ލ. ހިތަދޫ ކައިރިން ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް އިއްޔެ ފެނުނު ރާއްޖެ އިން ބޭރުގެ އުޅަނދަކީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ކުންފުނީގެ އުޅަނދެއް ނޫން ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއާ ހަވާލާދީ ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ގަވައިދާ ހިލާފަށް ވެލި ބަރުކޮށްފައި އޮތް ބޭރުގެ އުޅަނދެއް ފެނިގެން ފުލުހުންނާއި ކަސްޓަމްސުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
އެ އުޅަނދަކީ ސިނަމާލެ ބްރިޖްގެ މަސައްކަތްކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ އުޅަނދެއް ކަމަށް އެ އުޅަނދު ދުއްވާފައި ވަނީ ވެސް ހުއްދަ ނުހޯދާ ކަމަށް ކަސްޓަމްސް އިން ވެސް ވަނީ ބުނެފައެވެ.
ނަމަވެސް ޗައިނާ އެމްބަސީއާ ހަވާލާދީ ފުލުހުން މިއަދު ބުނީ އެއީ ސީސީސީސީ ކުންފުންޏާ ގުޅުން ހުރި އުޅަނދެއް ނޫން ކަމަށާއި އެ އުޅަނދަކީ ސީސީސީސީގެ ސަބް ކޮންޓްރެކްޓް ކުންފުންޏަކުން ގެނައި އުޅަނދެއް ކަމަށެވެ، އަދި އެ ސަބް ކޮންޓްރެކްޓް މިހާރު އުވާލާފައިވާ ކަމަށާއި އެ އުޅަނދު ނިސްބަތް ވަނީ ހުންނާން އައުބޯ ޓެކްނޮލޮޖީ ލިމިޓެޑަށް ކަމަށެވެ.