ވާހަކަ

އީޝަލް

(21 މެއި 2019 އާ ގުޅޭ)

...އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ވެސް ބޮޑަށް ކަލެއަށް އިތުބާރުކުރަން، މިކަމުން އަހަރެމެންނަށް ކުރި ލިބޭނޭ ގޮތެއް ކަލޭގެ ތޫނުފިލި ބުއްދީން ނިކަން ހޯދަބަލަ، އަހަރެން މިހުރީ ކަލޭ އެދިއްޖެ ކޮންމެ ކަމެއް ފަހިކޮށްދޭން އައިސް، މިތަނުގައި އެތިބަ ކުދީންގެ ތެރެއިން ކުއްޖަކަށް އަނިޔާއެއް ލިބޭތަން ދުށުމަކީ ކެތްކުރަން ފަސޭހަވާނޭ ކަމެއްނޫން" ޒިޔަޒެލް އިން މޭޒުގެ ދޮށުގައި އޭނާއާ ފުރަގަސްދީ ދޮރާ ދިމާއަށް ބަލަން ހުރި އާރަމް ބުންޏެވެ.

ބާރު އަޑުފަށްގަނޑެއް އިވި އެކަމަށް ޒިޔަޒެލްއާއި އާރަމްގެ ސަމާލުކަން ހުއްޓުނެވެ. ދެ މީހުން ވެސް ހަލުވިކޮށް ގޭތެރެއިން ނުކުތްއިރު ފުރަތަމަ ވެސް ލޮލަށް ފެނުނީ ރަށް މައްޗަށް ހިއްލާލައިފައި އޮތް ރާޅެވެ. އެއަށް ވާގޮތެއް ބަލަން އިސްއުފުލާލި ގޮތަށް ޒިޔަޒެލް ހުއްޓެވެ. އޭރު އޭނާގެ ވައަތުގައި އިހު ބަލަން ގެންގުޅުނު ލިޔުންތަކުން ބައެއް ވެސް އޮތެވެ.

"މީ އެމީހުންގެ ކަމެއް" އާރަމް ބުނެލިއެވެ.

"އެނބުރި އައީހެން ހީވަނީ... މީކާޢިލްގެ ޚަބަރެއް އަދި ނުވޭ، މިކަން އަހަރެން ނިންމަން އެބަޖެހޭ... އާރަމް، ކަލޭ މިތާ މަޑުކުރޭ" ޒިޔަޒެލް ބުންޏެވެ. އަދި ބަލަބަލާ ހުއްޓާ އިހުވީގޮތަށް ލޮނުތައް ފޮނުތަކެއްހެން ވަޔަށް އަރައިގެން ދިޔަތަން ފެނުނެވެ. ރަށް މައްޗަށް ބިންދައެއް ނުލެވުނެވެ. ޒިޔަޒެލް ހަލުވިކޮށް ގޮސް ވަނީ ގޭތެރެއަށެވެ. އޭނާ ކުރަން އިން މަސައްކަތް ނިންމުމަށެވެ.

ޒިޔަޒެލްގެ މަސައްކަތް ނިންމާލުމާއެކު އޭނާ ދިޔައީ އީޝަލްގެ ކޮޓަރިއަށެވެ. ރައުލްއާއި އީޝަލް ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު އޭނާ ދިނެވެ. އަދި އެއަށްފަހު އޭނާ ގެއިން ނުކުތްއިރު އޭނާގެ ކަނާތު މުށުތެރޭ ހަ ހިލަކޮޅާއި ތަސްބީހައެއް އޮތެވެ. އޭގެ އިތުރުން އޭނާގެ ކަމަރުގައި ކަނޑިއެއް ވިއެވެ. އާރަމް ގޮވައިގެން މިޒަރެން ހުރި މައިދާނަށް ޒިޔަޒެލް އައެވެ. އަދި އެތަނަށް އެންމެން އެއްކުރިއެވެ. އެތަނަށް އެންމެ ފަހުން އައި ބަޔަކީ އީޝަލްއާއި ރައުލްގެ އިތުރުން ރާވިންއާއި ޔާފިއާއެވެ. އޭރު މިޒަރެންގެ މަސައްކަތް ވެސް ނިމިއްޖެއެވެ. ފެންކަންވާރުތައް ކައިރިއަށް އައިސް އަތުގައި އޮތް ހިލަކޮޅުތައް އެއަށް އެޅިއެވެ. ސޭމެސްއާއި ދެން ތިބި ބައިވެރީންނަށް ގޮވައި ގެނެސް ޒިޔަޒެލްގެ ކުރިމަތީ ބައިތިއްބިއެވެ. ފެންކަންވާރުގެ ތެރެއިން ފެން ނަގައި އެއިން ކޮންމެ މީހެއްގެ ފައިދޮއްވައި ގަޔަށް އެ ފެން އެޅިއެވެ. އަދި ބުއި މަށް ޒިޔަޒެލް ބުންޏެވެ. އެފަދައިން އެންމެން ކަންތައް ކުރިއެވެ. ރައުލް ވެސް އެމީހުންނާއެކު އެކަމުގައި ބައިވެރިވިއެވެ. ޒިޔަޒެލް ބުނިގޮތުގައި ލޮނާ ކައިރިވެވޭނޭ އިރެއް ނޭނގުނަސް އެ މީހުންގެ ގަތަށް އެ އެޅިފެނުން އެ މީހުން ރައްކާތެރިކުރާނެކަމެވެ. އެ ފެން ތައްޔާރުކުރެވުނީ އެ މީހުންނަށް ޓަކައި ކަމެވެ.

ސަފުތައް އެތުރީ ޒިޔަޒެލްއެވެ. ޠަލަބްއާއި ސިއްތާއަކީ އެތަނުގައި ތިބި އެއްވެސް ޖިންނިއަކަށްވުރެ ހަލުވި ދެ ފަހުލަވާނުންނެވެ. ވިދުވަރެއްފަދައިން ފެނާއި ބިމުގައި އެމީހުން ދަތުރާއިރު އެ ބާރުން ފައިދާކުރާނޭކަން ޒިޔަޒެލްއަށް ޤަބޫލުކުރެވެއެވެ. ދުޝްމަނުންގެ ހަމަލާތަކަށްވުރެ ޠަލަބްއާއި ސިއްތާގެ ހަމަލާތައް އަވަސްވުމަކީ ދުޝްމަނުންގެ ކިބައިން ކުރިލިބޭނެ ކަމެކެވެ. ރަށުގެ އެކި ދިމާއަށް ޒިޔަޒެލް މީހުން ކަނޑައެޅިއެވެ. ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ޒިޔަޒެލް ދިނެވެ. މިޒަރެން ގާތު ފެންކަންވާރު ހިމާޔަތް ކުރުމުގައި އެތަނުގައި މަޑުކުރުމަށް ޒިޔަޒެލް އެންގިއެވެ. ރައުލްއާއި މީކާޢިލް އެއްކޮޅުގައި ތިބިއިރު އަނެއްކޮޅުގައި ޒިޔަޒެލްއާއި އީޝަލްއެވެ. އާރަމްގެ ގާތުގައި ޔާފިއާ ބެހެއްޓިއެވެ. އެ ދެމީހުން ތިބީ ވަކި ދިމާލެއް ނެތި ޒިޔަޒެލްމެންގެ ފަހަތަށް ރަށުތެރޭއަށް ވާނޭހެން ބައިތިއްބާފައެވެ. އެމީހެއްގެ މަޤާމަށް ދިއުމުގެ ކުރީން ރައުލް އޭނާގެ އެކުވެރީންނާ ބައްދަލުކުރިއެވެ.

"ކަލޭމެންގެ ތެރެއިން ކޮންމެ މީހެއްގެ ފުރާނަ ވެސް އަހަރެންނަށް މުހިންމު، އެމީހުންގެ އަތްދަށު ނުވާތި... މި ކުރިމަތިލުން ނިމުމުން އަހަރެމެން އެންމެން އެއްތަންވާތަން ދުށުމަށް އަހަރެން ބޭނުން، ތިޔައިގެ ތެރެއިން ކޮންމެ މީހަކު ގަދަވެ ސަލާމަތުން ހުންނާތި، މިއަށްވުރެ ބޮޑު ކުރިމަތިލުމަކާ ވެސް މުސްތަޤުބަލުގައި އަހަރެމެން ކުރިމަތިލާން ޖެހިދާނެ، މިއީ އަހަރެމެން ދަސްކުރަން ލިބޭ ފިލާވަޅެއް، ސާބިތުކަމާއެކު ހުންނާތި... އަހަރެން އެނބުރި މިއައީ ކަލޭމެންނަށް ޓަކައި" ރައުލް ކޮންމެ މީހަކާއި ކަރާކަރުޖައްސައި ސަލާމްކުރިއެވެ.

"ދަރިއުސް!... އެނބުރި އަހަރެންގެ ގާތަށް އަންނާތި" ދާރިއުސްގެ މޫނުގެ ދެފަރާތުން ހިފަހައްޓާލައި އޭނާގެ ނިތްކުރީގައި ރައުލް ނިތްކުރި ޖައްސާލިއެވެ. އެމީހުންގެ ތެރޭގައި ހުރި އުމުރުން އެންމެ ހަޤު ޖިންނިއަކީ އެއީއެވެ. ފެށުނީއްސުރެން ރައުލްގެ ޚާއްޞަ ސަމާލުކަން އޭނާއަށް ވެއެވެ. ދާރިއުސްގެ ގާތުން ދުރަށް ގޮސް ލުގަލްބަންދާގެ ކުރިމަތީ ރައުލް މަޑުކޮށްލިއެވެ.

"ލުގަލް... މިއަދު ކަލެއަށް އެއްވެސް ހިފެހެއްޓުމެއްނެތި، އަހަރެންގެ އަނބިމީހާއަށް ޓަކައި ކަލޭ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނޭކަން އަހަރެން ދެނަހުރިން، އަހަރެންނަށް އެކަން ހަޖަމުކުރަން ފަސޭހައެއްނޫން... އެހެންވިޔަސް މިއަދު އަހަރެން ކަލޭގެ ގާތުން އެދޭނީ ހުރިހާކަމެއް އެނގިހުރެ... ލުގަލް... މި ކުރިމަތިލުން ނިމޭނެގޮތެއް ނޭނގޭ، އަހަރެންނަށް ކަމެއްވެއްޖެނަމަ އީޝަލް ރައްކާތެރިކުރާތި، މިތާ ކަލެއަށްވުރެ ބޮޑަށް އެކަން ކުރެވޭނޭ މީހަކުނެތް، އޭނާ... އޭނާ ބަލިކަށިވިޔަ ނުދޭތި، އޭނާ ކެތްތެރިވާނަމޭ ބުންޏަސް އަހަރެންނަށް އޭނާގެ ހިތް އެނގޭ، ކަލެއާ އަހަރެންގެ އަނބިމީހާ ހަވާލުކޮށްފިން" ލުގަލްބަންދާގެ ކުރިމަތީ ހުރެ ރައުލް ބުންޏެވެ. މަޑުމަޑުން ލުގަލްބަންދާ ބޯޖަހާލިއެވެ. އަދި މަޑުހިނގުމުގައި ލުގަލްބަންދާ އައިސް މީކާޢިލްގެ ގާތުގައި ހުރި އީޝަލްގެ ކުރިމަތީ މަޑުކުރިއެވެ.

"އަހަރެން މިއަދު ހަނގުރާމަ މިކުރަނީ އީޝަލްއަށް ޓަކައި، ﷲ ގަންދީ ބުނަން، އެއިން މީހަކަށް އަހަރެންގެ ފުރާނަ ހުއްޓައި އީޝަލްގެ ގައިގާ ބީހުލުމުގެ ފުރުޞަތެއް ނުދޭނަން... މިއަދު މީ އިރާދަކުރެއްވިއްޔާ އެ ޒަގަންގެ ފަހު ދުވަސް، އީޝަލް!... އަހަރެން ކިޔައިދިން ވާހަކަތައް ހަނދާން ބަހައްޓާތި، ހަނގުރާމަ ހިނގާ ވަގުތު އެންމެން ސަލާމަތްކުރުމަށް ފުރުޞަތެއް ނުލިބޭނެ، އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ދޫކޮށްނުލާތި، ދުޝްމަނުންނަށް އެފަދަ ފުރުޞަތެއް ނުދޭތި، ތީ އަހަރެންގެ އެންމެ ޚާއްޞަ ހިތާ އެންމެ ގާތުގައިވި އެކުވެރިޔާ، ކަލެއަށް ކަމެއްވެއްޖެނަމަ އަހަރެން ވަރަށް އެކަނިވާނެ" ލުގަލްބަންދާ ދެއްކި ހުރިހާ ވާހަކައެއް އީޝަލްއަށް އަޑުއިވުނެވެ. ލުއި ހިނިތުންވުމާއެކު އީޝަލް ގުދުވެލުމާއެކު ލުގަލްބަންދާގެ ބޮލުގައި ފިރުމާލިއެވެ.

"ތިހާވަރަށް ކަންބޮޑުނުވޭ، އަހަރެން ކަލޭގެ އެއްވެސް ކަމެއް ހަނދާނައްތައެއްނުލަން، އިރާދަކުރެއްވިއްޔާ ނަސްރުވަނީ އަހަރެމެންގެ މައްޗަށް، އެމީހުންގެ އަތްމައްޗަށް އަހަރެންގެ ނަފްސު ހުށަހެޅުމަށް ފުރުޞަތެއްނުދޭނަން، ލުގަލް!... އެނބުރި ބައްދަލުވަންދެން ކަލެއާ ހަވާލުވެފައިވާ މަޤާމަށް ދޭ، އަހަރެން ކަލޭގެ ބާރާމެދު ޝައްކެއްނުކުރަން، އެމީހުންނަށް ކަލެއަކީ ކާކުކަން މިއަދު ބުނެދޭތި" ލުގަލްބަންދާގެ ބޮލުގައިވާ ދަޅުގައި އީޝަލް ހިފާލިއެވެ. އެއާއެކު އަރުތެރެއިން އަޑެއް ލައްވާލުމާއެކު ލުގަލްބަންދާ ބޯޖަހަންފެށިއެވެ.

"އޭނާ ދަރިފުޅާ ވާހަކަދެއްކީތަ؟" ހުރިހާ މަންޒަރެއް ބަލަން ހުރެފައި ލުގަލްބަންދާ ދާން ފެށުމުން މީކާޢިލް އެއްސެވެ. އެހިނދު ލުއި ހިނިތުންވުމެއް އީޝަލް ބަދަލުކޮށްލިއެވެ. އޭނާ ވަކި ޖަވާބެއް ނުދިނީ އެއީ ލުގަލްބަންދާއާ އޭނާއާ ދެމެދު ވެވިފައި އޮތް އެއްބަސްވުމަކަށްވީމައެވެ.

ހަތޯރުއަށް ހިތްވަރު ކުރުމަށް ޒިޔަޒެލްއާއި ރައުލް ވެސް ބުންޏެވެ. ޒަގަންއަކީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއަށް ވާއިރު އެ ބޭބެއާ ކުރިމަތިލާ އޭނާގެ ފުރާނަ ދުއްވާލުމަކީ ހަތޯރަށް ފަސޭހަކަމަކަށްނުވާނޭ އެ މީހުންނަށް ވިސްނޭތީއެވެ. ނަމަވެސް ހަތޯރު ހުރީ ސާބިތުވެއެވެ.

"ޒަގަން އިސްލާހުވާން ވަރަށް ގިނަ ފުރުޞަތު ދެވިއްޖެ، މިހާރު އޭނާ އެ ދިމާކުރީ ހުރިހާ އިމެއް ފަހަނައަޅާދާވަރުގެ ކަމަކާ، އީޝަލްއަކީ ހަމައެކަނި ރައުލްގެ ހައްޤެއް، އަހަރެމެން އެންމެންނަކީ އެއް ޢާއިލާއެއް، އޭނާ ރައުލްގެ މައްޗަށް އެވާ އަނިޔާވެރިކަމަށް މަޢާފެއްނެތް، ޚާއްޞަކޮށް އޭނާ ރައުލްގެ އަނބިމީހާއާ މެދު ނިޔަތް ގޯސްވުމަކީ އޭނާގެ ނުބައިކަން ހައްދުފަހަނަ އަޅާފައިވާކަމުގެ ނިޝާނެއް، މަންމަ ހިތާމަކުރާނޭވަރު އެނގޭ، އެހެންވިޔަސް އަހަރެން ފަހަތަކަށް ނުޖެހޭނަން" ހަތޯރު ބުންޏެވެ.

އެންމެންތައް ބައިބައިވީއިރު އަށް ބަޔަށް މީހުންތައް ވިއެވެ. ސޭމެސްއާއި ދާރިއުސް ތިބީ އެކުގައެވެ. ހަތޯރުއާއެކު ހުރީ ރާވިންއެވެ. އާރަމް ހުރީ ޔާފިއާ ރައްކާތެރި ކުރުމުގައި އޭނާއާއެކުއެވެ. ލުގަލްބަންދާއާއި ޒަލަފް ތިބީ އެކީގައެވެ. އީޝަލްއާއި މީކާޢިލް އެއްތަންވިއެވެ. ފަހުވަގުތު ޒިޔަޒެލްގެ ގާތަށް އޭނާ ގަނައި ރައުލްއެވެ. ޠަލަބްއާއި ސިއްތާ ތިބީ އެކުގައެވެ. މިޒަރެންނަށް ބައިވެރިއަކުނެތެވެ. ނަމަވެސް އޭނާގެ ގާތުގައި ހަރަކާތްތެރިވަމުންދިޔައީ ރަށުގައި ދިރިއުޅޭ ޖިންނީންގެ ތެރެއިން ޒިޔަޒެލްގެ ގޮވާލުމަށް ނުކުމެ ތިބި ޖިންނީންނެވެ. މިޒަރެންނާއެކު އެ އެންމެން ވެސް ތިބީ ފެންކަންވާރުތައް ހިމާޔަތްކުރުމުގައެވެ.

* * * * *

"ހެ ހެ ހެ ހެ... އަހަރެން ގާތުން ނުފިލޭނޭކަން އެނގުނީ ތޯޗެއް، މިހާރު ރަނގަޅު، ކަލޭގެ ވަސް ވެސް މިފަހަރު ފުހެލާނަން، އީޝަލްވާނީ އަހަރެންގެ އަނތްބަކަށް، އޭނާގެ އަޖައިބެއް ފަދަ ރީތިކަމާއި، އޭނާއަށް ލިބިފައިވާ އާދަޔާ ޚިލާފު ބާރުގެ ވެރިއަކަށްވާނީ އަހަރެން، ރަސްކަމުގެ ރާނީކަމުގައި އޭނާ ވާނެ، އަހަރެންގެ ރާނީއަށް... ޒަމާންތަކަށް ދެމިގެންދާނޭ ބާރުގަދަ ދަރިފަސްކޮޅެއް އޭނާގެ ފުށުން އަހަރެން ހޯދާނަން، އެއިން އެއްވެސް ކަމެއް ދުށުމަކަށް ކަލޭ ނުހުންނާނެ" ހެވިފައި ހުރެ ޒަގަން ބުނެލިއެވެ. ރަށްބޭރުގައި މާކަނޑުގެ ތެރޭ ރަށުގައި ހިނގާ ކަންތައްތައް ބަލަން މަޑުކޮށްލައިގެން ހުއްޓެވެ. އޭރު އަތިރިމަތިން އޭނާ ހޯދަން ބޭނުންވި ދެ ބައިވެރީން ވެސް ފެނިއްޖެއެވެ.

"ސާހިބު" ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރު ޒަގަންއަށް ގޮވާލިއެވެ. އަމުރަކަށް އެމީހުން އިންތިޒާރުކުރާކަން އަންގާލީއެވެ. އެހިނދު ހިނިތުންވެލައިގެން ހުރި ޒަގަން ކުރިއަށް އަންނަން ފެށިއެވެ. ރަށާ ކައިރިއަށެވެ.

"އެންމެންނަށް އަންގާ، އަރަންވީ ކަމުގައި، އެމީހުންގެ ރައްކާތެރިކަމުގެ އައްޑަނަ ފުނޑުފުނޑުކޮށްލާ، ހަމަލާތައް ފަށާ، އެމީހުންގެ އަޖަލު ޖެހިއްޖެކަން ޢިއުލާންކުރޭ، އަތުގައި ޖެހޭ ވަގުތުން އެ ހަށިގަނޑުތައް އިރާ ކުދިކުދިކުރޭ، ފުރާނަތައް ދަމައިގަނޭ... އެކަމަކު ހަނދާންކުރާތި، އެ ހުރި ރައުލްއޭ ކިޔާ ޝައިޠާނާގެ ނިމުން ގެންނާނީ އަހަރެން، އެއީ އަހަރެންގެ ޝިކާރައެއް، ހޫރެއްފަދަ އެ ހުރި އަންހެންކުއްޖާގެ ފުރާނައާ ހަމައަށް ކަލޭމެންގެ ކަނޑިތައް ފޯރައިގެން ނުވާނެ، އޭނާ ރަހީނުކުރެވުނުހާ އަވަހަކަށް އެ ރަށުން ފައިބާތި، ރައުލްގެ ކަންތައް އެހާ ހިސާބަށް ނިންމާނުލެވިއްޖެނަމަ އަހަރެން އެނބުރި އަންނަންދެން އޭނާ ގެންގޮސް ގަނޑުވަރުގައި ބަހައްޓާ، ރަސްގެފާނުގެ ބެލުމުގެ ދަށުގައި ބަހައްޓާ، އެތަނުގައި ލާވީ ހުންނާނެ އަހަރެންގެ ޚަބަރެއް ހޯދުމަށް، ގޮސް އޭނާއާ ބައްދަލުކުރާތި" މީކާޢިލްގެ ގާތުގައި ހުރި އީޝަލްއަށް ނަޒަރު ހުއްޓާލައިގެން ހުރެ ޒަގަން އިރުޝާދު ދިނެވެ.

އިސް ކޮމާންޑަރުގެ ދަށުން ބައިބަޔަށް ހަވާލުވެ ތިބި އިސް ޖިންނީންނަށް ޚަބަރުތައް ދިނެވެ. އެމީހުން މުޅި ލަޝްކަރަށް އެ ޚަބަރު ފޯރުކޮށްދިނެވެ. އީޝަލް ހައްޔަރުކުރުމަށް ޒަގަންވަނީ ވަކިން ޚާއްޞަ ބަޔަކު ހަމަޖައްސާފައެވެ. ޖިންނީންގެ އެ ބައިގަނޑު ތިބީ ޒަގަންގެ ގާތުގައި މަޑުކޮށްގެންނެވެ. ލަޝްކަރު އެކީ މުޅި ރަށް ވަށާލައިފިއެވެ. ލޮންސިތަކާއި ކަނޑިތައް އުރަތަކުން ދަމާލެވިފައި ވެއެވެ. ދިޔަރެސްފަށުގައި ލޮނުގަނޑު ބޮޑުވެ ފޮނުއަރުވާލާފައި ވިއެވެ. އެއާއެކު ކަނޑުން އަރަމުން ދިޔަ ލަޝްކަރުގެ ޖިންނީންތައް ފާޅުވާން ފަށައިފިއެވެ. އެ މީހުންގެ ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ފާޅުވަމުންދިޔައެވެ. އެމީހުންގެ އަޑުފަށްގަނޑު ގަދަވަމުންދިޔައެވެ. ޖަދަލު ކުރުމާއި މަލާމަތުގެ ބަސްތައް އެ ބައިމީހުން ބުނެ ހަދަންފެށިއެވެ. ކުރިމަތި ލައިފިއްޔާ ބަލިވާނޭކަން އެނގޭތީ ފިނޑިކަމާއެކު ފިލާ ތިބީކަމުގައި ބުނަމުންދިޔައެވެ. ޚާއްޞަކޮށް ރައުލްއާ ދިމާކުރިއެވެ. ރަސްގެފާނަށް ހަރާންކޯރުވި މީހަކަށް އޮތީ މަރުކަމުގައި ގޮވިއެވެ. ހިތްވަރެއް ހުރިއްޔާ އެ މީހުންނާ ކުރިމަތިލާން ނުކުތުމަށް ގޮވާލިއެވެ.

* * * * *

ލޮނުގެ ތެރެއިން މައްޗަށް އެރި ޒަގަން އެންމެންނަށް ފެނުނެވެ. އޭނާ ފެނުމުން ކެތްކުރަން އުނދަގޫވެގެން ރައުލް ކުރިއަށް ޖެހިލިއެވެ. އެހިނދު އޭނާގެ ކޮނޑުގައި ޒިޔަޒެލް ހިފެހެއްޓިއެވެ. އޭނާގެ ވައަތް ކަމަރުގައިވީ ކަނޑީގެ މުއްގަނޑުގައި އަޅުވާލައިގެން ހުއްޓެވެ.

"ރައުލް... ކަލޭގެ ޒުވާން ލޭ ހޫނުވިޔަ ނުދީ، މަޑުކުރޭ... އެމީހުންނާ ކުރިމަތިލާކަށް އަދިނުވޭ" ޒިޔަޒެލް ބުންޏެވެ. ރައުލްގެ މޫނުން އޭނާ ދުށީ ކެތްނުކުރެވިގެން އުޅޭ ފަދަ އަސަރުތަކެކެވެ. ރައުލްއަށް ބަލަން ހުރެ ޒިޔަޒެލް ދެފަރާތަށް ބޯހޫރުވާލިއެވެ. ﷲގެ މަގުގައި ސާބިތުވެ ހުރުމަށް ޒިޔަޒެލް ހަނދާންކޮށްދިނެވެ. އެމީހުންގެ ހަޅޭލެވުމަށް ނުހެއްލުމަށް ރައުލްގެ ނަފްސު ކޮންޓްރޯލު ކުރަމުން ދިޔައީ އޭނާއަށް އިޒުނަ ލިބެންދެނެވެ. އޭރު އޭނާގެ ކުރިއަށް ޒިޔަޒެލް ޖެހިލައިފިއެވެ. ނަމަވެސް އޭނާގެ ކަނާއަތްތިލަ އޮތީ ރައުލްގެ ކޮނޑުގައެވެ. ޒިޔަޒެލްގެ ސަމާލުކަން ހުރީ ދުރުން ފެންނަން ހުރި ޒަގަންއަށް ހުއްޓިފައެވެ.

އެއްވެސް އުސޫލެއްނެތި ރަށުތެރެއަށް އަރައިގަންނަން ވަލުޖަނަވާރުތަކެއް ފަދައިން ޒަގަންގެ ލަޝްކަރު ތެޅިފޮޅެމުންދިޔައެވެ. އެންމެން ތިބީ ހުސިޔާރުވެއެވެ. ކޮންމެ މީހެއްގެ އަތްތިލަތައްވަނީ އެމީހުންގެ ހަތިޔާރުތަކުގައި ޖައްސާލެވިފައެވެ. ހަޅޭފަޅޭ ލަވާ އަޑުފަށްގަނޑުން މުޅި މާޙައުލު ގުގުމާލާފައި ވެއެވެ. ނަމަވެސް ޒިޔަޒެލްމެންގެ އެންމެން ވެސް ތިބީ ހިމޭންކަން ޚިޔާރުކޮށްގެންނެވެ. އެތައް ގަޑިއިރު ތަކަކަށް ވަގުތު ދިގުވެގެން ދިޔައިރު ވެސް އެއިން މީހަކު ހުރި ފިޔަވަޅުން ތަންފުކެއް ވެސް ފަރާތަކަށް ޖެހިނުލައެވެ. ވަރުބަލިކަމެއްނެތި ލޯތައް ހުރީ ދިމާކުރިމައްޗަށް އަމާޒުވި ގޮތަށެވެ.

"އެކެއް..." މަޑުމަޑުން ޒިޔަޒެލް ބުނެލި ހިނދު އޭނާއަށް ރައުލް ބަލާލިއެވެ. ކޮންމެވެސް ކަމެއްވެއްޖެކަން ރައުލް ދެނެގަތެވެ. ޒިޔަޒެލްގެ ވައަތްފަރާތުގައި ތިބި މީކާޢިލްއާއި އީޝަލްއަށް އޭނާ ބަލާލިއެވެ. ޒިޔަޒެލްއާއި މީކާޢިލް އެއްފަހަރާ ބަލާލީ އެމީހުންގެ ފަހަތަށެވެ.

(ނުނިމޭ)