ރިޕޯޓް

އިންޑިއާގެ ސިޔާސީ މައިދާނަށް އިންގިލާބެއް ގެނައި "ސަރުދާރު"

ތާރީހީ އަގުލަބިއްޔަތާއެކު މޯދީ ވަނީ ބޮޑެވަޒީރުކަމުގެ މަގާމު ދިފާއުކުރައްވައިފަ އެވެ. -- ފޮޓޯ: އީޕީއޭ
0%
100%
0%

އެކި ދިމަ ދިމާއިން ހިސާބުތައް ޖަހަމުންދަނިކޮށް، އެ އެންމެނަށް ގޮންޖައްސަވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވަނީ އަނެއްކާވެސް އިންޑިއާގެ ސިޔާސީ ތާރީހުން ޖާގަ ހޯއްދަވައިފަ އެވެ. މީގެ ފަސް އަހަރު ކުރިން، މޯދީގެ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ހޯދި ތާރީހީ ކާމިޔާބީ ތަކުރާރު ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ނަމަވެސް، ހަ ހަފުތާއަށް ދިގު ދެމިގެން ދިޔަ ދުނިޔޭގެ އެންމެ ބިޔަ ޑިމޮކްރެޓިކް ހަރަކާތުގެ ނަތީޖާތައް އަންނަން ފެށިތާ ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި މަންޒަރު ސާފުވެގެން ދިޔަ އެވެ. ބީޖޭޕީއަށް 2014 ވަނަ އަހަރު ލިބުނު ކާމިޔާބީ ތަކުރާރު ކުރީއެއް ނޫނެވެ. ގާތްގަނޑަކަށް 350 ގޮނޑިއާއެކު އެއަށްވުރެ ތަނަވަސް އަޣުލަބިއްޔަތެއް ހޯދައިގެން މޯދީ އިސްވެ އެ ޕާޓީން އިންޑިއާގެ ސިޔާސީ ތާރީހު އަލުން ލިޔުނީ އެވެ.

ވޯޓު ދިނީ ޕާޓީއަކަށް ނޫން، ސީދާ މޯދީއަށް

ވޯޓުލުމުގެ ހައްގު ލިބިފައިވާ 900 މިލިއަން މީހުންގެ އާބާދީއަށް ސިޔާސަތުތަކެއް ވިއްކުމަކީ ދިގު އަދި ދަތި މަސައްކަތެކެވެ. އެ މަނިކުފާނުގެ ފުރަތަމަ ދައުރުގައި މަތިވަމުންދިޔަ ވަޒީފާނެތް މީހުންގެ އަދަދާއި، މަޑުޖެހިފައިވާ އިގުތިސޯދުގެ ފާޑުކިޔުމުގެ ރައްދުގައި މޯދީ ކުޅުއްވީ ހަރުކަށި ހިންދޫ ގައުމިއްޔަތުގެ ރޫހާ އެވެ. އިދިކޮޅު އިއްތިހާދުގެ ކެމްޕެއިން ވެސް އަމާޒުކުރީ ސީދާ މޯދީ އަށެވެ. ނަމަވެސް، މޯދީ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ފާއިތުވި 60 އަހަރުގެ ތެރޭގައި އެކި ސަރުކާރުތަކުން ގައުމު ވައްޓާލާފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށް ފަސް އަހަރުގެ މުއްދަތެއް ނުފުދޭ ކަމަށެވެ. އެ މެސެޖު ރައްޔިތުންނާ ހަމައަށް ވަނީ ފޯރައިފަ އެވެ. އިންޑިއާއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކަކަށް ހައްލު ހޯދައި ދެއްވޭނީ މޯދީއަށް އެކަނި ކަމަށް ރައްޔިތުން ހިތުގެ އަޑިން ގަބޫލުކުރީ އެވެ.

އިންދިރާ ގާންދީ އަށްފަހު އިންޑިއާގައި އުފެދުނު އެންމެ މަގުބޫލު ސިޔާސީ ލީޑަރުގެ ލަގަބު މޯދީ މިހާރު ވަނީ ހޯއްދަވައިފަ އެވެ. -- ފޮޓޯ: އޭއެފްޕީ

ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ބީޖޭޕީއަށް ތާއީދުކުރާ މީހުންގެ ތިން ބައި ކުޅަ އެއްބައި ބުނެފައި ވަނީ މޯދީ ނެތްނަމަ ބީޖޭޕީއަށް ވޯޓު ނުދޭނެ ކަމަށެވެ.

އެ ދިރާސާއިން ސާފުވަނީ އެއް ކަމެކެވެ. އިންޑިއާއަށް އޮތް ހައްލަކީ ބީޖޭޕީ އެއް ނޫން ކަމެވެ. ސީދާ މޯދީ އެވެ. މީގެ ފަސް އަހަރު ކުރިން ރައްޔިތުން ނުކުމެ ވޯޓު ދިނީ ހިޔާނާތުގެ ހިޔަނި އެޅިފައިވާ ކޮންގްރެސް ޕާޓީއާ ދެކޮޅަށެވެ. އެހެނަސް، މި ފަހަރުގެ އިންތިހާބަކީ މޯދީއަށް އޮތް އިތުބާރު ރަމްޒުކޮށްދޭ ރައްޔިތުންގެ ނިންމުމެވެ. އިންދިރާ ގާންދީ އަށްފަހު އިންޑިއާގައި އުފެދުނު އެންމެ މަގުބޫލު ސިޔާސީ ލީޑަރުގެ ލަގަބު މޯދީ މިހާރު ވަނީ ހޯއްދަވައިފަ އެވެ. މިއީ 1971 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެއް ޕާޓީއަކުން ދެ ދައުރު ޖެހިޖެހިގެން މެޖޯރިޓީ ހޯދި ފުރަތަމަ ފަހަރެވެ. މި ނަތީޖާއަކީ ސީދާ މޯދީގެ ކާމިޔާބީ އެކެވެ. މުޅީން "އާ އިންޑިއާ" އެއް ބިނާ ކުރުމަށް އެމަނިކުފާނުގެ ތަސައްވަރު އާންމުން ބަލައިގެންފައިވާ މިންވަރުގެ ސާފު ދަލީލެކެވެ.

ސަރަހައްދީ ޕާޓީތަކުގެ ނުފޫޒު ފަނޑުވަނީ

ބީޖޭޕީގެ މަގުބޫލު ލީޑަރު އަމީތު ޝާހްގެ އެހީތެރިކަމާއެކު މޯދީ ވަނީ އިންޑިއާގެ ޒަމާންވީ ސިޔާސީ "ތަނބު" ތަކަށް ލޮޅުން އަރުވާލައްވައިފަ އެވެ. ވަރަށް ރޭވުންތެރިކަމާއެކު މޯދީ ވަނީ ގައުމިއްޔަތާއި ތަރައްގީގެ ސިޔާސަތުތައް އެއްތަން ކުރައްވައިފަ އެވެ. މަގު ހެދުމާއި، ފާހާނާ އަޅައިދިނުން ފަދަ ފަގީރުންގެ އާބާދީގެ ހިތާ ގުޅިފައިވާ ވައުދުތަކުން ޒަމާންވީ ސަރަހައްދީ ޕާޓީތަކުގެ ނުފޫޒަށް ބީޖޭޕީން ވަނީ ހިޔަނި އަޅުވާލައިފަ އެވެ. ޕާލިމަންޓުގެ ތިރިގެއަށް އެންމެ ގިނަ މެމްބަރުން އިންތިހާބުކުރާ އުއްތަރު ޕްރަދޭޝް އިން މޯދީގެ ޕާޓީން 2014 ވަނަ އަހަރު ހޯދި ތަނަވަސް އަޣުލަބިއްޔަތު ތަކުރާރުކުރިޔަ ނުދޭން އެ ސަރަހައްދުގައި ނުފޫޒު ގަދަ ދެ ޕާޓީން މިފަހަރު އެއް ގަލަކަށް އެރި އެވެ.

އާންމު ގޮތެއްގައި އެ ދެ ޕާޓީއަށް ކަށަވަރުވާ ވޯޓުތައް ވެސް މޯދީ ވަނީ އަނބުރާލައްވައިފަ އެވެ. އެ ޕާޓީތަކަށް އޮތް ޒަމާންވީ އިތުބާރު ގެއްލި ބޭވަފާތެރިވީ އެވެ. މޯދީ ހުށަހެޅުއްވި އިގުތިސޯދީ ތަސައްވަރުގެ މަގުބޫލުކަން ބޮޑުވީ އެވެ. އެ މީހުންގެ ހިތްތައް ވެސް މޯދީ ފަތަހަ ކުރެއްވީ އެވެ.

މީގެ 20 އަހަރު ކުރިން، އަތުލް ބިހާރީ ވަޖުޕާއީގެ ބޮޑުވަޒީރު ކަމުގައި، ބީޖޭޕީގެ އަމާޒަކަށްވީ އިއްތިހާދު ސަރުކާރެއްގެ މައި ޕާޓީގެ މަގާމުގައި އޮތުމެވެ. އެތެރޭގެ ކޯޅުން ކުޑަކޮށް އިއްތިހާދު ސަރުކާރެއްގެ ތެރެއިން ވެރިކަން ކުރުމެވެ. އެހެނަސް މޯދީގެ ބީޖޭޕީގެ އަމާޒު ވަރަށް ތަފާތެވެ. ކުޑަކޮށްވެސް ދޫ ދިނުމެއް ނެތެވެ. މިހާރު ބީޖޭޕީއަކީ ހަމައެކަނި އިންތިހާބުތަކާ ދިމާކޮށް ދިރުން އަންނަ ޕާޓީއެއް ނޫނެވެ. އަބަދުވެސް އޮންނަނީ ކެމްޕެއިނު މޯޑުގަ އެވެ. ކެނޑިނޭޅި ސަޕޯޓު ހޯދަނީ އެވެ. ޕާޓީގެ ތަސައްވަރާއި ސިޔާސަތުތައް ވިއްކުމުގައި ވަރުބަލިވުމެއް، މަޑުޖެހުމެއް ނެތެވެ.

އަނެއްކާވެސް ކޮންގްރެސް ޕާޓީއަށް ބޮޑު ލަދެއް

މި އިންތިހާބުގައި ބީޖޭޕީގެ ކާމިޔާބީއަށް ވުރެ، އިދިކޮޅު ކޮންގްރެސް ޕާޓީގެ ނާގާބިލުކަން ބޮޑު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ވިދިވިދިގެން ދެ އިންތިހާބުގައި މޯދީގެ ބީޖޭޕީން ވަނީ ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ ލަދުގަންނަވާލައިފަ އެވެ. އެއް ޒަމާނެއްގައި އިންޑިއާގެ އެންމެ ނުފޫޒު ގަދަ ޕާޓީގެ ސަޕޯޓް ދުވަހެއް ދުވަހަކަށް ދަނީ ފަނޑުވަމުންނެވެ. ބީޖޭޕީގެ ހިޔަނި ފެތުރޭ ވަރަކަށް، ހާއްސަކޮށް އާބާދީ ބޮޑު ސަރަހައްދުތަކުގައި އިންޑިއާގެ އެންމެ ދުވަސްވީ ޕާޓީގެ ތާއީދު ދަނީ ގެއްލެމުންނެވެ.

ރާހުލް ގާންދީގެ ކޮންގްރެސްގެ ޕާޓީއަށް ވަނީ ޖެހިޖެހިގެން ދެ އިންތިހާބުގައި ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފައި. -- ފޮޓޯ: ގެޓީ އިމެޖަސް

އުއްތަރު ޕްރަދޭޝް، ބިހާރު އަދި ވެސްޓް ބެންގޯލް ފަދަ ސްޓޭޓުތަކުގައި ކޮންގްރެސްގެ ވަހެއް ވެސް ނެތެވެ. ދެކުނުގެ ސްޓޭޓުތަކުގައި ވެސް އެ ޕާޓީއަށް އޮތީ ހަމަ އެފަދަ ހާލެކެވެ. މޯދީގެ ބީޖޭޕީއާ ހިލާފަށް ކޮންގްރެސް ޕާޓީގައި ރޭވުންތެރިކަމެއް ނެތެވެ. ދުރުރާސްތާގެ ޕްލޭނެއް ނެތެވެ. ގާންދީ އާއިލާއިން ޕާޓީ ނެރެ ޒުވާން ލީޑަރުންނަށް ފުރުސަތު ދިނުން ވަނީ މާބޮޑަށް ވެސް ލަސްވެފަ އެވެ. މޯދީގެ ބީޖޭޕީއާ ވާދަކުރަން ކޮންގްރެސް ޕާޓީ އަލުން "ވުޖޫދު" ކުރަން ވަނީ ޖެހިފަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ތަލަ

މިރާއްޖޭގައި މިއުޅެޭ ވަގުންގެ ބައިގަނޑު (އެމްޑީޕީ) އާއި ނުރަމޯދީ އިންތިޚާބު ތަކުގައި ވައްކަންކުރަނީ ދާދި އެއްގޮތަކަށް ހުސް މަކަރު ހުސްއޮޅުވާލުން މިކުރާވައްކަން ވަރަށް އަވަހަށް ފަޅާއަރާނެ ! މީ ހިތި ނިމުމެއް އޮތް ދެގުރޫޕް އިންޝާﷲ!

ސައީދު އުމަރު

ވަގެއްތޯ ދިގެއްތޯ ބަލާކަށސް ނުޖެހޭ.....އިންތިހާބް ކާމިޔާބުކުރީމަ ނިމުނީ..... އެއީ ސިޔާސީ ކަންކަން އޮންނަގޮތަކީ...އަދި އޮންނާނެވެސް ގޮތަކީ.

ގެރިބޭ

އެއީ ސިޔާސީ އންގިލާބެއް ގެނައި މީހެއް ނޫން. ކެމްޕޭން ގަ މޯޑީ އަދި ބީޖޭޕީ ވެސް މުޅިން ވެސް ވިއްކީ "ހިންދޫ - މުސްލިމް" .. ހިންދޫ ޚަތްރޭމޭހޭ.. މޯޑީ އަކީ 2002 ގެ ގުޖުރާތު ގަތުލު އާމްމުގެ އަޑީގައި ހުރި ކަމަށް ބެލެވޭ ފަރާތް. މި ފަހަރު ގެ އިންތިޚާބު ގައި އެބަ ހުރި ހޮވާފަ ޓެރަރިޒަމް ދައުވާ ލިބޭ މީހުންނާ ރޭޕިސްޓުން ވެސް. ހަމަ އެކަނި ސަބަބަކީ އެމީހުން ނަކީ މުސްލިމުން ނާއި އިދިކޮޅު ހަރުކަށި ހިންދޫން ނަށް ވީކަން. ވޭތު ވެދިޔަ ދައުރު ދާއިރާ އަށް ކޮށްދިނީ ކޮން ކަމެއް ތޯ ނޫސްވެރިއަކު ސުވާލު ކޮށް ލައިފިނަމަ އެމީހުން ދޭނެ ޖަވާބެއް ނޭނގުނީމަ ގޮވާލަނީ " ޖައި ޝްރީ ރާމް" ( އަނޫޕަމް އޭނާގެ އަންހެނުން ކިރަން ގެ ކެމޕޭންގަ) . އެހެން ގޮވާލީމާ ރީޒަނަބަލް ޖަވާބެއް ނުލިބުނަސް ހަރުކަށި ހިންދޫން އުފާވާނެ. އިންތިޚާބު ކާމިޔާބު ކުރެވުނީ މުސްލިމުން ނާ އިދިކޮޅު ނަފްރަތު ފަތުރައިގެން. ބީޖޭޕީ ގެ ރައީސް އަމިތް ޝާހު ބުނެފައިވޭ އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ ހުރިހާ މުސްލުމުން ކަނޑަށް އަޅާލާނެ ކަމަށް.

ދަވޭ

ކޮންގްރެސް ޕާރޓީ އަށް މިފަހަރު އިންތިޚާބު ނާކާމިޔާބުވީ އެއީ ކޮންގްރެސް ގެ ކަލްޗަރއެއް އެއީ ވާ ވައުދު ތައް ނުފުއްދުން އެކަން ފެނިގެން ދާނެ މިރާއްޖޭގެ އެމްޑީޕީގެ ފަރާތުން ވެސް އެމެންގެ ވެރިކަމަށް ހަގީގަތުގައި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 9 މަސް ދުވަސް ވެއްޖެއޭ ރައްޔިތުންނާއި ގުޅިފައިވާ ބޮޑެތި ޑްރީމްސް ތައް ކަމުގައިވާ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ނުދީ ބޭރުމީހުންނަށް ދޭއިރު ވެސް ސަރުކާރުން

ދިވެހި ގުޖްރާތީއެއް

މޯދީ އަކީ ވަގެއް.. ގުޖުރާތް ގައި 2002 ވަނައަހަރު ހިންގި ނަސްލުނައްތާލުން ނުވަތަ ޖެނަސޮއިޑް ހިންގާ އެތަކެއްސަތޭކަ އަންހެނުން ކުޑަކުދިން ހިމެނޭ ގޮތުން މުސްލިމުންނާ އެތައްސަތޭކަ ބަޔަކު ކަތިލުމުގެ ހުރިހާކަމެއް ރާވާ ހިންގާ ފައިސާ ޙަރަދުކުރި ގާތިލަކީ މޯދީ މޯދީ އަކީ ހިޓްލަރ ފަދަނުބައި ނުލަފާ ދައްޖާލެއް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910