ހަބަރު

"ޖީއެމްއާރް ޓެކްސް ދައްކަން ނުޖެހޭ ކަމަށް ރިއްފަތު ލަފާ ދެއްވިތޯ ސާފުވާންޖެހޭ"

އިންޑިއާގެ ޖީއެމްއާރުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކަން ނުޖެހޭ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ލަފާ އެރުވިތޯ ސާފުވާން ޖެހޭނެ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެ ވަޑައިގެންފައިވާ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއެޖެ އެވެ.

އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖީއެމްއާރާއެކު ވެފަައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަންގައި ހިންގަމުން ދިޔައިރު މިހާރުގެ އެޓާނީ ޖެނެރަލް ރިފްއަތު ޖީއެމްއާރް ކުންފުނީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެފަދަ ލަފައެއް ރިއްފަތު އަރުވާފައިވާނަމަ އެކަން ސާފުކޮށްދެއްވަންވާނެ ކަމަށެވެ.

ޓެކްސްގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން މީރާއިން ވަނީ ޖީއެމްއާރަށް މިދިޔަ އަހަރު އަންގާފަ އެވެ. ނަމަވެސް އަދިވެސް އެ ފައިސާ ޖީއެމްއާރުން ދައްކާފައެއް ނުވެއެވެ.

ކުރީގެ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓް

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ޖީއެމްއާރާއި ހަވާލުކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ. އެ ކުންފުނިން އެއާޕޯޓް ހިންގަނިކޮށް އެގްރިމެންޓް ބާތިލުކޮށް އެއާޕޯޓް އަތުލީ 2012 ވަަނަ އަހަރު ރައީސް ޑރ. މުހައްމަދު ވަހީދުގެ ހަސަން މަނިކުގެ ސަރުކާރުގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު ހިންގަނީ މޯލްޑިވްސް އެއާޕޯޓް ލިިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް) އިން އެވެ.