ނައުޝާގެ ހެލްތު ކޮލަމް

އެޕިލެޕްސީ ހުންނަ މީހުން ފިޓްޖެހެނީ ކީއްވެ؟

ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ފުރިހަމައަށް މަސައްކަތް ކުރުންމަތީ ދެމެހެއްޓުމަށް ސިކުނޑި އެތަކެއް ސިގްނަލްއެ މި ގުނަވަންތަކަށް ފޮނުވާ އަދި ބަލައިގަނެ އެވެ. މި ނިޒާމަށް ކޮންމެވެސް ސަބަބަކާ ހުރެ ބުރުލެއް އަރައިފިނަމަ ސިނކުޑީގެ ބައެއް ފުރިހަމައަށް މަސައްކަތް ކުރަން ހުރަސްއަޅަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފިޓު ޖެހުމަށް މެދުވެރިވެ އެވެ.

ފިޓު ޖެހުމަކީ ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ވެސް މެދުވެރިވާ ސިއްހީ މައްސަލައެކެވެ. ފިޓް ޖެހޭއިރު ފާހަގަ ކުރެވޭ ބައެއް އާންމު އަލާމާތްތަކުގެ ތެރޭގައި ވެއްޓި، އަތް ފައި ހަރުވެ، ކޮންޓްރޯލެއް ނެތި ހަށިގަނޑު ތެޅުން އަދި އެ ނޫން ކުއްލި ހަރަކާތްތައް ފެނެ އެވެ. އަދި ހޭނެތުން ވެސް އެކަށީގެން ވެއެވެ.

ހުން ގަދަ ވުން ފަދަ ސިއްހީ މައްސަލައެއްގެ ސަބަބުން ފިޓު ޖެހުމަކީ, އިތުރު މައްސަލަތަކެއް މެދުވެރި ނުވާ ނަމަ މާ ބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް، އިތުރު އަލާމާތެއްނެތި ފިޓު ޖެހުމަކީ ސަމާލުވާންޖެހޭ ސިއްހީ މައްސަލައެކެވެ. އެގޮތުން އިތުރު ސިއްހީ މައްސަލައެއް ނެތި ގިނަ ގިނައިން ފިޓު ޖެހޭނަމަ އަދި ފިޓުޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ޑޮކްޓަރުންނަށް ލަފާ ކުރެވޭނަމަ މިއަށް ކިޔަނީ އެޕިލެޕްސީ އެވެ.

އެޕިލެޕްސީ ހުންނަ މީހުން ފިޓް ޖެހޭ ސަބަބުތައް

ހުން ގަދަވުން، ހަށިގަނޑުން ހަކަތަ މާބޮޑަށް މަދުވުން އަދި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކަންކަމަކީ ފިޓު ޖެހުމަށް މެދުވެރި ކުރުވައިފާނެ ކަންކަމެވެ. މިއާ ހިލާފަށް އެޕިލެޕްސީ ހުންނަ ފަރާތްތަކަކީ ވަކި މިފަދަ ސަބަބެއް ނެތި ފިޓް ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތަކެވެ. ނަމަވެސް މިފަދަ ފަރާތްތަކަށް ވެސް ބައެއް ކަންތައްތައް މެދުވެރިވުމުން ފިޓް ޖެހުމުގެ ފުރުސަތު އިތުރަށް ބޮޑު ކަމަށް ފާހަގަ ކެރެވިފައިވެ އެވެ.

  • އެޕިލެޕްސީއަށް ބޭނުންކުރާ ބޭސް ގަވައިދުން ނުކެއުން
  • ހަމަ ނިދި ނުލިބުން އަދި މާބޮޑަށް ވަރުބަލިވުން
  • ކަންކަމާމެދު ފިކުރު ބޮޑުވުން
  • މައްސަރު ކަންތަކާ ގުޅިގެން ފިޓުޖެހުން
  • ގަޑިން ގަޑިއަށް ނުކެއުން
  • ރަގަޅަށް ނުކެއުން
  • ގަދަ އަލި (ފްލޭޝް)
  • އަޑުގަދަ މާހައުލުތައް

އެޕިލެޕްސީ ހުންނަ ފަރާތްތައް އާންމުކޮށް ފިޓު ޖެހެން މެދުވެރި ކުރުވާ ވަކި ކަންތައްތަކެއް ވޭތޯ ދެނެގަތުމަށް ފިޓުޖެހުމުގެ ކުރިން ހުރި މާހައުލާއި މެދުވެރިވި ކަންކަމާމެދު ސަމާލުވުން މުހިންމެވެ. ހާއްސަކޮށް އެޕިލެޕްސީ ހުންނަ ނުވަތަ ގިނައިން ފިޓު ޖެހޭ ކުޑަ ކުދިންގެ ބެލެނިވެރިން މިފަދަ ކަންކަމާ މެދު ސަމާލުވާން ވާނެ އެވެ.

މިސާލަކަށް އެޕިލެޕްސީގެ ވައްތަރެއް ކަމަށްވާ ފޮޓޯ ސެންސިޓިވް އެޕިލެޕްސީއަކީ އަލިގަދަ ލައިޓްތަކުގެ ސަބަަބުން ފިޓް ޖެހުމަށް މެދުވެރި ކުރުވާ ބާވަތެކެވެ. އެގޮތުން މާ ގިނައިން ޓީވީ، ކޮމްޕިއުޓާ ނުވަތަ އެނޫން ވެސް އަލިގަދަ ސްކްރީނަށް ބެލުން އަދި ޕޮޓޯ ނަގާއިރު ފްލޭޝް ކުރުން ފަދަ ކަންތަކުގެ ސަބަބުން މިފަދަ ކުދިންނަށް ފިޓް ޖެހުން ގާތެވެ. ވީމާ މިއީ ބެލެނިވެރިން ކޮންމެހެންވެސް ސަމާލުވުން މުހިންމު ކަމެކެވެ.

ފިޓު ޖެހުމުން ކަންތައް ކުރާނެގޮތް

ތިމާ ހުރި ތަނެއްގައި މީހަކަށް ފިޓް ޖެހިއްޖެނަމަ އެމީހަކަށް އަނިޔާއެއް ވިޔަ ނުދިނުމަށް ގާތުގައި ހުރުން މުހިންމެވެ. ފިޓު ޖެހޭއިރު ކޮޅަށް ހުރި ނަމަ ވެއްޓި ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ތަނެއްގައި ބޭންދުން ނުވަތަ ޖާގަ ހުރި ތަނެއްގައި ބޭއްވުމަށް ފަހު، ވަށައިގެންވާ މާހައުލުގައި އަނިޔާއެއް ލިބިދާނެ ތޫނު ނުވަތަ ބިއްލޫރި ފަދަ އެއްޗިހި ދުރުކުރުން ބުއްދިވެރި އެވެ. ފިޓް ޖެހޭ މީހާ ވަށައިގެން ވެސް މީހުން އެއްނުވެ ޖާގަ ދިނުން މުހިންމެވެ. އެއީ ފިޓު ޖެހޭއިރު ކުއްލި އަވަސް އަތްފައިގެ ހަރަކާތްތަކުގެ ސަބަބުން ވަށައިގެންވާ މާހައުލުގައިވާ އެއްޗަކުން އަނިޔާއެއް ވުމުން ސަލާމަތް ކުރުމަށެވެ. މީގެ އިތުރުން ގަދަކަމުން ހިފަހައްޓާ ނުހެދުން ވަރަށް މުހިންމެވެ. ގަދަ ކަމުން ފިޓު ޖެހޭ ފަރާތް ހިފަހަށްޓާ ހަދައިފިނަމަ އިތުރު އަނިޔާ ލިބުން ގާތެވެ.

އަދި ފިޓް ޖެހުން ފެށުނު ވަގުތު ބެލުން ވަރަށް މުހިންމެވެ. ފިޓް ޖެހެން ފެށިތާ ފަސް މިނެޓް ތެރޭގައި ރަނގަޅު ނުވެއްޖެ ނަމަ އެމްބިއުލެންސްއަކަށް ގުޅަންވާނެ އެވެ.

އަދި ކަރަށް ބާރުވެދާނެ ހެދުމެއް ނުވަތަ ޓައި ފަދަ އެއްޗެއް އަޅައިގެން ހުރި ފަރާތެއްނަމަ ކަރަށް ބާރު ވިޔަ ނުދިނުމަށް ދޫކޮށްލުން މުހިންމެވެ. އަދި ފިޓް ޖެހޭ ވަގުތު އެއްވެސް އެއްޗެއް އަނގަޔަށް ނުލުން މުހިންމެވެ. އެއީ ފެން ވިޔަސް ދޭން މަސައްކަތް ނުކުރާށެވެ.

ފިޓު ޖެހުން މަޑު ޖެހި ހަމައަކަށް އެޅެން ފެށުމުން އަރިއަކަށް (ރިކަވަރީ ޕޮސިޝަންގައި) ބޭއްވުން މުހިންމެވެ.

މިއީ ފިޓް ޖެހޭ ފުރަތަމަ ފަހަރުކަން އެނގިއްޖެނަމަ ކޮންމެހެން ވެސް އެމަޖެންސީކޮށް ޑޮކްޓަރަށް ދިއުން މުހިންމެވެ. އަދި މީގެ އިތުރުން ފިޓު ޖެހުމަށް ފަހު ނޭވާލާން އުނދަގޫވާ ފަރާތްތަކާއި އެއް ފަހަރަށް ވުރެން ގިނައިން އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފިޓު ޖެހުން ތަކުރާރުވާ ނަމަވެސް ލަސް ނުކޮށް ސިއްހީ ފަރުވާ ހޯދަން ވާނެ އެވެ. މީގެ އިތުރުން އެހެން ބައްޔެއް ވެފައިވާ ފަރާތަކާއި މާބަނޑު ފަރާތްތައް ވެސް އެމާޖެންސީ ސިއްހީ ފަރުވާ ހޯދުން މުހިންމެވެ.