ރޯދަ މަހާ ރޯއްޖާ

ރޯދަމަހުގެ ތަޖުރިބާއިން އަލުން ފަށާ!

ރޯދަ މަހުގެ ދުވަސްތައް ވޭތުވެގެން ދާ ގޮތް އަވަސް ކަމަށް ފާހަގަ ކުރެވޭ ހެއްޔެވެ؟ ހީވަނީ އިއްޔެ ރޯދައަށް ހަނދު ބަލައިގެން އުޅޭ ހެންނެވެ. ނަމަވެސް މިހާރު ރޯދަމަސް ނިމެން މިއޮތީ ކައިރި ވެފައެވެ. މި ދިހަވަރަކަށް ދުވަހުގެ ތެރޭގައި ވެސް ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ދަސްވި ކަންކަން ބޭނުން ކޮށްގެން ދިރިއުޅުން ހަރުދަނާ ކުރުމަށް ހެޔޮ ބަދަލެއް ގެނެވިދާނެ އެވެ.

ގަނޑުކޮށް އެއްޗެހި ގަތުން

ރޯދަމަސް ފެށުނު އިރު ފެނުނީ މުޅި މާލޭގެ މަގުތައް ފުރިފައިވާ މަންޒަރެވެ. ގޭގެއަށް ގަނޑުކޮށް ކާބޯތަކެތި ގަނެގެން ވެއްދި މަންޒަރެވެ. އަލުއްވާއި ފިޔާ، ބިސް މިހެން ގޮސް ބޭނުން ވާނެހެން ހީވާ ވަރަށް ގިނަ އެއްޗެހި ގަނޑުކޮށް ގަނެގެން ގެއަށްވެއްދި ތަން ފެނުނެވެ. ބާޒަރަށް ދިއުމުގައި ހޭދަވާ ވަގުތު ކުޑަ ކުރުމަށް ތަކެތި ގަތުމުގައި ގަނޑުކޮށް ގަނުމަށް އާދަ ކުރެވިދާނެ އެވެ. މިގޮތަށް ކާބޯތަކެތި ގަތުމުގެ އެންމެ ބޮޑު އެއް ފައިދާ އަކީ މީލް ޕްލޭން ކުރުމެވެ. އަދި މީގެ ސަބަބުން ކާބޯތަކެއްޗާ ހޭދަވާ ފައިސާ ސޭވް ކުރެވިދާނެ އެވެ.

ގުޅުން ބަދަހި ކުރުން

ރޯދަމަހަކީ އެކަކު އަނެކަކާއި އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދާ މަހަކަށް ވެއެވެ. ރޯދަ ވީއްލުމަށް ހަދާތަކެތި ތަށިބަރިއަށް ލައިގެން އަވަށްޓެރިޔާއާ ބަދަލު ކުރުމާއި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މާހެފުމާއި، އާއިލީ ރޯދަ ވީއްލުންތަކުގައި އާއިލާގެ އެކި މީހުންނާއި ދިމާވާ މަހެއްކަމުގައި ވެސް އޮންނަނީ ވެފައެވެ. ރޯދަ މަސް ނިމިގެން ދިޔައަސް މި ގުޅުންތަށް ދަމަހައްޓަން މަސައްކަތް ކުރަންވީ އެވެ. އެކަކު އަނެކަކާއި އޮންނަ މި ގުޅުން ބަދަހިކުރުމަށް އީދު ހަދިޔާ ބަދަލު ކުރުމާއި އީދު ކާޑުގެ ސަގާފަތް ދެމެހެއްޓިދާނެ އެވެ.

އިސްރާފު ކުރުމާއި ދުރުވުން

ރޯދަމަހު އެކި ގަޑިތަކަށް ވަރަށް ތަފާތު އެކި އެކި ކާނާގެ ބާވަތްތަށް ތައްޔާރު ކުރާ މަހަކަށް އޮންނަނީ ވެފައެވެ. ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ގޭގައި ކާބޯތަކެތި ގިނަ ނުވާނެ މިންވަރު އަންދާޒާ ކޮށްލެވޭނެ އެވެ. މުޅި ބާޒަރު އެކީ ގެއަށް ގެންގޮސް މޮޅު ޑިޝްތަކެއް ތައްޔާރުކޮށް ނިންމާލާއިރު ކާނެ ބަޔަކު ނެތި ޑަސްޓްބިނަށް އަޅައިލަން ޖެހުމަކީ ރޯދަމަހުގެ ރޫހާ ހިލާފު ކަމެކެވެ. އިސްރާފު މަދުކުރެވޭނެ އުކުޅުތައް ބޭނުން ކުރުމުގެ ގޮތުން އެއްދުވަހު ކައްކާ ރިހަ ފަދަ ތަކެތި ފްރިޖަށްލާ ޖެހިގެން އަންނަ ދުވަހު ބޭނުން ކުރުމާއި ހެދިކާ ފަދަ ތަކެތިވެސް އަލުން ހޫނު ކޮށްގެން ބޭނުން ކުރެވޭ ގޮތަށް ރައްކާ ކުރެވިދާނެ އެވެ.

ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ރޯދަވީއްލަން ދަމާފައި އޮންނަ ބޮޑު ބުފޭތަކުން ރޯދަ ވީއްލުމަށް ގޮސް ހަދާއިރު ނުކެވޭ ވަރަށް ތަށިތައްޓަށް ވަރަށް ގިނަ ބާވަތް އަޅައި ނުކެވި ބޮޑު އިސްރާފަކަށް ވެގެންދެ އެވެ. މި ނުރަނގަޅު އާދާ އާއި ދުރުވުމަށް މިހާރުން ފެށިގެން މަސައްކަތް ކުރަންވީއެވެ.

ކެއިންބުއިން އަދިވެސް ކޮންޓްރޯލް ކުރެވިދާނެ

ރޯދަވީއްލާގަޑީގައި ފޮނި ގަދަކޮށް ބޯލާ ތަފާތު އެކި ފަނީގެ ބަދަލުގައި ހަކަރު މަދުކޮށް ގްރީކް ޔޯގަޓާއި ތާޒާ މޭވާ އާއި ތަރުކާރީ އަޅައިގެން ހަދާ ސްމޫތީއާ ދިމާލަށް ދާންވީ އެވެ. މީގެ ސަބަބުން ހަށިގަނޑުގައި ބޭނުންވާ ވަރަށް ވުރެ އިތުރަށް މި ފަނިތަކުން ލިބޭ ބޭކަރު ހަކުރާއި ކެލަރީ އިތުރުވުމުން ދުރުކޮށްދޭނެ އެވެ.

ފަހުގެ ޓްރެންޑްތަކުގައި ހަށިގަނޑުގެ ބައްޓަން ރީތި ކުރުމަށް މިކިޔާ "އިންޓަމިޓެންޓް ފާސްޓިން" އަކީ އަހަރުމެންނަށް އާ އެއްޗެއް ނޫނެވެ. ރޯދައިގެ މަތިވެރި އަޅުކަމާއި އެކު އަހަރުމެން ރޯދައަށް ހުރެ މެދު މިނަށް ކެއުމުން މިކަން ހާސިލްވީ އެވެ. އެހެންކަމުން މި ރޯދަމަހު ބާކީ އޮތް ބައިގައި އެއްފަހަރާ މާ ގިނައިން ނުކައި މެދުމިނަށް ކެއުމަށް ވިސްނަންވީ އެވެ.

ގެއިން ކާން އާދަކުރުން

ރޯދަވީއްލުމަށް ހަދާ ހެދިކާއި އެކި އެކި ސަމާނާއެކު ބޭރަށް ކާންދިއުން މި އޮންނަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެހެންކަމުން މި އާދަ ރޯދަ ނިމުމުންވެސް ހިފަހައްޓާލަންވީ އެވެ. އަދި މި ފައިސާ ސޭވް ކުރުމުން ފަހުން މާ ބޭނުންތެރި ގޮތަކަށް ނުވަތަ ކަމެއް ޖެހޭ ހާލަތެއްގައި އަތުގައި އެއްޗެއް އޮންނާނެ އެވެ.

ފިތުރު ޒަކާތަށް ސަމާލުވުން

ރޯދަމަހު ނިމެން ކައިރިވާ ވަރަކަށް އެންމެ މުހިންމު އެއް ކަމަކަށް މި އޮތީ ފިތުރު ޒަކާތް ދެއްކުމެވެ. މިހާރު ފިތުރު ޒަކާތް ދައްކަންދާކަށް ކިއު ހަދާކަށް ނުޖެހެއެވެ. އޮންލައިންކޮށް ފަސޭހައިން ދައްކާލެވޭއިރު މިކަމަށް ކޮންމެހެން ވެސް ހާއްސަ ސަމާލުކަމެއް ދީގެން ނިންމާލަން ޖެހެ އެވެ. ޒަކާތަށްފަހު ވެސް އަހަރުމެންގެ ތެރޭގައި ވަރަށް ހާލުގައި އެތަކެއް މީހުން އުޅޭކަން ދަނެ ސޮދަގާތް ކުރުމަށް އަބަދުވަސް ސަމާލުވާންޖެހެ އެވެ.

އީދަށް ތައްޔާރުވުން

އީދުގައި ރަށަކަށް ދާނަމަ މިހާރުންސުރެ އީދާއި ގުޅޭ އެކި އެކި ވިޔަފާރިއާއި ކަންކަން ނިންމުމުން އެންމެ ފަހުވަގުތުގައި އުޅުމުން ކާރޫބާރޫބޮޑުވެ އެތައް ވަގުތެއް ދެއެވެ. އެންމެންނަށް އީދު ހަދިޔާ ގަތުމާއި އީދު ނަމާދަށް ދާން ލާނެ އީދު ހެދުމެއް ހޯދުމަށް މިހާރުންސުރެ އުޅެންވީ އެވެ.

އީދާއި ގާތްވާ ވަރަކަށް ބާޒަރު މަތި އިތުރަށް ބާރުބޮޑު ވެ އެވެ. އެ ދުވަސްކޮޅު އީދަށް ބާޒަރުކުރަން ބޭނުން ނޫންނަމަ މިހާރު އެކަމާއި އުޅެންވީ އެވެ.