ހަބަރު

ޖީއެމްއާރުން ޓެކްސްދޭން ނުޖެހޭކަމަށް ލަފާ ދިނިން: އޭޖީ

May 23, 2019
15

ޖީއެމްއާރުން ޓެކްސް ދައްކަން ނުޖެހޭ ކަމާއި އެ ޓެކްސްއަކީ ސަރުކާރުން ދައްކަން ޖެހޭ ޓެކްސްއެއް ކަމަށް ލަފާ ދީފައިވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބަޔާން ނެރެ، ބުނީ އިންޑިއާގެ ޖީއެމްއާރުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކަން ނުޖެހޭ ކަމަށް ބަންޑާރަ ނައިބު އެ ގޮތަށް ލަފާ ދެއްވި ކަމުގެ ތުހުމަތެއް ކުރީގެ ޑެޕިއުޓީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރެއްވުމާ ގުޅިގެންނެވެ.

އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖީއެމްއާރާއެކު ވެފަައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަންގައި ހިންގަމުން ދިޔައިރު ޖީއެމްއާރް ކުންފުނީގެ ވަކީލެއްގެ ގޮތުގައި މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެފަދަ ލަފައެއް ރިއްފަތު އަރުވާފައިވާނަމަ އެކަން ސާފު ކޮށްދެއްވަން ވާނެ ކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެއްވައި ރިފްއަތު ވިދާޅުވީ ބަންޑާރަ ނައިބުގެ މަގާމުގައި އޭނާ ހުންނަވައި ޖީއެމްއާރުއާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނިންމާފަ ނުވާނެ ކަމަށެވެ.

ވިޔަފާރި ފައިދާގެ ޓެކްސް ވިތުހޯލްޑިން ޓެކްސް އަދި ޖޫރިމަނާގެ ގޮތުގައި 23 މިލިއަން ޑޮލަރު ޓެކްސް ދައްކަން މީރާއިން ވަނީ ޖީއެމްއާރަށް މިދިޔަ އަހަރު އަންގާފަ އެވެ. ނަމަވެސް އަދިވެސް އެ ފައިސާ ޖީއެމްއާރުން ދައްކާފައެއް ނުވެއެވެ.

އުޝާމް ޑެޕިއުޓީ ބަންޑާރަ ނައިބަކަށް ހުންނެވިއިރު އެ ފައިސާްއަކީ ޖީއެމްއާރްއިން ދައްކަންޖެހޭ ފައިސާއެއް ކަމަށް މީރާއަށް ލަފާ ދީފައިވެ އެވެ. އެ ލަފާ ދިނީ އެއީ މާފު ނުކުރެވޭނެ ޓެކްސްއެއްގެ ގޮތުގަ އެވެ.

ނަމަވެސް މިއަދު ބަންޑާރަ ނައިބު އޮފީހުން ނެރުނު ބަޔާނުން އެނގެނީ އޮފީހުގެ ސްޓޭންޑް ބަދަލު ކޮށްފައިވާ ކަމެވެ. ބަޔާނުގައި ބުނީ އާބިޓްރޭޝަން ޓްރައިބިއުނަލުން މައްސަލާގައި ނެރުނު ފައިނަލް އެވޯޑުގައި ޖީއެމްއާރަށް ލިބިދިނުމަށް ކަނޑައާޅަފައިވާ ފައިސާއިން އެއްވެސް އަދަދެއް އުނިނުވެ އެ ކުންފުންޏަށް ފުރިހަމައަށް ލިބިދެންޖެހޭނެ ކަމަށް ބަޔާން ކުރާ ކަމަށެވެ. އެއީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އާބިޓްރޭޝަންގެ ނިންމުން ގަބޫލުކޮށް ސަރުކާރުން ވަނީ އެ ފައިސާ އެއްކޮށް އެ އަހަރުގެ ނޮވެމްބަރު މަހު ދައްކާފަ އެވެ. އަދި އެ ފައިސާއިން ޓެކްސް ދައްކަން ނުޖެހޭ ކަމަށް އެމްއޭސީއެލްއިން ޖީއެމްއާރްއަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށް ވެސް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.

“އާބިޓްރޭޝަންގެ ފައިނަލް އެވޯޑުގެ ފައިސާއިން އެއްވެސް ޓެކުހެއް ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާތީ އެވޯޑުގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ޓެކްހެއް މީރާއަށް ދައްކަން ނުޖެހޭ ކަމުގެ ޔަގީންކަން ދެން، ނަތީޖާއެއްގެ ގޮތުން، މީރާއިން ކަނޑައަޅާނެ ޓެކްސްއަށް ވާ ފައިސާ އެވޯޑުގެ ފައިސާގެ ތެރެއަށް އިތުރުކުރަންޖެހޭ ތަނެއް ނެތެ،” އެމްއޭސީއެލްގެ ސިޓީގެ ނަކަލު ބަޔާނުގައި ހިމަނާފައިވެ އެވެ.

އެހެންވެ ޖީއެމްއާރަށް ދައްކާފައިވާ އެވޯޑްގެ ފައިސާއަކީ ޓެކްސް ދައްކަންޖެހޭ ފައިސާއެއް ކަމަށް މީރާއިން ނިންމާ ހާލަތެއްގައި ވެސް އެ ޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި އެމްއޭސީއެލްއިން ކުރަން ޖެހޭ ކަމެއް ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.

އެކަމުގައި މިދިޔަ ޖެނުއަރީ މަހު މީރާއިން ލަފާއަކަށް އެދުމުން އެގޮތަށް ލަފާ ދީފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.