ކުޅިވަރު

ގަމު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ގޯޅި ކުލަބަށް

ކޮންމެ އަހަރެއްގެ ރަމްޟާން މަހު، ލ. ގަމުގައި ބާއްވާ، މަތިވަރު ފުޓްސަލް ޗެލެންޖުގެ، މިއަހަރުގެ ޗެމްޕިއަންކަން ގޯޅި ސްޕޯޓްސް ކުލަބު ހޯދައިފި އެވެ.

ފައިނަލުގައި، ގޯޅި ސްޕޯޓްސް ކުލަބާ ދެކޮޅަށް ވާދަ ކުރީ، ކަންމަތި ސްޕޯޓްސް ކުލަބެވެ. ގޯޅި ކުލަބުން މެޗު ކާމިޔާބު ކުރީ 2-1 ންނެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގޯޅީގެ ހުސައިން ޝަރީފެވެ.

ގަމުގެ އިތުރުން ވެރިކަން ކުރާ ރަށް ފޮނަދޫ އާއި ލ. މުންޑޫ އަދި ސިކްސް ސެންސަސް ލާމް ރިޒޯޓުން ވާދަ ކުރި ޓީމުތަކާއެކު ޖުމުލަ 19 ޓީމުން މުބާރާތުގައި ވާދަ ކުރި އެވެ. ޗެމްޕިއަން ގޯޅި ސްޕޯޓްސް ކުލަބަށް ވަނީ، 30،000 ރުފިޔާ ފައިސާގެ އިނާމެއް ދީފަ އެވެ. ރަނަރަފް ކަންމަތި ސްޕޯޓްސްއަށް 10،000 ރުފިޔާ އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ސިކްސް ސެންސަސް ލާމް ރިޒޯޓުން ވާދަ ކުރި ޓީމު 'ސިކްސް ސެންސަސް ލާމް' އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ގޯޅި ސްޕޯޓްސް ކުލަބު ގެ ޔާމީން މުހައްމަދެވެ.

ޔޫތު، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ޝަރަފުވެރި ކޮށްދެއްވި ފައިނަލު މެޗަށް ފަހު ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލު ކޮށްދެވީ މަހްލޫފެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން

  • އަހްމަދު ސޮބާހް - ސިކްސް ސެންސަސް ލާމް
  • ޔާމީން މުހައްމަދެ - ގޯޅި ސްޕޯޓްސް ކުލަބު
  • ހުސައިން ނާޝިދު - ގޯޅި ސްޕޯޓްސް ކުލަބު
  • އިބްރާހިމް އަޝްވަދު - ކަންމަތި ސްޕޯޓްސް ކުލަބު
  • އިބްރާހިމް ފަރުހާން - އައުޓް ރީފް

ހައްދުންމަތީ ޕޮލިސްޓޭޝަންގެ ޔޫތު ފޯރ ސޭފާ ކޮމިޔުނިޓީ އާ ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތުން، މި އަހަރު ވާނީ ހާއްސަ ކަމެއް ފެނިގެން ގޮސްފަ އެވެ. އެއީ ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗަށް ދޭ އިނާމާއި، މުބާރާތުން ފޯރުކޮށްދޭ ހިތްގައމު މެސެޖެވެ.

މުބާރާތް ކުރިއަށް ގެންދިޔަރު މުޅި މުބާރާތް އަމާޒު ކޮށްފައި ވަނީ، ޓްރެފިކް ގަވާއިދުތަކާއި މަގުމަތީގެ އަދަބު ތަކަށް އަހުލުވެރި ކުރުމުގެ މައްޗަށެވެ. ޓްރެފިކް ގަވާއިދުތަކަށް އަހުލުވެރި ކުރުމަށް ދޭ މެސެޖުތަކުގެ ބެނާތައް މުބާރާތް ކުޅޭ ދަނޑުގެ އެކި ސަރަހައްދުގައި ވަނީ ހަރުކޮށްފަ އަދި މެޗުތައް ކުޅެމުން ދިޔައިރުވެސް އެ މެސެޖު ލިބޭނެހެން އަޑުގަދަ ކުރާއިން އެ މެސެޖުތައް ފޯރުކޮށް ދެމުން ގެން ދިޔަ އެވެ.

ލ. އަތޮޅުގެ އެތައް ސަތޭކަ ޒުވާނުން ކޮންމެ ދުވަހެއްގައި ލާމް ލިންކު ރޯޑްގެ ބޭނުން ހިފާއިރު، ލާމް ލިންކު ރޯޑްގައި ސައިކަލް ދުއްވާނަމަ، ހެލެމެޓް އެޅުމަށް މިހާރު ވަނީ ގަވާއިދު ތަންފީޒު ކޮށްފަ އެވެ. ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗަކަށް އިނާމެއްގެ ގޮތުގައި ދީފައި ވަނީ ހެލްމެޓެކެވެ.