ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ހަސަން އަފީފު ގެނައުމަށް ތާއީދު ކުރަން ކޮންގްރެސް ޕާޓީން ނިންމައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވަނީ ހަސަން އަފީފަކީ މަޖިލިސް ރައީސް ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ތާއީދު އޮތީ އަފީފަށް ކަން ކަށަވަރުކޮށް ދެއްވާފަ އެވެ.
ޕީޕީއެމް އަދި ޕީއެންސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، މަޖިލީހުގެ ތެރެއިން ލިބެން އޮތް އެއްބާރުލުމާއެކު ކުރިއަށްދާން ދެ ޕާޓީއިން ތައްޔާރަށް އޮތް ކަމަށެވެ. އަދި ރައީސް ސޯލިހް މިރޭ ހާމަ ކުރެއްވި އަފީފްގެ ނަންފުޅަށް ތާއީދު ކުރާ ކަމަށެވެ.
"މިރޭ އަޅުގަނޑުމެންގެ ދެ ޕާޓީގެ ފަރާތުންވެސް މިތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ވިދާޅުވި ނަންފުޅަށް ތާއީދުކޮށްގެން، ރައީސް ސޯލިހު މިރޭ ނަންފުޅެއް ވިދާޅުވެއްޖެ، އަޅުގަނޑުމެން ދެ ޕާޓީގެ ފަރާތުން މި ތާއީދު ކުރަނީ ރައީސަށް، ރައީސް ދެކެވަޑައިގެންނެވި ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް،" ނިހާާން ވިދާޅުވި އެވެ.
ނަމަވެސް ޕީޕީއެމުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެޕާޓީއިން ބުންޏެވެ. އެޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، އެކަމާ ގުޅިގެން ޕާޓީގެ ޕީޖީ ގްރޫޕްގައި އަދި މަޝްވަރާ ނުކުރާ ކަމަށެވެ. އެޕާޓީގެ މަގުސަދަކީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށްޓަކައި ސަރުކާރަށް އެއްބާޜުލުން ދޭންޖެހޭ ހާލަތްތަކުގައި އެއްބާރުލުން ދިނުން ކަމަށެވެ.
ޕީޕީއެމް ޕީއެންސީއިން މަޖިލީހުގެ ރައީސް އަދި ނައިބް ރައީސް ކަމަށް ވާދަ ނުކުރައްވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމަށެވެ. ރޭހުގައި އެންމެ ވާދަވެރީ އަފީފާއި އަސްލަމެވެ.
މީގެ އިތުރުން އެމްޑީޕީގެ އިތުރު ތިން މެންބަރަކު ވަނީ މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އެއީ އާއްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވި އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.