(23 މެއި 2019 އާ ގުޅޭ)
"އެކެއް..." މަޑުމަޑުން ޒިޔަޒެލް ބުނެލި ހިނދު އޭނާއަށް ރައުލް ބަލާލިއެވެ. ކޮންމެވެސް ކަމެއްވެއްޖެކަން ރައުލް ދެނެގަތެވެ. ޒިޔަޒެލްގެ ވައަތްފަރާތުގައި ތިބި މީކާޢިލްއާއި އީޝަލްއަށް އޭނާ ބަލާލިއެވެ. ޒިޔަޒެލްއާއި މީކާޢިލް އެއްފަހަރާ ބަލާލީ އެމީހުންގެ ފަހަތަށެވެ.
ކުއްލިއަކަށް އިހުނަށްވުރެ ޒަގަންގެ ލަޝްކަރުގެ ހޯބޯލެވުން ގަދަވެއްޖެއެވެ. އެމީހުންގެ ހަތިޔާރުތައް ތަޅަމުންދިޔަ އަޑުފަށްގަނޑު ވެސް މެއެވެ. ހީވީ ކާމިޔާބެއްގެ ކޮޅުމަތި ފެނި އެކަމާ އުފާފާޅުކުރަން ފެށީ ހެނެވެ. އެހިނދު ޒިޔަޒެލް އަޑުހަރުކޮށް ގޮވާލިއެވެ. ރަށުގެ އެކި ދިމާގައި ތިބި ނަމަވެސް އެ އެންމެންނަށް ސާފުކޮށް ޒިޔަޒެލްގެ އަޑު އިވިގެން ދިޔައެވެ. އޭނާ އެދުނީ ހިކިފަހަށް ދުޝްމަނުންގެ ތެރެއިން ނަފްސެއް ނާރަނީސް ހަމަލާ ނުދިނުމަށެވެ. ތިބި މަޤާމު ދޫކޮށް އެބައިމީހުންނާ ކުރިމަތިލާން ނުދިއުމަށެވެ. އެ އަޑަށް ދުޝްމިނުންގެ ތެރެއިން ބަޔަކު ހޭރިގަތް އަޑު އިވުނެވެ. ހުތުރު ބަހުން ޒިޔަޒެލްއަށް މަލާމާތް ކުރުމުން ދެންތިބި އެންމެން އެކަމާ އެއްބައިވެ އަތްޖަހާ ވައްތަރުތައް ޖައްސާ ހީނހެދިއެވެ. ރައުލްއަށް ބަލާލެވުނީ ޒިޔަޒެލްއަށެވެ. އަމިއްލަ ހިތަށް ކުޅަދާނަނުވެގެންނެވެ. ނަމަވެސް އޭނާއަށް ފެނުނީ އެބައިމީހުންގެ ފުރައްސާރަތަކުން އެއްވެސް އަސަރެއް ޒިޔަޒެލްއަށް ނުކުރާތީއެވެ.
"ކަލޭގެ ކެތްތެރިކަން ފެނި އަހަރެން އަޖައިބުވޭ، މިހާތަނަށް އެއްވެސް ކުރިމަތިލުމެއްގައި އިދިކޮޅަށް ފުރުސަތުދީގެން ހުންނާކަށް ނުޖެހޭ" ރައުލް ބުންޏެވެ.
"ޖާހިލުންގެ ތެރޭގައިވާ ނުބައި ޝައިތާނުން އަހަރެން ދުށީން، އެއީ ހައްދުފަހަނައަޅާފައިވާ ބައެއް، މިފެންނަނީ އަދި މަދު މިންވަރެއް... އަހަރެމެންނަކީ ސުލްހައަށް ލޯބިކުރާ ބައެއް، ހަނގުރާމައަކީ އެންމެ ފަހުކަންތައް، އޭގެ ކުރީން އިސްލާހުގެ މަގަށް އަހަރެމެން ގޮވާލަން، ޖައްބާރުކަމުގައި ނިމިދާން ބޭނުންވާ ބަޔަކުނޫނީ އަހަރެމެންގެ އަތުން ޤަތުލުވެގެން ނުދާނެ، ރައުލް!... ކަލޭގެ ބުއްދީގެ މައްޗަށް ޝައިތާނުންގެ ވަސްވާސް ކުރި ހޯދިޔަ ނުދޭތި، އެމީހުން ކާމިޔާބު ހޯދާނީ އެގޮތަށް" ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް ނަޒަރު ހުއްޓާލައިގެން ހުރެ ޒިޔަޒެލް ބުންޏެވެ.
"ބޭރީތާއި ޒަގަންއަށް ހެޔޮ ވިސްނުން ލިބޭނެނަމަ، އަހަރެމެންމީ ދުރުހިލޭ ބައެއްނޫން، ބައްޕަ ޒަގަން ނުހިފެއްޓީ ކީއްވެބާއޭ އަހަރެން ހިތަށް އަރާ، ކުރިމަތި މިލަނީ ބައްޕަގެ ދެ ދަރީން، އަހަރެމެންގެ ތެރެއިން ވަކިވެގެންދާނީ ކާކުކަމެއް ނޭނގެ، ޒަގަންގެ އަމިއްލަ އެދުމުގެ ސަބަބުން ކުށެއްނެތް ފުރާނަތަކެއް ގެއްލިގެންދާނޭކަން ޔަގީން... އަހަރެން، އީޝަލްއާ ބައްދަލުނުވިނަމަ ޣާފިލްކަމުގެ ނިދިން ނުހޭލެވުނީސް" ރައުލް ބުންޏެވެ.
ދުނިޔެ މައްޗަށް އަނދިރިކަން ވެރިވެއްޖެއެވެ. ޒަގަންއަށް ތަބާވާ ޖިންނީންގެ ލަޝްކަރާއެކު ރައުލްމެންނާ ދިމާކުރަން އައިތާ ދެވަނަ ރެޔެވެ. ޒިޔަޒެލް މިޒަރެންއަށް ގޮވާލިއެވެ. އެއާއެކު ރަށުގެ އެކި ދިމާއަށް މިޒަރެންގެ ގާތުގައި ތިބިތަނުން ޖިންނީން ފޮނުވީ ކާއެއްޗެހި ދީފައެވެ. އެބަޔަކު ތިބިތަނެއްގައި ތިބެ އެމީހުންނަށް ފޯރުކޮށްދެވުނު ކޮއްތު ނެގިއެވެ. ކޮޅަށް ތިބުމުގެ ބަދަލުގައި އެންމެން ވެސް ފަސްގަނޑު މަތީ އިށީނދެއްޖެއެވެ. ޒިޔަޒެލް ފެންނަނީ މީކާޢިލްއާއި އާރަމްއާއެކު ކަމަކާ މަޝްވަރާ ކުރާ ތަނެވެ. ވަގުތުކޮޅަކަށް ރައުލް އޭނާގެ އަނބިމީހާގެ ގާތަށް އައެވެ. އޭނާ އެންމެ ކަންބޮޑުވަނީ ޒަގަންގެ އަތްދަށު އީޝަލް ވެދާނޭތީކަން ސިއްރުން ހާމަކުރިއެވެ. ހަމަޖެހެން މަސައްކަތްކުރި ނަމަވެސް އެ ޚިޔާލާ ދުރަށް ނުދެވުނުކަން ބުންޏެވެ.
"ރައުލް... ކަންބޮޑުނުވޭ، އަހަރެން ރައުލްއާއެކު އުފާވެރި ދިރިއުޅުމެއް އުޅޭން ބޭނުން، ގިނަ އަހަރުތަކަކަށް މި ދިރިއުޅުން ދެމިގެންދާން އެދެވޭ، އެހެންވިޔަސް މީ އަހަރެމެންގެ އެންމެ ފަހު ވަގުތުކޮޅަށް ވުމަކީ ވެސް ވެދާނޭ ގޮތެއް، ރައުލް!... އަހަރެންގެ ހިތާއި މި ހަށިގަނޑަކީ ހަމައެކަނި އަހަރެން ލޯބިވާ ފިރިމީހާގެ ހައްޤެއް، އަހަރެން ނިމިދާނީ ރައުލްގެ އަނތްބެއްގެ ގޮތުގައި، އެމީހުންގެ އަތްދަށުވުމުގެ ކުރީން އަހަރެންގެ ފުރާނަ ގެންދެވޭތޯ ދުޢާކުރަން، ޒަގަންއަށް ފުރުސަތެއް ނުދޭތި ރައުލް، އޭނާގެ މި ފަސްގަނޑުން އެނބުރިދާން ފުރުސަތު ނުދޭތި، މީ އޭނާ އަހަރެމެންނާ ކުރިމަތިލެވޭނޭ އެންމެފަހު ފަހަރު... އޭނާގެ ހިޔަނި ވެސް އަހަރެންގެ ޢާއިލާއަށް އެޅޭކަށް ބޭނުމެއްނޫން... ޚުދު އަހަރެން އެކަން ޔަގީންކުރާނަން" ރައުލްގެ މޭގައި އަތްތިލަ ޖައްސާލި އީޝަލް ބުންޏެވެ.
"އަހަރެންގެ ޢާއިލާއަކީ ވެސް މީ... ޒަގަންގެ މަރުގެ ޚަބަރު ހިފައިގެން ބައްޕައާ ހަމައަށް ދާނޭ މީހަކީ އަހަރެން، އަހަރެންގެ އަނބިމީހާއާއެކު އަހަރެން ޚިޔާރުކުރި ދިރިއުޅުމަށް ހުރަސް އަޅަނީ ކީއްވެތޯ އެނގެން އަހަރެން ބޭނުން، އަހަރެންނާ ދެކޮޅަށް ތެދުވާނޭ ފުރުސަތަކަށް ބަލަބަލާ ހުރި ޒަގަންއަށް އެ ފުރުސަތު ދިނީ ކީއްވެތޯ އަހަން ބޭނުން" ރައުލް ބުންޏެވެ. އޭނާގެ މޫނުގައި އީޝަލްގެ ކަނާއަތްތިލަ ޖައްސާލައި ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެ ހިނިތުންވުމުގައި ފޮރުވިފައިވީ ހާސްކަމެވެ. ބޭރީތުގެ ގާތަށް އެއްވެސް ގޮތަކުން ރައުލް އެނބުރިދިއުމަކީ އީޝަލް ރުހޭކަމެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ވަގުތެއްގައި އެކަމާ އެއްޗެއް އީޝަލް ނުބުނީ ރައުލްއަށް އިތުރު ބުރަކަމެއް ޖެހިދާނޭހެން ހީވާތީއެވެ. އޭނާ ހާމަނުކުރިނަމަވެސް ރައުލްއާ ވަކިދާންޖެހިދާނޭކަމުގެ ޚިޔާލުތައް އޭނާއަށް ވެސް އުނދަގޫކުރަމުންދިޔައެވެ. އެ ޚިޔާލުތަކުން ނަފްސު ރޫރޫ އަޅާލައިފިނަމަ ހަމަޖެހެން މަސައްކަތްކުރަނީ އަތުގައި އޮތް ކަނޑީގެ އެހީގައެވެ. އެކަނޑީގެ މުއްގަނޑަށް ލެވުނުހާ ބާރަކާއެކު ހިފަހައްޓާލައި މޫނުމަތިން ކުޑަ ވެސް ކަންބޮޑުވުމާއި ހާސްކަމުގެ އަސަރެއް ފާޅުވިޔަނުދީ ފަރުދާކުރިއެވެ. މިވަގުތަކީ އެންމެން ވެސް އެކަކުއަނެކަކުގެ ގާތުން ހިތްވަރު ހޯދާނޭ ވަގުތެއްކަން އީޝަލްއަށް އެނގެއެވެ.
ރޭގަނޑުގެ އެންމެ ފަހު ދަން ނިމި ފަތިސް ވަގުތު ފެށުނެވެ. އެންމެންގެ ސަމާލުކަމަށް އައީ ޒިޔަޒެލްގެ ގޮވާލި ގޮވާލުމެވެ. ތައްޔާރުވާން އޭނާ ގޮވާލިއިރު ރަށުގެ ބިންގަނޑަށް ލޮޅުން އަރަން ފަށައިފިއެވެ. ފަޒާގައި ފަރުހަކިވަސް ހިފަން ފެށިއެވެ. ޒިޔަޒެލްގެ އަމުރަށް ނިކަން އަވަހަށް ކިޔަވާފައިހުރި ފެންކަންވާރުތަކުން ފެން ނަގައިގެން ގެނެސް ރާވިންއާއި ސޭމެސްއާއި ހަތޯރާއި ދާރިއުސްގެ ގަޔަށް އަޅައިއެވެ. މިޒަރެން ހިފައިގެން އައި ފެންތަށި ދިއްކޮށްލީ ޒިޔަޒެލްގެ އަތަށެވެ. ރައުލްގެ ގަޔަށް ފެންއެޅީ އޭނާއެވެ. އަދި ސަމާލުވެ ތިބުމަށް އެންމެންނަށް ޒިޔަޒެލް އެންގިއެވެ. ދުޝްމަނުން ރަށުތެރެއަށް އަރައިގަންނަން ތައްޔާރުވެއްޖެކަމުގައި ޒިޔަޒެލް ގޮވާލިއެވެ. މީކާޢިލްއަށް އީޝަލްގެ މުލައްދަނޑީގައި ހިފައި ގާތަށް ދަމާލެވުނެވެ. އޭނާގެ ހިމާޔަތަށް ދަރިފުޅު ގެނެވުނު ފަދައަކުންނެވެ. އެއްގަމުގައި ހުރި ނިކަގަހެއްގެ ގާތަށް އާރަމް ހުއްޓީ އެ ގަހުގެ މެދުން އިރާލައި އޭގެ މެދަށް އޭނާ ޔާފިއާ ލިއެވެ. އަދި ހުރިހާ ކަމެއް ނިމެންދެން އަޑެއް ވެސް ލައްވާނުލައި އެތަނުގައި އިނުމަށް އޭނާ ބުންޏެވެ. އާރަމް ދުނިޔޭގައި ހުއްޓައި އެ ގަހަށް ގެއްލުމެއް ނުވާނޭކަން ޔަގީންކޮށްދިނެވެ. ކަންބޮޑުވި ޔާފިޔާގެ ލޮލުން ކަރުނަ ނިރާލިއެވެ. ހަނގުރާމައިގެ މައިދާނުގައި އޭނާގެ ފިރިމީހާ ވަނިކޮށް އެއިން އެއްވެސް މަންޒަރެއް ލޮލަށް ނުފެނި އެ ފިރިމީހާ ވަކިވެގެން ހިނގައިދާނޭ ކަމުގެ ބިރު ހިތުގައި އުތުރިގަތީއެވެ. އެހިނދު އޭނާގެ ބޮލުގައި އާރަމް ފިރުމާލިއެވެ.
"ބިރުނުގަނޭ ކޮއިފުޅާ... އަހަރެން ކަލޭ ރައްކާތެރިކުރާނަން، ކަލޭގެ ފިރިމީހާއާ ހަމައަށް ސަލާމަތުން ރައްދުކޮށްދޭނަން" ގަސްގަނޑުގެ ހޮއި ހެދި ދެފަޅިއަށް ފޭވެފައިވާ ބައި އަލުން އިހު ހުރިހެން ކައިރިކޮށްލަމުން އާރަމް ބުންޏެވެ. ފަހު ފަހަރަށް ޔާފިއާ ނަޒަރު ސީދާކޮށްލައި ފަނޑު ހިނިތުންވުމެއް އެ އަންހެންކުއްޖާއާ އާރަމް ބަދަލުކޮށްލިއެވެ. އަދި އޯގާތެރިކަމާއެކު އޭނާގެ ތެމިފައިވާ ކޯތާފަތް ފުހެލަ ދިނެވެ. އިތުރު ވާހަކައެއް ނުދައްކައި ގަސްގަނޑު ބަންދުކޮށްލިއެވެ. އޭނާ ގަހުގައި ހިފަހައްޓާލައިގެން ހުރެ ކިޔެވުމަށްފަހު އިނގިލިކުރިން އެއްޗެހިތަކެއް ލިޔުނެވެ. އެއަށްފަހު އޭނާ ޔާފިއާއަށް ގޮވާލައި ﷲގެ އިޒުނައާއެކު އެ ދޮރު އޭނާ ހުޅުވަންދެން ބަންދުވެފައިވާކަމާއި ބިރުނުގަތުމަށާއި، ހުރިހާކަމެއް ނިމި އަމާންވުމުން އޭނާ ޔާފިއާ ނޭރޭނަންކަން އާރަމް ބުންޏެވެ. އަދި ހިނގާ ހުރިހާކަމެއްގެ އަޑުތައް އިވިއިވި ހުންނާނޭކަމާއި އެކަމާ އެއްވެސް ވަރަކަށް ކަންބޮޑުނުވުމަށެވެ. އާރަމް ދެން ހުއްޓިލީ ގަހުގެ ކުރިމަތީ ދުޝްމަނުންނާ ކުރިމަތިލައެވެ.
ބިންހެލުމެއް އައިފަދަ ގުޑުމެއް އަރައިގެން ދިޔަހިނދު ކޮންމެ މީހަކު ވެސް ހުރި ތަނުން ފައި ކައްސާލާ ގޮތްވިއެވެ. ނަމަވެސް ގާތުގައި ހުރި ބައިވެރިޔާގެ އެހީއާއެކު ހުރި ފިޔަވަޅުމަތީ ސާބިތުވެލީ ނިކަން އަވަހަށެވެ. ކަންބޮޑުވުމާއެކު އީޝަލްއަށް އޭނާގެ ކަނޑި އުފުލާލެވުނެވެ.
"އެމީހުން އަރައިފި... ބައްޕާ!... އެމީހުން އަރައިފި..." މިފަހަރު އީޝަލްއަށް ވެސް ލިބުނު ހާސްކަން ނުފޮރުވުނެވެ.
"އީޝަލް" އޯގާތެރިކަމާއެކު މީކާޢިލް ގޮވާލިއެވެ. އެ ގޮވާލި ގޮވާލުން އީޝަލްގެ ހިތަށް ސާބިތުކަން ވެރިކުރުވިއެވެ. ބައްޕައާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ އީޝަލް މަޑުމަޑުން ބޯޖަހާލިއެވެ.
ޒިޔަޒެލް ހަރުއަޑުން ގޮވާލިއެވެ. ދުޝްމިނުންގެ ލަޝްކަރުން ބޭނުންވަނީ ކޮންކަމެއްތޯ އޭނާ އެއްސެވެ. ފުރާނަތަކެއް ގެއްލިގެން ދިއުމުގެ ބަދަލުގައި ދެމެދުގައި އެއްބަސްވުމަކަށް އާދެވޭނޭ ކޮޅެއް އޮތްތޯ ބަލަން މަޝްވަރާކުރުމަށް އޭނާ އެދުނެވެ. އެއަޑަށް އިހުނަށްވުރެ ރަށާ ގާތަށް ޖެހިލައި ހުރި ޒަގަންގެ ބާރު ހިނިގަނޑުގެ އަޑު އިވުނެވެ.
"އީޝަލް އަހަރެންނަށް ދީ، އޭރުން ކަލޭމެންގެ ތެރެއިން އެކަކު ވެސް ނުމަރާނަން، އަހަރެމެން އެނބުރި ހިނގައިދާނަން" ޒަގަން ބުންޏެވެ.
"އޭނާ ގެންދަން ބޭނުންވަނީ ކީއްވެ؟ އެއީ ކަލޭގެ އަޚާގެ އަނބިމީހާއެއްނު؟" ކަންކަން އެނގި ހުރެ ވެސް ޒިޔަޒެލް އެއްސެވެ.
"އީޝަލްއަކީ އަހަރެންގެ ހައްޤެއް، އަހަރެންނޫން ފިރިއެއް އޭނާގެ ނުހުންނާނެ، ތި ހުރި ކާފަރު ކަލޭގެއަކީ ދުނިޔޭން މޮޔަވެފައި ހުރި މީހެއް، އަހަރެން ޤަބޫލެއްނުކުރަން އޭނާއާ އަހަރެންގެ ދެމެދު އެއްވެސް ގުޅުމެއް އޮތްކަމަކަށް، އަހަރެންގެ ބައްޕަވަނީ އޭނާ ބޭރުކޮށްލާފައި، އޭނާ މަރާލަންވީތަ؟ އޭނާ މަރާލަފައިފައި ދެންތިބި މީހުން ދޫކޮށްލަފާނަން، އެކަމަކު ހަތޯރާއި ރާވިން ދުލެއް ނުކުރާނަން، އެ ދެމީހުންނަށް ޖެހޭނީ އަހަރެންނާއެކު ދާން، އީޝަލް މުޅިއުމުރަށް އަހަރެންގެ ގާތުގައި ހުންނާނީ، އަހަރެންގެ ގަނޑުވަރުގައި" ބޮޑާކަމާއެކު ޒަގަން ވާހަކަދެއްކިއެވެ.
"ﷲ ގަންދީ ބުނަން، އަހަރެންގެ ފުރާނަ ހުއްޓާ ކަލޭމެންގެ ތެރެއަށް އޭނާ ގެންދިޔަކަ ނުދޭނަން، އީޝަލްއަކީ އަހަރެންގެ ދަރިއެއް" މީކާޢިލް ނުރުހުންވެފައި ބުންޏެވެ.
"ކަލޭމެންގެ ހުއްދައަކަށް އަހަރެން އެހީންތަ؟ އެންމެ ދެތީން މީހުން ވެގެން ކުރެވޭނީ ކޮންކަމެއް؟... ކަލޭމެންގެ ކަނޑިތައް އުރައިން ދަމައިގަންނަންވާއިރަށް ކަލޭމެން އެންމެންގެ ވަސް ވެސް އަހަރެން ފުހެލާނަން، އާރެއް ބާރެއްނެތް ބަލިކަށި ނިކަމެތި ބައެކޭ... އެކަމަކު މޭފުއްޕާފައި ނުކުމެ މިތިބީ... އަހަރެން އީޝަލް ގޮވައިގެން ދާއިރު މި ފަސްގަނޑުގައި ދިރޭ ފުރާނައެއް ނުހުންނާނެކަން ހަނދާންކުރާތި، ފިލަން ދުވަންޏާ ދުވޭ... އެ ފުރުސަތު ކަލޭމެންނަށް އަހަރެން ދީފިން" މަލާމާތުގެ ރާގުގައި ޒަގަން ބުނެ ހީނގަތެވެ.
"ކަލޭގެ ފުރުސަތު ކަލެއަށް، މި ކުރިމަތިލުން ހިނގާނެ... ނަސްރުލިބުންވަނީ ކޮންބަޔަކަންކަން ނިންމަވާނެ ފަރާތަކީ އަހަރެމެންނާއި ކަލޭ ވެސް ޚަލްޤު ކުރެއްވި ރަސްކަލާނގެ، ސޭމެސް، ހަތޯރު، ދާރިއުސް... ރާވިން... ތައްޔާރުވޭ، މީ އަހަރެމެން އެންމެންނަށް ވެސް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެއް، އޭނާ އައިސް އެ ހުރީ ކަލޭމެންނާ އޮތް އެއްބަފާކަން ޚަތަމް ކުރުމަށް، ކަލޭމެންގެ އަޚާގެ އަނބިމީހާގެ މައްޗަށް އަތްފޯރުވައި ހިތްނިޔަތް ނުބައިވެފައި، އޭނާއާއި އޭނާއާއެކު ވީ ބަޔަކާ ކުރިމަތިލާން ތައްޔާރުވޭ، އަހަރެމެންނަކީ އޭނާއަށް ބޯލަނބާނޭ ބައެއްނޫން، އަހަރެމެންނަކީ ޖައްބާރެއްގެ އިންޒާރުތަކަށް ސިހޭނޭ ބައެއްނޫން، ކަލޭމެންގެ ހަތިޔާރުތައް އުފުލައި... ކަލޭމެންގެ ވެރި އިލާހުގެ މައްޗަށް ހިތުގައި ޔަގީންކަން ބާއްވާ" ޒިޔަޒެލް ގޮވާލިއެވެ. އޭނާގެ އަޑަށް އެންމެން ކިޔަމަންވިއެވެ.
ޒަގަންގެ އިޝާރާތާއެކު ލަޝްކަރުގެ ހަމަލާތައް ގަދަފަދަވެގެން ދިޔައެވެ. ބިންގަޑަށް އެރި ލޮޅުން ވެސް އިހަށްވުރެ ބާރުގަދައެވެ. އެހިނދު ޒަލަފް ގޮވާލި އަޑު އިވުނެވެ. ހަނގުރާމަ ފެށުނީކަން ޔަގީންވިއެވެ. ނަގުރޯޅިއެއް ފަދައިން ރަށުތެރެއަށް އެއްދިމާއަކުން ކަނޑުގެ ލަޝްކަރު އަރައިގަނެއްޖެއެވެ. ދެންފެނުނީ ލުގަލްބަންދާއާއި ޒަލަފްގެ ސިފަ ބަދަލުވެގެން ދިޔަތަނެވެ. އެމީހުންނާ ފުރަތަމަ ކުރިމަތީ އެ ދެ މީހުންނެވެ. ކަޅު އެންދެރި ފަދަ ދިހުން އަރައަރާ ހުރި ހަންގަނޑުގެ ތެރެއިން ފާޅުވަނީ ޒަލަފްގެ ރަތްކުލައިގެ ދެ ލޮލެވެ. ނިތްކުރިމަތިން އުފުލިފައިވާ ދެ ދަޅުވަނީ ބޮޑުކަމުން ފަހަތަށް ލެނބިފައެވެ. އަތުގެ އިނގިލިތައް ދެމި ކޮޅުތައް އޫވެ ނިޔަފަތިތައް ވަކިތަކެއް ފަދައިން ނުކުމެފައެވެ. އޭނާ އިސްކޮޅަށް ވުރެ މީހާ ބިޔަވެފައި ބޮޑުކަމަށް ފެނެއެވެ.
(ނުނިމޭ)