ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވައި ޖީއެމްއާރުއާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނިންމާފަ ނުވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެއްޖެ އެވެ.
ރިފްއަތު އެހެން ވިދާޅުވީ އިންޑިއާގެ ޖީއެމްއާރުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކަން ނުޖެހޭ ކަމަށް އޭނާ ލަފާ ދެއްވި ކަމުގެ ތުހުމަތު ކުރީގެ ޑެޕިއުޓީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރެއްވުމާ ގުޅިގެންނެވެ.
އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖީއެމްއާރާއެކު ވެފަައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަންގައި ހިންގަމުން ދިޔައިރު ރިފްއަތު ޖީއެމްއާރް ކުންފުނީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެފަދަ ލަފައެއް ރިއްފަތު އަރުވާފައިވާނަމަ އެކަން ސާފުކޮށްދެއްވަންވާނެ ކަމަށެވެ.
ޓެކްސްގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން މީރާއިން ވަނީ ޖީއެމްއާރަށް މިދިޔަ އަހަރު އަންގާފަ އެވެ. ނަމަވެސް އަދިވެސް އެ ފައިސާ ޖީއެމްއާރުން ދައްކާފައެއް ނުވެއެވެ.
ރިފްއަތު މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދައުލަތުގެ މަސްލަހަތު އިސްކުރާމެ ކަމަށެވެ. އަދި މަސްލަހަތު ފުށުއެރުމަކަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ. މަސައްކަތްކުރަނީ ހައްގުތަކުގެ ދިފާއުގައި ކަމަށާއި އޭނާ ވައުދުވީ ހާމަކަމާއެކު އިންސާފު ކަށަވަރުކުރުމަށް ކަމަށް ރިފްއަތު ވިދާޅުވި އެވެ.