ކުޅިވަރު

ބެޑްމިންޓަން އޭޝިއާގެ ސެކެޓްރީ ޖެނަރަލްއަކަށް މޫސަ

އޭޝިއާގެ ބެޑްމިންޓަން ކޮންފެޑްރޭޝަންގެ ސެކެޓްރީ ޖެނަރަލް ކަމަށް، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިންތިހާބުވެ ވަޑައިގެންފި އެވެ.

ޗައިނާގައި މިއަދު ފެށި ބެޑްމިންޓަން އޭޝިއާގެ އަހަރީ އާންމު ޖަލްސާގައި، ޖެނަރަލް ސެކެޓްރީ ހޮވުމަށް ބޭއްވި އިންތިހާބުގައި މުސަ އާ ވާދަ ކުރެއްވީ، ޓައިވާން ބެޑްމިންޓަން އެސޯސިއޭޝަންގެ ޗެއާމަން ޓޮންގް ވައި ލުން އެވެ.

ސެކެޓްރީ ޖެނަރަލްގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތި ލެއްވި ނަމަވެސް އިންތިހާބަކާ ހަމަޔަށް ދިޔައިރު ދެ ބޭފުޅަކު ވަނީ ނަން ނަންގަވާފަ އެވެ. އޭޝިއާގެ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާމަން ކަން ވެސް ކުރަމުން އަންނަ، މުސަ އިންތިހާބު ކާމިޔާބު ކުރީ 27 ވޯޓް ހޯދައިގެންނެވެ. ލުން އަށް ލިބިވަޑައިގެންނެވީ 13 ވޯޓެވެ.

ބެޑްމިންޓަން އޭޝިއާގެ އިސް މަގާމަށް، މޫސަ އިންތިހާބު ވެވަޑައިގެންނެވުމުން، ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

މޫސަ އަކީ ދުނިޔޭގެ ބެޑްމިންޓަން ފެޑްރޭޝަން ކައުންސިލް މެންބަރެކެވެ. އޭނާ އެ މަގާމަށް އިންތިހާބު ވެވަޑައިގެންނެވީ މެއި 2017 ގައި އޮސްޓްރޭލިއާގެ ކްއީންސްލޭންޑްގެ ގޯލްޑްކޯސްޓްގައި ބޭއްވި ކޮންގްރެސްގަ އެވެ.