ކުޅިވަރު

އަންހެން އަމްޕެޔަރުން ދިވެހި ކްރިކެޓް ތާރީހްގެ ތެރެއަށް

ކްރިކެޓްގެ ރަސްމީ މެޗެއްގައި، މުޅި މެޗުގައި، ފުރަތަމަ ފަހަރަށް ތިން އަމްޕެޔަރުން މެޗަށް އިންސާފު ކޮށްފި އެވެ.

އިއްޔަ ކުޅުނު، ރަމްޟާން ކްރިކްޓް ކާނިވަލްގެ ޓޭޕް ބޯލް އިންޓަ އޮފީސް މުބާރާތުގެ ފައިނަލު މެޗުގައި، އަމްޕެޔަރުުކަން ކުރީ، ފާތިމަތު ކިނާނަތު އިސްމާއީލް، ޝަމްމާ އަލީ އަދި މަރްޔަމް ކިނާނާ އިސްމާއީލް އެވެ.

މި ހަފުތާގައި ކުޅުނު މެޗުގައި، ކިނާނަތު ވަނީ މެޗުގެ އަމްޕެޔަރުކަން ކޮށްފަ އެވެ. އެއީ ރާއްޖޭގެ ސީނިއާ ލެވަލް މެޗެއްގައި އަންހެން އެމްޕެޔަރަކު އިންސާފު ކުރި ފުރަތަމަ ފަހަރެވެ.

ވާދަވެރި ފައިނަލު މެޗެއްގައި، މުޅި މެޗަށް އިންސާފު ކުރަން ހަމައެކަނި އަމްޕެޔަރުން ހަމަޖެއްސުމަކީ، ކްރިކެޓް ބޯޑުން ކުރިއަށް އެޅި ބޮޑު ފިޔަވަޅެކެވެ. ފައިނަލު މެޗެއްގައި އަމްޕެޔަރުކަން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަކަށް އެ ތިން އަމްޕެޔަރުން މީގެ ކުރިން ހީކޮށްފައިވެސް ނުވެ އެވެ.

ކްރިކެޓް ބޯޑުން ވަނީ ދާދި ފަހުން އަމްޕެރަޔުން ތަމްރީން ކުރުމަށް ކޯހެއް ހިންގާފަ އެވެ. އިއްޔަ އިންސާފް ކުރި ތިން އަމްޕެޔަރުންނަކީވެސް އެ ކޯސް ފުރިހަމަ ކުރި އަމްޕެޔަރުންނެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ، އަންހެން ކްރިކެޓް ފުލާ ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. ތިން އަންހެން އަމްޕެޔަރުންނަކީ ވެސް، ގައުމީ އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިންނެވެ.