ހަބަރު

ޕީއެސްއެމްގެ ބައެއް މުވައްޒަފުން ވަކި ކުރަނީ

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ ބައެއް މަގާމުތައް އުވާލައި ބައެއް މަގާމުތަކުން މީހުން އުނިކުރަން ނިންމައިފި އެވެ.

ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުންފުނި ރީސްޓްރާކްޗާ ކުރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށާއި އެ މަސައްކަތުގެ ތެރޭގައި މަސައްކަތްތެރި ނޫން މުވައްޒަފުންގެ މަގާމު އުވާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހެން ދާއިރާތަކަށް އިތުރަށް ބޭނުންވާ މަގާމުތަކަށް އެ މުވައްޒަފުންގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ފަހު އެ މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި، ތަޖުރިބާ އާއި ލިބިފައިވާ ހުނަރަށް ބަލައި ފުރުސަތު ދޭނެ ކަމަށެބެ.

"ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި މިވަގުތު ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ގާބިލުނޫން މުވައްޒަފުންގެ ކޮންޓްރެކްޓްތައް އުވާލެވޭނެ،" ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ އަލީ ޚާލިދު މިއަދު ވިދާޅުވި އެވެ. ޕީއެސްއެމްއިން ވަކި ކުރާ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން ސުވާލު ކުރުމުން އެ އަދަދުގެ ތަފުސީލެއް ނުދެއްވި އެވެ.

ޕީއެސްއެމްގެ ޑިރެކްޓާ އޮފް ހިއުމަންރިސޯސް އިބްރާހީމް ރަމީޒު ވިދާޅުވީ ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރާނީ މީޑިއާ ސެންޓަރުގެ މަސައްކަތްތައް ދިރާސާކުރުމާއެކު އެތަނަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުން ކަމަށެވެ.

"ރީސްޓްރަކްްޗަރިންގެ މަސައްކަތުގެ ތެެރެއިން އެންމެ ފުރަތަމަ އަމާޒު ހިފައިފައިވަނީ މީޑިއާ ސެންޓަރުތަކުގެ މަސައްކަތްތައް ދިރާސާކޮށް އެތަންތަނަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑއެޅުން." ރަމީޒު ވިދާޅުވިއެވެ.