އިމްރާން އަބްދުﷲ

ގައިދީންގެ ވިސްނުން ބަދަލުކުރުވަން ޖެހޭ: އިމްރާން

ޖަލުތަކުގައި ބަންދުކުރާ ގައިދީންގެ ވިސްނުން ބަދަލުކުރުވަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު އަމީނިއްޔާ ސްކޫލްގައި ކުރިއަށްދިޔަ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް ފައްޓަވައިދިނުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި އެކަން ކުރެވޭނީ އެކިއެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ ގައިދީންގެ ވިސްނުން ބަދަލުކޮށްގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގައިދީންގެ ވިސްނުން ބަދަލުކޮށް ހެޔޮ ބަދަލު ގެނެވޭނީ ޖަލުތަކުގައި އިތުރު މައުލޫމާތައި އިލްމް ލިބޭނެ މަގު ގައިދީންނަށް ތަނަވެސްވެގެން ކަމަށެވެ. ޖަލުތަކުގައި ލައިބްރަރީއެއް ހެދުމަކީ އިމްރާން އަމިއްލަފުޅަށް އިސްނަންގަވައިގެން ކުރެއްވި ކަމަކެވެ.

"އެހެންކަމުން ޖަލުގެ ގައިދީންނަށް ފޮތްކިޔުމުގެ ފުރުސަތު އިތުރަށް ތަނަވަސްކޮށްދިނުމަކީ ޖަލަށް ހެޔޮބަދަލުގެނައުމުގެ މުހިއްމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން،" އިމްރާން ވިދާޅުވި އެވެ.

ޖަލުތަކުގައި ގާއިމްކުރާ ލައިބްރަރީގެ މުއްސަދިކަން އިތުރު ކުރުމަށް، ވީހާވެސް ގިނަ ފަރާތްތަކުން ޖަލު ލައިބްރަރީއަށް ފޮތް ހަދިޔާ ކޮށްދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް އޮންނާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް އަމީނިއްޔާ ސްކޫލްގަ އެވެ.