އެމެރިކާއިން އެ ގައުމުގެ އަސްކަރީ ސިފައިންނާއި މަތިންދާ ބޯޓުތައް މެދު އިރުމައްޗަށް ފޮނުވުމަކީ ބައިނަލް އަގްވާމީ ދުނިޔޭގެ ސުލްހައަށް އޮތް ބޮޑު ބިރެއް ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު މުހަންމަދު ޖަވާދު ޒާރިފް ވިދާޅުވެއްޖެ އެވެ.
އިރާނުގެ ރަސްމީ ނޫސް އިސްލާމިކް ރިޕަބްލިކް ނިއުސް އެެޖެންސީ (އައިއާރްއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާއިން މެދުއިރުމަތީގައި ހަރަކާތްތެރިވާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު އޭގެ ސަބަބުން ދުނިޔޭގެ ސުލްހައަށް ކުރިމަތިވެފައިވާ ނުރައްކަލަށް ސަމާލުވާން ޖެހެ އެވެ.
މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިންގެ ފައުޖަށް މިދިޔަ ހުކުރު ދުވަހު ވަނީ 1500 މީހުން އެމެރިކާއިން އިތުރުކޮށްފަ އެވެ.
މޭ މަހުގެ 12 ވަަނަ ދުވަހު ފުޖެއިރާގެ ބަނދަރު ކައިރީގައި އޮތް ސައުދީ އާއި ޔޫއޭއީގެ ހަތަރު ތެޔޮ ޓޭންކަރަކަށް ރާވައިގެން ދިން ހަމަލާތަކަކީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ދީފައިވާ ހަމަލާތަކެއް ކަމަށް ތުހުމަތު ކޮށްފައިވާއިރު އޭގެ ކުރިން އިރާނުގެ ރިވޮލިއުޝަނަރީ ގާޑަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް އެމެރިކާއިން ވަނީ ކަނޑައަޅާފަ އެވެ.
އެމެރިކާއިން އެ ހާދިސާގެ އެސެސްމަންޓެއް ހަދާ އެއީ އިރާނުން ކޮށްފައިވާ ކަމެއްކަމަށް ބުނި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ. އަދި އިރާނުން އެ ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ.