނުވާކަން.........އަހަރެން މިކައިވެނި ހުއްޓުވާނަން..........މަންހާ ރޯތަންދެކޭކަށް އަހަންނަކަށްވެސް ކެތެއްނުވާނެ.........ލޯތްބަކީ ފޭރިގަތުމެއްނޫން..........ލޯތްބައްޓަކައި ގުރުބާންވާންވެސް އަހަންނަށް އެނގޭ............" ވިޝާލްގެ ވާހަކަ މެދުކަނޑާލީ ޖެނީގެ އަޑުންނެވެ.

"ވިޝާލް........" ޖެނީގެ ދެލޯބޮޑުވެފައިވަނީ އޭނައަށް އަޑުއިވެމުންދިޔަ ވާހަކަތަކުންނެވެ.

"ތުއްތާ........." ވިޝާލްއަށް ބުނެވުނެވެ.

"ކޮންވާހަކަތަކެއްތަ މިއަޑުއިވުނީ..........މަންކޮ..........އެކަކުވެސް އަހަރެން ކައިރީ ބުނާކަށް ބޭނުމެއްނޫން" ޖެނީ ހިތްހަމަނުޖެހުނުވަރުން ބާރަށް ބުނެލިއެވެ.

"ތުއްތާ، އަހަންނާ މަންކޮ އާއި ދޭތެރޭ އެއްވެސް ގުޅުމެއް ނެތް، އަހަރުމެން ދެމީހުން އުޅެނީ ރައްޓެހިވެގެންނެއްނޫން..........." ވީޝާލް ޖެނީއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ޝަރަފް ބޭނުންވިގޮތްވެސް މެއެވެ. ޖެނީ މަންހާގެ ގައިގާ އޮޅުލައިގަތެވެ.

"އައިމް ސޯ ސޮރީ..........ކޮންމެ މީހަކު ކުރިކަމުގައިވިޔަސް މީއަދި މިކަން ވާންވިގޮތެއް ނޫން......." ޖެނީ މަންހާގެ ގައިގާ ބައްދާލައިގެން ހުރެ ބުނެލިއެވެ. އަދި ދުރަށް ޖެހިލަމުން މަންހާގެ ތެމިފައިވާ ކޯތާފަތް ފޮހެލިއެވެ. ޖެނީ އަވަސްވެގަތީ ޝަރަފް ހޯދުމަށެވެ.

"ޝަރަފް........." ދޮރުމަތީ ހުރެ ޖެނީ ގޮވާލިއެވެ.

"މަންމަމެންނަށް ނުފެނޭތަ ޖެނީ މިކޮޓަރިއަށް އައިތަނެއް........." ބޭރަށް ނުކުތުމަށް ތައްޔާރުވަމުންދިޔަ ޝަރަފް އަހާލިއެވެ.

"މަންމަ އާއި ބައްޕައަށް ފެނުނަސް ހެޔޮ، ޝަރަފް ކުރަން ތިއުޅެނީ ކޮންކަހަލަ ކަމެއް، ނުފެނޭތަ ތިކުރަން އުޅޭކަމުގެ ސަބަބުން މަންހާއަށް ކުރާ އަސަރެއް..........އޭނައަށް އެލޯތްބާއިމެދު އިތުބާރު ކުރޭވޭއިރު މަންހާގެ އާއިލާއަށް މަންހާ އާއިމެދު އިތުބާރު ނުކުރެވެންވީ ސަބަބެއް ނުވިސްނުނު، އޭނަ އިންނަން އެއުޅޭ މީހަކީ ކޮންމެ މީހެއްކަމުގައި ވިނަމަވެސް އެމީހަކު ނޫޅޭ މިއާއިލާ އާއި ދެކޮޅަށް މަންހާ އާއި ކައިވެނި ކުރާކަށް، ބޭނުންނަމަ އެގޮތަށްވެސް ކަންތައް ކުރެވިދާނެ ދޯ........މަންހާ އަކީވެސް ކުޑަކުއްޖެއްނޫން........ތިކައިވެނީގެ ސަބަބުން ވިޝާލްއަށްވެސް ވަކި އުފާތަކެއް ނުލިބޭނެ.......ޝަރަފް އަހަރެންދެކެ ލޯބިވޭތަ" ޖެނީ ޝަރަފްގެ ކުރިމަތީ ހުއްޓެމުން އަހާލިއެވެ.

"ހޫމް.........ލޯބިނުވާނަމަ ގުޅިގެން އުޅޭކަށް ބޭނުމެއްނުވާނެއެއްނު" ޝަރަފް ޖަވާބުދިނެވެ.

"އެހެންވީރު އަޑުއަހާ، އަހަންނަކީ އަނބުރުވެރި އިފަތްތެރި އަންހެން ކުއްޖެއްވެސް ނޫން، އަހަރެންގެ ކަޅު އަނދިރި މާޒީއަކީ އެއީ..........އަހަރެން މަސްތުވާތަކެތި ބޭނުންކުރިން، ރާބުއިން، ރޭގަނޑު ފިރިހެނުންގެ ދާންތަކުގައި އެމީހުންގެ ހިތްހަމަޖައްސާދިނުމުގައި ވަގުތު ހޭދަކުރިން..........އެކަމަކު މިއަދު އަހަރެން މިހިރީ އެހުރިހާ ކަމަކުން އެއްކިބާ ވެގެން، އަހަރެންގެ އާއިލާ ނޫނީ މިއަދު އަހަންނަށް ހެޔޮއެދޭ އެކަކުވެސް ނެތް..........ޝަރަފް އަހަރެންނާއި ގުޅެން ބޭނުންވި ދުވަހުން ފެށިގެން އަހަރެން މިދުނިޔެއަށް އަލުން އުފަންވިފަދަ.............އެންމެ ދުވަހެއްވެސް ނުދޭ އަހަރެންގެ މާޒީ ހަނދާންނުކުރާ ދުވަހެއް، އަހަރުމެންގެ މިލޯތްބަށް އެމާޒީގެ ހިޔަންޏެއް އެޅި ވަކިވާންޖެހިދާނެ ކަމުގެ ބިރު ނުފިލާވޭ.........އެކަމަކު ލޯބީގެ އަގުވަޒަން ކުރަން ޝަރަފްއަށް ނޭގޭކަން މިއަދު އަހަންނަށް އެނގިއްޖެ..........އަދި އިތުބާރުކުރުމަކީ ދުރުކަމެއް.............ޝަރަފްއަށް ގަބޫލު ކުރެވޭނެބާ އަހަރެން މިހާރު އެހެން ނޫޅޭނެކަން........" ޖޫންއަށް ރޮވުނެވެ. ހަގީގަތުގައި އޭނަގެ މާޒީގެ ސޮފުހާތަށް ނިއުޅާލާކަށް ބޭނުމެއްނުވެއެވެ.

"ޖެނީ.........އަހަރެން އިތުބާރު ކުރަން ޖެނީއަށް........ތިހެން ނުބުނޭ، އަހަރެން ޖެނީދެކެ ވަރަށް ލޯބިވޭ......އަހަރެން ބޭނުމެއްނޫން ޖެނީ އާއިވަކިވާކަށް، ތިދައްކަނީ މާޒީގެ ވާހަކަ، އެކަމުން އަހަންނަށް ކުރާނެ ފައިދާއެއް ނޯންނާނެ........އަހަރެންގެ މުސްތަޤްބަލް ބިނާ ކުރަން ބޭނުންވަނީ ޖެނީއާއިއެކު.........ދެން ނުރޮއެ........." ޝަރަފް ކަންބޮޑުވިއެވެ.

"ކީއްވެ ޝަރަފް؟ ކީއްވެ؟ އެއީ ޝަރަފް އެންމެ ލޯބިވާ ކޮއްކޮއެއްނު، އެއްފަހަރުވެސް އެކުއްޖާއަށް ބަލާލިންތަ، މަންހާއަކީ ދިރުމެއްނެތް ހަށިގަނޑެއް، ކަލޭމެން ބުނިހާ ގޮތަކަށް އެނބުރެމުންދާ ޖާބީދީފައިވާ ބުދެއް............އެދެލޮލަށް ބަލާލިންތަ؟ ރޮއެ ރޮއެ އެދެލޯވަނީ ފާރުވެފަ، ރަތްވެގެންގޮސް ދުޅަވެފަ..........އޭނަގެ ހިތަށް ކުރާނެ އަސަރު އެންމެ ފަހަރަކުވެސް ވިސްނާލިންތަ، އަމިއްލަ ލޭ ތިދުރުކޮއްލަނީ........ޝަރަފް، މާލަސްވެދާނެ..........މިކައިވެނި ކޮއްފިނަމަ އޭނަ ދިރިހުއްޓާ ވަޅުލުމެކޭ އެއްފަދަ............އާދޭސްކޮއްފަ މިބުނީ އެހެންނަހަދާ...........އޭނައަށް ފުރުޞަތު ދީބަލަ؟ އޭނަގެ ހިތްއެދޭ މީހަކާ ކައިވެނުކުރުމަކުން ގޯހެއްނެތެއްނު............" ޖެނީ ރޮމުން ވާހަކަދެއްކިއެވެ.

"ޖެނީ، މީހެއްގެ ފިރިއަކަށްވިޔަސްތަ؟" ޝަރަފް މަޑުމަޑުން ބުނެލިއެވެ.

"އާން.........މީހެއްގެ ފިރިއަކަށްވިޔަސް........އަހަރެން ޝަރަފް ދެކެ ވަރަށް ލޯބިވޭ، މިއަދު ޝަރަފްއަކީ މީހެއްގެ ފިރިއެއްކަމުގައި ވީނަމަވެސް އަހަރެން ޝަރަފްއާއި ކައިވެނި ކުރާނަން........އެއީކީއްވެ.......ލޯބިވާތީ، އަހަރެން އިންތިހާއަށް ޝަރަފްދެކެ ލޯބިވާތީ، ޝަރަފްއާއި ދުރުވާންޖެހިއްޖެނަމަ މަރުވުންވެސް މާރަނގަޅުވާނެތީ...........މަންހާވެސް އެވަނީ ސާފު ތެދުވެރި ލޯތްބެއް..........އަހަރެން އެލޯތްބަށް ގަދަރުކުރަން..........މިއަދުވެސް އޭނަ އެހެރީ އެލޯތްބައްޓަކައި ކުރި ވަޢުދު ފުއްދުމުގަ، ވީއިރު އޭނަގެ ހިތާއި ހަމައަށް އެހެންމީހަކަށް ވާސިލްވޭވެނެއޭ ހީކުރީ ކިހިނެތް.............މިހާރު އެހަށިގަނޑުގައި ހިތެއްނުވެއޭ..........އޭނަ އެހިތްވަނީ އެފަރާތަށްދީ ނިންމާފަ...........ޕްލީޒް، ޝަރަފް ތިހާ ހިތްހަރުވީ ކޮންދުވަހަކުތަ؟" ޖެނީ ދެއަތްޖޯޑުކޮއްލަމުން އާދޭސް ކުރިއެވެ. ޝަރަފް ޖެނީ ގެނެސް ގައިގާ ޖައްސާ ބާރުކޮއްލިއެވެ.

"އަހަންނަށް ޖެނީ އާއި ދުރުގައެއް ނޫޅެވޭނެ، ޕްލީޒް ނުރޮއެ ހުއްޓާލަބަލަ، އަހަރެން ތިކަމާ ވާހަކަ ދައްކާނަމޭ..........ޕްލީޒް ޖެނީ........އަހަންނަށް ވިސްނުނު ގޮތަށް ކަންތައްކުރެވުނީ........އޭގެ މާނައަކީ އަހަރެން މަންކޮދެކެ ލޯބިނުވަނީއެކޭ ނޫނޭ، އަދިވެސް އެއީ އަހަރެންގެ ލޯބިވާ ކޮއްކޮއޭ......." ޝަރަފް ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ.

"އަހަރެން ތިކަމުގަ ބުނާނީ ވަކި ކީކޭ، މަންމަގެ ނިންމުމެއް ބަދަލެއް ނުކުރާނެ........ދެން އޮތީ އެންމެ ގޮތެއް، ބައްޕަ އާއި ތިކަމުގަ ވާހަކަދެއްކުން........." ފިކުރުބޮޑުވެފައި އިން ޝިމާދު ޖޫންއަށް ބުނެލިއެވެ.

"އަހަރެންގެ ހިތަކަށް ކެތެއްނުވާނެ، މަންކޮ ވަރަށް ހިތުގަޖެހިފަ އެހެރީ، އަހަރެން ބޭނުމެއްނޫން މިގޮތަށް މަޖުބޫރު ކައިވެންޏެއް ކުރެވޭކަށް، މިހާރުވެސް ކައިވެންޏަށް މަޖުބޫރުކުރޭތަ.........މީއެޒަމާނެއްނޫނެއްނު.........ހިތްފަޅައިގެންދާހާވޭ އެކުއްޖާ ފެންނަ ކޮންމެ ފަހަރަކު، މިކަމެއް ހިނގިފަހުންވެސް މިހާރު މަސްދުވަހަށްވުރެ ގިނަދުވަސްވަނީ، އަދިވެސް ފެންނަނީ މަންހާ ރޯތަން، ގިސްލާތަން.........ދާއިންގެ ހިޔާލުތަކަށް ގެއްލި ގަބުވެފައި އިންނަތަން............" ޖޫން ދެފަރާތަށް ބޯހޫރުވާލަމުން ބުނެލިއެވެ.

"އަހަރެންވެސް ވަރަށް ދެރަވޭ، އެކަމަކު ޝަރަފުވެސް އެހުންނަނީ މަންމަމެނާއި އެއްކޮޅަށް، މިގޭގެ ދިރުމަކީ މަންކޮ........އެކަމަކު މިހާރު އެދިރުން ނެތިހިނގައިދާނެ ކަމުގެ ބިރުމިވަނީ އިޙްސާސް ކުރަން ޖެހިފަ" ޝިމާދުވެސްވަނީ ކަންބޮޑުވެފައެވެ.

ނާޒިޔާ އާއި ވަސީމާގެ މެދުގައި ކައިވެނީގެ އެކިއެކި ވާހަކަތައް ދެކެވެމުންދިޔައެވެ. ސަޢީދުގެ ހަމަހިމޭންކަން މޫސައަށް އުނދަގޫކުރިއެވެ. އެހެންނަމަވެސް ވަކިއެއްޗެއް ނުބުންޏެވެ. އެވަގުތު އެއްވެސް ވާހަކައެއް އަހަން މޫސަ ބޭނުންނުވީއެވެ. ރޭގަނޑުގެ ކެއުމުގައި ދެއާއިލާގެ ހުރިހާ ކުދިން ބައިވެރިވިއިރު މަންހާއަށް އައިސްފައިވާ ބަދަލު މޫސައަށް ފާހަގަކުރެވުނެވެ. ވަސިމާގެ ވާހަކައިން މަންހާ އުޅެނީ ވަރަށް ބަލިވެއެވެ. އެހެންނަމަވެސް މިހާރު ރަނގަޅުވަމުން ދާކަންވެސް ފާހަގަކުރިއެވެ.

ކާމޭޒުކައިރިން އަވަދިވުމާއިއެކު މަންހާ އާއިލާގެ އެހެން މެމްބަރުންނާއިއެކު މަޑުކުރުމުގެ ޝައުގުވެރިކަމެއްނެތެވެ. އެހެންވެ އޭނަ ބޭނުންވީ ކޮޓަރިއަށް ދިއުމަށެވެ. ޖޫން އާއި ޖެނީ މަންހާއަށް އެހީތެރިވުމަށް އަވަސްވެގަތެވެ. އޭނަ ގޮވައިގެން ކޮޓަރިއާއި ހަމައަށް ދެމީހުންވެސް ދިޔައެވެ.

"ޝަރަފް......" ވިޝާލްގެ ފަހަތުން ދާން އުޅުނު ޝަރަފްއަށް ޝިމާދު ގޮވާލިއެވެ.

"އެބަ އަންނަން..........ފައިވް މިނެޓްސް" ޝަރަފް އަވަސްވެގަތީ ވިޝާލް އާއި ދިމާލަށް ދިއުމަށެވެ.

ބޭރު ދޮރާށި ކައިރިއަށް ނުކުތް ވިޝާލްގެ ގާތުގައި އައިސް މަޑުކޮއްލި ޝަރަފް ފެނުމުން އޭނައަށް ފުންނޭވާއެއް ބޭރުކޮއްލެވުނެވެ.

"އަހަރެން ބޭނުމެއްނޫން މަންހާ އާއި ކައިވެނި ކުރާކަށް.........މުޅި އުމުރުދުވަހު އަހަރެންގެ ގައިދީއެއްކަމުގައި މަންހާ ވާކަށް ބޭނުމެއްނޫން.........އަހަރެންނަކަށް ކެތެއްނުވާނެ އެލޮލުން ކަރުނަ އަޅާތަން އިތުރަށް ދެކޭކަށް........ތިކައިވެނި ކުރަން ބޭނުންނަމަ، އަހަރެން ބުނާނީ ވަރަށް ބޮޑަށް ސޮރީއޭ، އެހެން މީހަކު ހޯދާށޭ.........." ވިޝާލް އިސްޖަހާލައިގެން ހުރެ ވާހަކަދެއްކިއެވެ.

"އަހަރެން މިއައީ ތިކަމާ ވާހަކަދައްކަން ކަމަށް........" ޝަރަފް ބުނެލިއެވެ.

"ދެން އިތުރަށް ދައްކަން އޮތީ ކޮންވާހަކައެއް، ނުފެނޭތަ މިކައިވެނި ކުރަން ނިންމުމުގެ ސަބަބުން މަންހާއަށް ވާގޮތެއް.........އެކަމަކު ދެންހެޔޮ، އަހަރެން ބޭނުން މަންހާގެ ކައިވެނި ދާއިން އާއި ކޮއްދޭން.......އެޓްލީސްޓު އެމޫނުމަތިން ހިނިތުންވުމެއް ދެކެން ބޭނުން........" ވިޝާލްގެ އަޑުގައިވަނީ މޮޅިވެރިކަމެވެ.

"ތެދެއް ޝަރަފް، ވިޝާލް އެދެއްކި ވާހަކަ އާއި ދޮންބެ ގަބޫލު، ދޮންބެވެސް ބޭނުންވަނީ މިކަންހުއްޓާލަން، ކިހާބޮޑު ދެރައެއް މަންހާއަށް މިކަމުގެ ސަބަބުން މިލިބެނީ، އަހަރުމެންގެ މެދުގައި އޮންނަ ގުޅުން ކެނޑިގެން ދާކަށް ދޮންބެ ބޭނުމެއްނޫން.........." ވިޝާލް އާއި ޝަރަފްގެ ފަހަތުގައި ޝީމާދުހުރިކަން އެމީހުންނަށް އެނގުނީ ދެނެވެ.

"އަހަރެންވެސް މިއުޅެނީ ތިވާހަކަ ދައްކަންވެގެންނޭ، އަހަރެންވެސް މިކައިވެނިކުރިއަށް ގެންދާކަށް ބޭނުމެއްނޫން، ވިޝާލް ކައިރިއަށް މިއައީވެސް އެވާހަކަދައްކަން..........ދޮންބޭ، އަހަރުމެން މިކަމަކަށް ގަބޫލުވިޔަސް، ވިޝާލްގެ މަންމަމެނާވެސް ކައިވެނީގެ ވާހަކަ ދެކެވިއްޖެ........" ޝަރަފް ޝިމާދުއަށް ކުރިއަށް ޖެހިލުމަށް ތަންދައްކަމުން ބުނެލިއެވެ.

"އަހަރެންގެ އާއިލާ އާއިމެދު ނުވިސްނާ، އެކަން އަހަރެންނަށް ދޫކޮއްލާ، ބޮޑުބައްޕަ އަހަރެންގެ ކޮންމެ ނިންމުމަކަށް ގަބޫލުވާނެކަން ޔަގީން..........ވިސްނަންވީ މަންހާގެ މައިންބަފައިން މިކައިވެންޏަށް ރުއްސޭތޯ........" ވިޝާލް ބުނެލިއެވެ.

ޝިމާދު އާއި ޝަރަފް އާއި ވިޝާލް އެކަކު އަނެކަކާއި ސަލާމްކޮއްލީ އެކަކުގެ ހިތުގައިވެސް އަނެކާއަށްޓަކައި ބުރަކަމެއްނުވާކަން އަންގާދިނުމަށެވެ. ތިންމީހުންގެވެސް އެދުމަކީ މަންހާގެ ހިތާމަތަކަށް ނިމުމެއްގެނައުމެވެ. ވިޝާލް އާއި އޭނަގެ އާއިލާ އެނބުރި ގެއަށް ދިއުމާއިއެކު ޝިމާދު އާއި އޭނަގެ އަންހެނުން ޖޫން ޝަރަފްގެ ކޮޓަރިއަށް ވަނީ މައިންބަފައިންނާއި ހަމައަށް އެމީހުންގެ ނިންމުން ގެންދާނެ ގޮތަކާއިމެދު މަޝްވަރާ ކުރުމަށެވެ.

"ވަރަށް އުފާވެއްޖެ ޝަރަފްގެ ތިނިންމުމާއި ދޭތެރޭ......." ޖޫން ޝަރަފްގެ ކޮނޑުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

"އަހަންނަށް ފެންނަނީ ބައްޕަ ގާތު މިވާހަކަ ނަންގަންނަން........އަހަރުމެން އެއްކުއްޖަކަށްވުރެވެސް ބޮޑަށް ބައްޕަ މަންކޮދެކެ ލޯބިވޭ، އެހެންވެ ކަންނޭގެ އަދިވެސް އެއްޗެއް ނުބުނުއްވާ މަޑު އެ ކުރައްވަނީ" ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝަރަފް ކުއްލިއަކަށް ހުއްޓެމުން ބުނެލިއެވެ.

"އާން......ތީ ރަނގަޅު ހިޔާލެއް ކަންނޭގެ، ދޯ ޝިމާދު..........ބައްޕަ އަބަދުހެން ހުންނަވަނީ ފިކުރުބޮޑުވެފަ، އަނެއްކާ ގޭގައި އުޅެނީ ވަރަށްމަދުން..........މަންކޮގެ ހާލާމެދު ބައްޕަވެސް ކަންބޮޑުވެލައްވަނީ..........." ޖޫން ޝަރަފްގެ ހިޔާލަށް ތާއިދުކުރިއެވެ.

ނިދުމުގެ ބަދަލުގައި މަންހާ އެނދުމަތީ އޮށޯވެލައިގެން އޮތްއިރު އޭނަގެ ލެޕްޓޮޕް ހުޅުވާފައި ހުއްޓެވެ. އަދި އޭނަ ދިޔައީ ކޮންމެވެސް އެއްޗެއް ޓައިޕްކުރަމުންނެވެ. ފެންކަޅިވެފައިވާ ދެލޮލުން ކަރުނަތިކި ވެއްޓޭ ފަހަރު ގިނައެވެ. އެހެންނަމަވެސް ކަރުނައިގެ ތެރެއިން ހިކިފައިފައިވާ ދެތުންފަތަށް ހިނިތުންވުން ވެރިކުރުވައެވެ. ދޭތެރެ ދޭތެރެއިން ހިޔާލުތަކުގެ ތެރެއަށް އޭނަ ފީނައިގަންނަކަން އެދެލޯ ހެކިދެއެވެ. އެސިކުނޑީގައިވަނީ ކީކޭކަމެއް ހަމައެކަކަށްވެސް ނޭގެއެވެ. މުޅިކޮޓަރިތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން ފޯނު ރިންގުވިއަޑަށް މަންހާ ކުޑަކޮށް ސިހުނެވެ. އެހެންނަމަވެސް އަވަސް އަވަހަށް ފައިކައިރީއޮތް ޒައުލް ދިން ފޯނު ނެގިއެވެ. އެފޯނަށް ގުޅާނީ ކާކުކަން މަންހާއަށް އެނގޭތީއެވެ.

"ކިހިނެތްތައް؟" ދާއިންގެ އަޑުއިވުމުން މަންހާގެ މުޅި ހަށިގަނޑު ރޫރޫ އަޅާލިކަހަލައެވެ.

"ރަނގަޅު" ހިތާދެކޮޅަށް މަންހާ ބުނެލިއެވެ.

ދެންވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. އެހަމަހިމޭންކަމުންވެސް ދެމީހުންގެ ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. ކިހިނެތްކަމެއްނޭގެއެވެ.

"އަހަރެންގެ ކައިވެނި ހަމަޖެހިއްޖެ........" ހަމަހިމޭންކަން ފޫދުއްވާލީ މަންހާއެވެ.

"ތެންކިޔޫ.........." ދާއިންގެ އަޑުގައި ހާސްކަން އެކުލެވިގެން ދިޔައެވެ. އެހެންނަމަވެސް އޭނަ މަންހާގެ އާއިލާ އާއި ދެކޮޅަށް ނުކުންނަން ބޭނުންނުވަނީއެވެ.

"އަހަރެން ދާއިންއަށްޓަކައި ކޮންމެކަމެއްވެސް ކުރަން މިހިރީ ތައްޔާރަށް، ދާއިން އެހެންމީހަކާ އިންނަންވީނު؟" މަންހާ ނޭވާހިފަހައްޓާލަމުން ބުނެލިއެވެ.

"މިވަރުން ފުދޭ.........މީހަކާ އިނުމުގެ ހިޔާލު ދޫކޮއްލައިފިން.......ތިވާހަކަ ނުދައްކާ" ދާއިން އެދުނެވެ.

"ޔޫ ނީޑް ސަމްވަން އިން ޔޯ ލައިފް" މަންހާ ބުނެލިއެވެ.

"މިހެން އުޅެން މިހާރު އާދަވެއްޖެ، އެކަމަކު...........މަންހާ އެކަނިވެއްޖެނަމަ އަހަރެން ހުންނާނެކަން އަބަދުވެސް ހަނދާންކުރައްޗޭ........ތިކަހަލަ ޕީއޭ އެއް ލިބޭނީ ވަރަށް ނަސީބު ގަދަ ވެރިއަކަށް.........މަންހާ........." ދާއިން ބުނަންބޭނުންވިއެއްކަމަކު އޭނަ ދިޔައީ ގިނަކަންތައްތަކެއް ފޮރުވަމުންކަން މަންހާއަށް ނަގައިގަނެވުނެވެ. ދާއިން ފަސްޖެހެނީ ކީއްވެހެއްޔެވެ. މަންހާ އޭނަގެ ދެކެ އިންތިހާއަށް ލޯބިވާކަމާއިމެދު އަދިވެސް ޔަގީން ނުކުރެވެނީ ހެއްޔެވެ.

"އަހަރެން ދާއިންގެ މަތިން އަބަދުވެސް ހަނދާންކުރަން، އައި މިސް ޔޫ ޓޫ..........ދާއިން ނުބުންޏަސް އެންމެ ރަނގަޅު، ބުނުން އެހާ މުހިއްމެއްވެސް ނޫން........އަހަންނަށް އިޙްސާސްކުރެވޭ.........ހެ ހެ ހެ.......އަހަރެން ހަނދާނެއް ނުނެތޭނެ ދާއިންގެ މަންމަ އާއި ބައްދަލު ކުރަން ބުނި ދުވަހުގެ ހެނދުނު އޮފީހުގައި އެހިނގި ކަންތައްތައް........" މަންހާ ލުއި ހީލުމަކާއިއެކު ދާއިން އާއި އެކުގައި ހޭދަކުރި ވަގުތުތަކުގެ ހަނދާން އާކުރަންފެށިއެވެ. ދޭތެރެއަކުން ހީލާނެއެވެ. ނޫނީ ލޮލުންވެއްޓޭ ކަރުނަތިކި ފޮހެލާފައި ހިތްދަތިކަން އޮއްބާލަން މަސައްކަތްކުރާނެއެވެ.

ނިތުގައި އަތްބާއްވާލައިގެން އޮތް ސަޢީދުއަށް ހަމަނިދިނުލިބެއެވެ. އޭނަގެ ސިކުނޑީގެ ހާސްކަމާއި ގުޅިފައިވާ ރިހުން ނިތުގައި ނުފިލާއަބަދުމެ ހުރެއެވެ. ކައިރީގައި ނިދާފައިއޮތް ވަސީމާއަށް ސަޢީދު ބަލާލިއެވެ. ވަސީމާ އާއި ވާހަކަދައްކާލަން އޭނަ ބޭނުންވެފައިވެއެވެ. އެހެންނަމަވެސް އޭނަ ދައްކަން އުޅޭ ވާހަކައެއް ވަސީމާ އަޑުއަހަން ބޭނުންވާނެކަމާއިމެދު ހުދު އޭނަގެ އަމިއްލަ ޒަމީރުވެސް ސުވާލުއުފެދެއެވެ. ލޯކުރިމަތީގައި ހުރި ހަމައެކަނި އަންހެން ދަރިފުޅަށް މަޖޫބުރު ކުރަންޖެހޭތަން ބެލުމަކީ އޭނަގެ ހިތާ ސިކުނޑީގައި އެތަށް ސުވާލެއް އުފައްދަމުންދިޔަކެމެކެވެ. ދުވަހަކުވެސް މަންހާއަށް އެއްވެސް ކަމެއްގައި މަޖުބޫރުކުރަންޖެހިދާނެ ކަމަކަށް ސަޢީދު ހީއެއްނުކުރެއެވެ. ހާސްކަމުގެ ސަބަބުން އޮށޯވެގެން އޮތުން އުނދަގޫވީ ހިނދު އޭނަ ކޮޓަރިން ނުކުތެވެ.

މުޅިން އާދުވަހަކަށް އިރުއެރީއެވެ. މަންހާ ކުރުގެޅިފައިވާ ގޮތަކަށް ކަންފަތްކައިރީ ފޯނު ޖައްސާލައިގެން ނިދިފައިއޮތެވެ. އޭނައަށް ނިދުނީ ކޮންއިރަކުކަމެއްނޭގުނެއެވެ. ޔަގީނުންވެސް ދާއިންގެ ފޯނުގައި އޮއްވައިކަން އެނގެއެވެ. މަންހާ ހެނދުނުގެ ސައިބުއިމަށް ކާކޮޓަރިއަށް ދިޔައީ ޖޫން އައިސް ގޮވާލުމުންނެވެ. ބަސްމަދުވެފައި މަންހާ ސައިބޮމުންދިޔައިރު ޝިމާދު އާއި ޝަރަފް އޮފީހަށް ގޮއްސިއެވެ. ވަސީމާ މަންހާ އާއި ވާހަކަ ދެއްކިއެވެ. ކައިވެނި ރޫޅޭނޭފަދަ އެއްވެސް ކަމެއް ނުކުރުމަށް މަންހާއަށް ހަނދާންކޮއްދެމުންދިޔައެވެ. އަދި މިކައިވެންޏަކީ ހަމަ މަންހާއަށް ރަނގަޅަކަށް ކުރުވަންއުޅޭ ކައިވެންޏެއް ކަމުގައި ބުނަމުންދިޔައެވެ. އެއިންއެއްވެސް އެއްޗަކަށް މަންހާ ބަހެއްވެސް ބުނެނުލައެވެ. ކައިރީގައި އިން ޖޫންވެސް ވަކިއެއްޗެއް ނުބެނެއެވެ.

"އައްސަލާމް ޢަލައިކުމް......" ސަޢީދު ފޯނުނެގިގޮތަށް ބުނެލިއެވެ.

"ވައިލައިކުމް ސަލާމް......ބައްޕާ މީ އަޅުގަނޑު، ޝިމާދު........" ޝިމާދު ވާހަކަދެއްކިއެވެ.

"އާން، ދަރިފުޅު ކިހިނެއްވީ މިގަޑީގަ ތިގުޅާލީ" ސަޢީދު ކުރަންހުރި މަސައްކަތާއި ދުރަށް ޖެހިލަމުން ވާހަކަދެއްކިއެވެ. ޝީމާދު އެދުނީ އޭނަ އާއި ބައްދަލުކޮއްލުމަށެވެ. ވާހަކައިގެ މުހިއްމުކަމުން ސަޢީދު އާއި ދިމާނުވެ އެވާހަކަ ނުދެއްކޭނެތީއެވެ. ސަޢީދު ގަޑިއެއް ބުނެ ފޯނުބޭއްވީ އެގަޑީގައި ބައްދަލުކުރުމަށް ދާނެތަނެއްވެސް ބުނަމުންނެވެ.

(ނުނިމޭ)