އިތުރު ހަ ރަށެއްގައި ކުނި މެނޭޖް ކުރާނެ މަރުކަޒުތައް އަޅާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނެއް ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޒޯން ހަތަރެއް އަދި ފަހެއްގައި ހިމެނޭ މ. މުލަކާއި ތ. އަތޮޅުގެ ބުރުންޏާއި މަޑިފުއްޓާއި ތިމަރަފުއްޓާއި ކިނބިދޫ އަދި އޮމަދޫގައި ކުނި މެނޭޖްކުރާނެ މަރުކަޒުތައް ގާއިމު ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
މިއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމްއީސީޕީ) ގެ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އެޅުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. އަލަށް އިއުލާން ކުޖރި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ބީލަން ހުށަހެޅުމަށް ފިނޭންސުން ވަނީ އެދިފަ އެވެ.
ކޮންމެ ރަށެއްގައި ވެސް ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކޮށް ނިމުމުން އެތަންތަނާއި އަދި އެތަންތަނުގައި ބެހެއްޓޭ އިކުއިޕްމަންޓްތައް އެސެޓް ޓްރާންސްފާ ހެދުމަށްފަހު އެރަށެއްގެ ރަށު ކައުންސިލްގެ މިލްކެއްގޮތުގައި ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
މި ދުވަސްކޮޅަކީ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕޭން ދުވަސްވަރަށް ވުމާއެކު ޕްރޮޖެކްޓްތައް އިއުލާނު ކުރުމާއި އަޕްޑޭޓް ދިނުން ގިނަވެފައި ވެއެވެ.