ހަބަރު

ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ފެސިލިޓީއެއް ގާއިމުކުރާނެ ބަޔަކު ހޯދަނީ

ކުނި ބޭނުންކޮށްގެން ހަކަތަ އުފައްދާ ގޮތަށް ކ. ތިލަފުށީގައި ގާއިމުކުރަން ހަމަޖެހިފައިވާ ވޭސްޓް ޓު އެނާޖީ ފެސިލިޓީ އިމާރާތްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެންވަޔަރަމެންޓް މިނިސްޓްރީގެ އެދުމުގެ މަތިން ތިލަފުށީގައި ގާއިމު ކުރާ ވޭސްޓު އެނާޖީ ފެސިލިޓީ ޑިޒައިންކޮށް އިމާރާތްކޮށް އަދި ހިންގާނެ ފަރާތެއް ހޯދަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތަށް އެކަށީގެންވާ ތަޖުރިބާ ހުރި ގާބިލު ފަރާތްތަކަށް ޕްރީކޮލިފިކޭޝަނަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށާއި އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހު ޕްރީކޮލިފިކޭޝަނަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ އިއުލާންގައިވާ ގޮތުން ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް 1,500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރުގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހޭނެ އެވެ. މިގޮތުން ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަލަށެވެ.

ޕްރީކޮލިފިކޭޝަނަށް ކުރިމަތިލުމުގެ މަރުހަލާއަށް ފަހު، ބީލަން ހުށަހެޅުމަށް ހުޅުވާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއަކީ އޭޑީބީ އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްމަންޓް ބޭންކް (އޭއައިއައިބީ) އަދި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓިންގް މެކޭނިޒަމްއިން ގުޅިގެން ފަންޑް ކުރެވިގެންދާ މަޝްރޫއެކެވެ.