ހަބަރު

ޗާގޯޒް: ރާއްޖެ ދެކޮޅަށް ވޯޓު ދިނަސް އދ.ގެ ނިންމުން މޮރިޝަސްއާ އެއްކޮޅަށް

May 23, 2019
3

ރާއްޖޭން ދެކޮޅަށް ވޯޓު ދިން ނަމަވެސް، މިހާރު އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯޒް އައިލަންޑްސް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ހުށަހެޅި ގަރާރަށް އދ. އާއްމު މަޖިލީހުން ދާދި ދެންމެއަކު ފާސްކޮށްފި އެވެ.

މިއަދު ނެގި އާންމު ވޯޓުގައި، މޮރިޝަސްއާ އެއްކޮޅަށް 116 ގައުމަކުން ވަނީ ވޯޓުދީފަ އެވެ. އެމެރިކާ އާއި އިނގިރޭސިވިލާތާއި، ރާއްޖެއާއެކު އެ ގަރާރާ ދެކޮޅަށް ވޯޓުދީފައިވަނީ އެންމެ ހަ ގައުމެކެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ހިމެނޭ ގިނަ ގައުމުތަކާއެކު ޖުމްލަ 56 ގައުމަކުން ވަކި ކޮޅަކަށް ވޯޓުދީފައެއް ނުވެ އެވެ. ނަމަވެސް، އެ ގަރާރަށް އަމަލުކުރުން އިނގިރޭސިވިލާތަށް ލާޒިމެއް ނޫނެވެ.

މޮރިޝަސްއިން ވާކާލާތު ކުރާ ގޮތުގައި، ޗާގޯޒް އަކީ އިނގިރޭސިންގެ އަތްދަށުން 1965 ގައި މިނިވަންކަން ލިބުނުއިރު، އަނބުރާދީފައިނުވާ ސަރަހައްދެއް ކަމަށެވެ.

އޭގެ ރައްދުގައި އިނގިރޭސިވިލާތުން ބުނަމުން ދަނީ ޗާގޯޒްއަކީ ބްރިޓިޝް އޯވަސީސް ޓެރިޓަރީގައި ހިމެނޭ ސަރަހައްދެއް ކަމަށާއި، ދިފާއީ ބޭނުމަށް އެ ސަރަހައްދު ބޭނުންނުވާ ދުވަހަކުން މޮރިޝަސްއަށް ކޮންޓްރޯލް ދޭނެ ކަމަށެވެ.

އެމެރިކާއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، 1971 ވަނަ އަހަރު އެ ސަރަހައްދުގައި އޮންނަ އެންމެ ބޮޑު އެއް އަތޮޅުކަމަށްވާ ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ބިނާކުރުމަށް އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވަނީ ބާލައިފަ އެވެ. އދ.ގެ އާންމު މަޖިލީހަށް އެ ގަރާރު ހުށަހަޅާފައިވަނީ، ބައިނަލްއަގުވާމީ ކޯޓުކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްއާ އެއްކޮޅަށް ގާނޫނީ ލަފައެއް ނެރެފައި ވަނިކޮށެވެ.

އެ ކޯޓުން ބުނެފައިވާ ގޮތުގައި، މޮރިޝަސްގެ މައްޗަށް އިނގިރޭސިވިލާތުގެ އިސްތިއުމާރީ ބާރު ނިމުމަކަށް ގެނެސްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ކަމަށެވެ. އެއީ އިސްތިމާރު ބާރު ނިމުމަކަށް ގެނައިއިރު ޗާގޯޒް މިނިވަންވެފައިނުވާތީ ކަމަށްވެސް އެ ކޯޓުން ދިން ގާނޫނީ ލަފާގައި ބުނެފައިވެ އެވެ.

ރާއްޖޭގެ މަސްލަހަތު

މީގެ ކުރިން ރާއްޖޭން ދެކެފައިވަނީ ޗާގޯޒް މައްސަލައަކީ މޮރިޝަސްއާ އިނގިރޭސިވިލާތާ ދެމެދުގައިވާ ދޭދޭ ގައުމުގެ މައްސަލައެއް ގޮތުގަ އެވެ. ނަމަވެސް، 2010 ވަނަ އަހަރު ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދިނުމަށް އެކަމާބެހޭ ބައިނަލްއަގުވާމީ ކޮމިޝަނަށް ހުށަހެޅުމުން، މޮރިޝަސްއިން ވަނީ އެކަމާ އިއުތިރާޒުކޮށް އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ރަސްމީކޮށް ހުށަހަޅައިފަ އެވެ.

ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމާބެހޭ މުއާހަދާގެ ދަށުން، ގައުމެއްގެ ކޮންޓިނެންޓަލް ޝެލްފްގެ ގޮތުގައި ބެލޭނީ އެ ގައުމެއްގެ އައްސޭރިފަށުން ފެށިގެން 200 މޭލު ސަރަހައްދެއް ކަމަށެވެ.

މޮރިޝަސްއިން އިއުތިރާޒްކޮށްފައިވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ފާހަގަކޮށްފައިނުވާތީއާއި، ރާއްޖޭން ދައުވާކުރާ ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާކަމަށް ބުނެ އެވެ. އަދި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާމެދު ދެގައުމުގެ ދެމެދުގައި ވަކިގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސްއިން ދަނީ ގޮވާލަމުންނެވެ.